ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް އެންމެ މަގުބޫލް މަންޒިލަކަށް ދިވެހިރާއްޖެ!

މެދުކެނޑުމެއް ނެތި ޖެހި ޖެހިގެން ނުވަ ވަނަ އަހަރު އިނގިރޭސީންގެ މެދުގައި އެންމެ މަގުބޫލް "ދުރު ރާސްތާ" މަންޒިލްގެ މަގާމު ރާއްޖެއަށް ލިބިއްޖެ އެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ޓުއާ އޮޕަރޭޓަރެއް ކަމަށްވާ "ކުއޮނީ" އިން ނެރެފައިވާ "ޓްރެވަލް އެޑިޓް 2014"ގައި ބުނެފައި ވަނީ މިއަހަރު ވެސް ދުރު ރާސްތާގެ މަންޒިލެއްގެ ގޮތުގައި އެންމެ ގިނަ އިނގިރޭސިން ދަތުރުކުރާނީ ދިވެހިރާއްޖެ އަށް ކަމަށެވެ.

"ޓެރްވަލް އެޑިޓް 2014" އަކީ 2013 ވަނަ އަހަރުގައި އިނގިރޭސިން އެންމެ ގިނައިން ޒިޔާރަތްކުރި މަންޒިލްތަކަށް ބެލުމަށް ފަހު 2014 ވަނަ އަހަރަށް އިނގިރޭސިން އެންމެ ގިނައިން ދާނެ ގައުމުތައް ލަފާކޮށް ނެރޭ ޓްރެވަލް ޓްރެންޑްސް ރިޕޯޓެކެވެ.

މިރިޕޯޓުގައި އެންމެ މަގުބޫލު ދުރު ރާސްތާ މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ އޮންނަތާ މިހާރު ނުވަ އަހަރު ވަނީ ވެފަ އެވެ. ދުރު ރާސްތާ ގެ މާނައަކީ ދިގު ދަތުރަކަށް ފަހު ދެވޭ ދުރު މަންޒިލްތަކެވެ.

މިއަހަރުގެ ރިޕޯޓުގެ އެއްވަނައިގައި ދިވެހިރާއްޖެ އޮތް އިރު، ދެވަނައިގައި އޮތީ ތައިލެންޑް އެވެ. ތިންވަނައިގައި ސްރީ ލަންކާ އޮތް އިރު، ހަތަރުވަނައިގައި ޔޫއޭއީ އަދި ފަސްވަނައިގައި އޮތީ އެމެރިކާ އެވެ.

ކުއޮނީއިން ބުނީ މެދުކެނޑުމެއް ނެތި އެންމެ މަގުބޫލް މަންޒިލް ރާއްޖެއަށް ލިބެމުންދަނީ ރާއްޖޭގެ ދޮންވެލި ގޮނޑުދޮށްތަކާއި ލަގްޒަރީ ރިޒޯޓް ރަށްތަކުގެ ސަބަބުން ކަމަށެވެ. މިސަބަބުތަކަށްޓަކައި އަލަތު ކައިވެންޏަށް ފަހު ހަނީމޫނަށް އަންނަ މީހުންގެ މެދުގައި ރާއްޖެ މަގުބޫލުކަން ހޯދާފައިވާއިރު، ރާއްޖޭގައި ލިބެން ހުރި މޫދު ކުޅިވަރުގެ ފުރުސަތުތަކުގެ ސަބަބުންވެސް ގިނަ މީހުން ރާއްޖެއަށް އަންނަ ކަމަށް ކުއޮނީއިން ބުނެ އެވެ. މީގެ ތެރޭގައި ކުއޮނީއިން ހާއްސަކޮށް ފާހަގަކޮށްފައި ވަނީ ސެއިލިން އަދި ޑައިވިން ފަދަ މޫދު ކުޅިވަރުތަކެވެ.

އެންމެ މަގުބޫލް ފަސް މަންޒިލާއެކު ދުރު ރާސްތާގެ އެންމެ މަގުބޫލް 10 މަންޒިލްގެ ތެރޭގައި ހިމެނެނީ މޮރިޝަސް، މެލޭޝިޔާ، ކިއުބާ، އެންޓިގުއާ އަދި ސިންގަޕޫރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު