މާލެ-ހުޅުލެ ބްރިޖް: އެންމެ ދިގު ބްރިޖްތައް އެޅި ކުންފުނިތަކުން ވެސް ޝައުގުވެރިވޭ

މާލެ-ހުޅުލެ ބުރިޖު އެޅުމަށް ބޭރުގެ 19 ކުންފުންޏަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ސަރުކާރުން މިހާރު ނިންމާފައި ވަނީ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެ ކުންފުނިތަކަށް ފުރުސަތު ދިނުމަށެވެ. ތިރީގައި މި ވަނީ ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ޕްރޮފައިލްތަކެވެ.

ޗައިނާ މެޝިނަރީ އެންޑް އިންޖިނިއަރިންގް ކޯޕަރޭޝަން (ޗައިނާ)

ޗައިނާ މެޝިނަރީ އެންޑް އިންޖިނިއަރިންގް ކޯޕަރޭޝަން (ސީމެކް)އަކީ 1978 ގައި ޗައިނާ ނެޝަނަލް މެޝިނަރީ އިންޑަސްޓްރޯ ކޯޕަރޭޝަންގެ ދަށުން އުފެދުނު ކުންފުންޏެކެވެ. ޗައިނާގެ އެންމެ ބޮޑު އިންޓަނޭޝަނަލް އިންޖިނިއަރިންގް ކޮންޓްރެކްޓަރުގެ ގޮތުގައި މަޝްހުރުވެފައިވާ ސީމެކްގެ އެންމެ މައިގަނޑު ވިޔަފާރިއަކީ ކޮންސްޓްރަކްޝަން އަދި އިންޖިނިއަރިންގް މަސައްކަތްތަކެވެ. މިގޮތުން ތުރުކީ، ޕާކިސްތާން، މެލޭޝިޔާ، އިންޑޮނޭޝިއާ، ސްރީ ލަންކާ އަދި ބެލަރުސްގައި އެ ކުންފުނިން ދަނީ ތާމަލް ޕަވާ ޕްލާންޓް ބިނާ ކުރުމުގެ މަސައްކަތްތައް ކުރަމުން ނެވެ. ދަތުރުފަތުރުކުރުމުގެ ދާއިރާގައި ވެސް އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ މަސައްކަތް ސީމެކްއިން އަންނަނީ ކުރަމުން ނެވެ. މިގޮތުން އެންގޯލާގައި ރެއިލްވޭ ލައިނެއް ބިނާކުރުމާއި ކޮންގޯ އަދި އައިވޮރީ ކޯސްޓުގައި 125 ކިލޯމީޓަރުގެ ތާރު މަގު އެޅުން ފަދަ ބޮޑެތި މަޝްރޫއުތައް ސީމެކްއިން ވަނީ ހިންގާފަ އެވެ.

ސިނޯހައިޑްރޯ ރިސޯސަސް ލިމިޓެޑް (ޗައިނާ)

ސިނޯހައިޑްރޯ ރިސޯސަސްއަކީ ޗައިނާގެ ސަރުކާރުން ހިއްސާވާ ހައިޑްރޯޕަވާ އިންޖިނިއަރިންގް އަދި ކޮންސްޓްރަކްޝަން ކުންފުންޏެކެވެ. މީގެ 64 އަހަރު ކުރިން 1950 ވަނަ އަހަރު އުފެދުނު ސިނޯހައިޑްރޯއިން ދަނީ ބައިނަލް އަގުވާމީ ގޮތުން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. މިގޮތުން މިހާރު ދުނިޔޭގެ 55 ގައުމެއްގައި ސިނޯހައިޑްރޯއިން މަޝްރޫއުތައް ހިންގަމުންދާ ކަމަށް ފައިނޭންޝަލް ޓައިމްސްއިން ބުނެ އެވެ. މީގެ ތެރޭގައި ނައިޖީރިޔާގައި ހައިޑްރޯޕަވާ ސްޓޭޝަނެއް އިމާރާތްކުރުމުގެ މަސައްކަތާއި ޖޯޖިއާގައި 129 މިލިއަން އެމެރިކާ ޑޮލަރުގެ މަގު ހެދުމުގެ މަސައްކަތާއި އުގާންޑާގައި 600 މެގަވޮޓްގެ ޕަވާޕުލާންޓެއް އިމާރާތްކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ޗައިނާ)
ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީއިން ބިނާކޮށްފައިވާ ހަންގްޒައު ބޭ ބްރިޖް: ދިގުމިނުގައި 35.6 ކިލޯމީޓަރު ހުންނަ މިބްރިޖަކީ ކަނޑު ހުރަސްކޮށް ބިނާކޮށްފައިވާ އެންމެ ދިގު 10 ބްރިޖްގެ ތެރޭގައި ހިމެނޭ ބްރިޖެއް --


ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީއަކީ 2005 ގައި ޗައިނާ ހާބާ އިންޖިނިއަރިންގް ކޮމްޕެނީ އަދި ޗައިނާ ރޯޑް އެންޑް ބުރިޖު ގުރޫޕް އެއްކޮށްލުމަށްފަހު އުފެއްދި ކުންފުންޏެކެވެ. އެ ކުންފުންޏަކީ ވެސް ޗައިނާގެ ސަރުކާރުން ހިއްސާވާ ކުންފުންޏެކެވެ. މީގެ ކުރިން އެ ކުންފުނިން ވަނީ ބުރިޖު އެޅުމުގެ ގިނަ މަޝްރޫއުތަކެއް ހިންގާފަ އެވެ. މީގެ ތެރޭގައި ހަންގްޒައު ބޭ ބުރިޖު، ސޫޓޮންގް ޔާންޒޭ ރިވާ ހައިވޭ ބުރިޖު އަދި ޑޮންގްހައި ބުރިޖު ފަދަ މަޝްރޫއުތައް ހިމެނެ އެވެ. ތިރީސް ފަސް ކިލޯމީޓަރު ނުވަތަ 22 މޭލުގެ ދިގު މިން ހުންނަ ހަންގްޒައު ބޭ ބްރިޖު އަދި 32 ކިލޯމީޓަރު ނުވަތަ 20 މޭލުގެ ދިގުމިން ހުންނަ ޑޮންގްހައި ބްރިޖަކީ ކަނޑު ހުރަސްކޮށް ބިނާކޮށްފައިވާ އެންމެ ދިގު 15 ބްރިޖުގެ ތެރޭގައި ހިމެނޭ ދެބިނާ އެވެ.
ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީއިން ބިނާކޮށްފައިވާ ހަންގްޒައު ބޭ ބްރިޖް: ދިގުމިނުގައި 35.6 ކިލޯމީޓަރު ހުންނަ މިބްރިޖަކީ ކަނޑު ހުރަސްކޮށް ބިނާކޮށްފައިވާ އެންމެ ދިގު 10 ބްރިޖްގެ ތެރޭގައި ހިމެނޭ ބްރިޖެއް --


ޑޮންގްފެންޑް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޗައިނާ)

ޑޮންގްފެންގް އިލެކްޓްރިކް އިންޓެނޭޝަނަލް އަކީ ވެސް ޗައިނާގެ ސަރުކާރުން ހިއްސާވާ ކުންފުންޏެކެވެ. ހަކަތައިގެ ދާއިރާ އަދި އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ ދާއިރާގައި މަޝްރޫއުތައް ހިންގާފައިވާ ޑޮންގްފެންގުން މިހާތަނަށް ބްރިޖެއް ބިނާކުރުމުގެ މަސައްކަތް ކޮށްފައެއް ނުވެ އެވެ. ނަމަވެސް ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗާގެ ދާއިރާއިން ޑޮންގްފެންގް އިލެކްޓްރިކްއިން މަޝްރޫއުތަކެއް ހިންގާފައިވެ އެވެ. ހާއްސަކޮށް ރެއިލްވޭ ބިނާކުރުމާއި ރެއިލްވޭގެ ލޮކޮމޯޓިވް އުފެއްދުމުގައި ޑޮންގް ފެންގުން ޕާކިސްތާނުގައި ވެސް މަޝްރޫއުތަކެއް ހިންގާފައިވެ އެވެ.

ދަ ރެއިންވުޑް ގުރޫޕް (ޗައިނާ)

ޕްރޮޕަޓީ ޑެވެލޮޕަރެއްގެ ގޮތުގައި ކާމިޔާބީތަކެއް ހޯދާފައިވާ ރެއިންވުޑް ގުރޫޕަކީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް އާ ކުންފުންޏެކެވެ. ގިނަ އަދަދެއްގެ ހޮޓާ އަދި ރިޒޯޓްތަކަކާއި ރިއަލް އެސްޓޭޓް ކުންފުނިތަކެއް ހިންގާ ރެއިންވުޑް ގުރޫޕަކީ ޗައިނާގައި ރެޑްބުލް އުފައްދާ ކުންފުންޏެކެވެ.

ޗައިނާ ހާބާ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑް (ޗައިނާ)

ޗައިނާ ހާބާ އިންޖިނިއަރިންގް ކޮމްޕެނީ އަކީ މާލެ - ހުޅުލެ ބުރިޖު ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީގެ ސަބްސިޑައިރީއެކެވެ. ހާބާ އިންޖިނިއަރިންގް ކޮމްޕެނީއިން އެންމެ ފަހުން ހިންގާފައިވާ މަޝްރޫއަކީ ދެކުނު އޭޝިޔާގެ ނިސްބަތުން ވެސް ބިޔަ އަދި ބޮޑު މަޝްރޫއެކެވެ. އެއީ ސްރީ ލަންކާގެ ހަމްބަންޓޯޓާގައި ބަނދަރެއް ބިނާކުރުމުގެ މަޝްރޫއެވެ. މިއަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ މެގަމްޕޫރާ މަހިންދަ ރާޖަޕަކްސާ ޕޯޓް ވެގެންދާނީ ދެކުނު އޭޝިޔާގެ އެންމެ ބޮޑު ބަނދަރަށެވެ.

ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (ޗައިނާ)
ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޮންޕެނީއަކީ ވެސް ޗައިނާގެ ސަރުކާރުން ހިއްސާވާ ކުންފުންޏެކެވެ. ސީދާ ބުރިޖު އެޅުމުގެ ދާއިރާގައި މަސައްކަތްނުކުރި ނަމަވެސް، ރެއިލްވޭ ކޮންސްޓްރަކްޝަނުން އަޅާފައިވާ ބައެއް ރެއިލްވޭ ތަކަކީ ބުރިޖެއްގެ މަތިން ދަތުރުކުރާ ރެއިލްވޭ ލައިންތަކެއް ކަމުން ބުރިޖު އެޅުމުގެ ތަޖުރިބާވެސް ހުރި ކުންފުންޏެކެވެ. ތުރުކީ، ނައިޖީރިއާ އަދި އަލްޖީރިއާ ފަދަ ގައުމުތަކުގައި ރެއިލްވޭގެ މަޝްރޫއުތައް ހިންގާފައިވާ ޗައިނާ ރެއިލްވޭއިން ވަނީ ބައެއް ގައުމުތަކުގައި މަގު ހެދުމުގެ ޕްރޮޖެކްޓްތަކެއްވެސް ހިންގާފަ އެވެ.

އޭއޭއީ ސިސްޓަމްސް އިންކޯޕަރޭޓެޑް (އެމެރިކާ)

އެމެރިކާގެ އޭއޭއީ ސިސްޓަމްސްއަކީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގެ ދާއިރާއިން 25 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. އެފްރިކާގެ ގައުމުތަކުގައި ޖިއޯ ތާމަލް ޕަވާ ޕުލާންޓްތައް ބިނާކުރުމުގެ މަސައްކަތްކޮށްފައިވާ އޭއޭއީ އަކީ އެމެރިކާގައި މަގު ހެދުމާއި ބުރިޖު އެޅުމުގެ މަޝްރޫއުތަކެއް ހިންގާފައިވާ ކުންފުންޏެކެވެ.

ވިންސީ ކޮންސެޝަންސް (ފްރާންސް)

ފަރަންސޭސިވިލާތުގެ ވިންސީ ކޮންސެޝަންސްއިން އިނގިރޭސިވިލާތުގައި ބިނާކޮށްފައިވާ ސެވާން ބްރިޖް: މިބްރިޖަކީ އިނގިރޭސިވިލާތާއި ވޭލްސް ގުޅުވާލުމަށް ކޯރެއް ހުރަސްކޮށް އަޅާފައިވާ ބްރިޖެއް --

ފްރާންސްގެ ވިންސީ ކޮންސެޝަން އެންޑް ކޮންސްޓްރަކްޝަންއަކީ ބުރިޖު އިމާރާތްކުރުމުގައި މަސައްކަތްކޮށްފައިވާ ކުންފުންޏެކެވެ. މީގެ ކުރިން ވިންސީ ކޮންސްޓްރަކްޝަނުން ވަނީ ޕޯޗުގަލް، ކެނެޑާ އަދި އިނގިރޭސިވިލާތުގައި ބުރިޖު އެޅުމުގެ މަޝްރޫއުތައް ހިންގާފަ އެވެ. ފަރަންސޭސިވިލާތުގެ ގައުމީ ސްޓޭޑިއަމް ކަމަށްވާ ސްޓޭޑް ޑި ފްރާންސް އިމާރާތްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ވެސް ވިންސީ އިން ނެވެ.
ފަރަންސޭސިވިލާތުގެ ވިންސީ ކޮންސެޝަންސްއިން ޕޯޗުގަލްގައި ބިނާކޮށްފައިވާ ޓޭގަސް ބްރިޖް: މިބްރިޖަކީ ޕޯޗުގަލްގެ ޓޭގަސް ކޯރުގެ މަތިން ދަތުރުކުރާ ބްރިޖެއް --

ޝަޕޫރުޖީ ޕަލޮންޖީ ރޯޑްސް ޕްރައިވެޓް ލިމިޓެޑް (އިންޑިއާ)

ޝަޕޫރުޖީ ޕަލޮންޖީ އަކީ އިންޑިއާގެ އެންމެ ބޮޑު އެއް ބިޒްނަސް އެމްޕަޔާ އެވެ. ޝަޕޫރުޖީ ޕަލޮންޖީ ގުރޫޕް އޮފް ކޮމްޕެނީސްގެ ދަށުން ހުރިހާ ބާވަތެއްގެ ވިޔަފާރިކުރާ ކުންފުނިތައް ދަނީ މަސައްކަތް ކުރަމުން ނެވެ. މީގެ ތެރެއިން އެއް ކުންފުންޏަކީ ޝަޕޫރުޖީ ޕަލޮންޖީ ރޯޑްސް ލިމިޓެޑެވެ. ދިއްލީގެ ޖަވާހިރުލާލް ނެހެރޫ ސްޓޭޑިއަމްއަކީ ދިވެހިން ދަންނަ ސްޓޭޑިއަމެކެވެ. މިސްޓޭޑިއަމް އިމާރާތްކުރުމުގެ މަސައްކަތްކޮށްފައި ވަނީ މިކުންފުނިން ނެވެ. މީގެ އިތުރުން އިންޑިއާގައި ގިނަ އަދަދެއްގެ މަގު ހެދުމުގެ މަޝްރޫއުތައް ޝަޕޫރުޖީ ޕަލޮންޖީއިން ހިންގާފައިވެ އެވެ.

އައިއެލް އެންޑް އެފްއެސް ޓްރާންސްޕޮޓޭޝަން ނެޓްވޯކްސް ލިމިޓެޑް (އިންޑިއާ)

އައިއެލް އެންޑް އެފްއެސް ޓްރާންސްޕޮޓޭޝަން ނެޓްވޯކްސްއަކީ އިންޑިއާގައި މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. މިގޮތުން ވެސްޓް ގުޖުރާތު އެކްސްޕްރެސްވޭއާއި ޓްރިވެންޑްރަމްގެ މަގުތައް ތަރައްގީކުރުން ފަދަ ބޮޑެތި މަޝްރޫއުތައް އައިއެލް އެންޑް އެފްއެސްއިން ހިންގާފައިވެ އެވެ. މީގެ ކުރިން އައިއެލް އެންޑް އެފްއެސްއިން ވަނީ ދިއްލީގެ ބުރިޖެއްގެ މަޝްރޫއުވެސް ހިންގާފަ އެވެ. ޑީއެންޑީ ފުލައިވޭގެ ނަން ދީފައިވާ ބުރިޖަކީ ކޯރެއްގެ މަތިން ދަތުރުކުރާ އަށް ލޭންގެ ބުރިޖެކެވެ.

އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑް (ރާއްޖެ)

އެމްޓީ ހޯގާޑަކީ ޑެންމާކުގައި ހިންގާ ކުންފުންޏެކެވެ. މާލެ - ހުޅުލެ ބުރިޖުގެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އެކުންފުނީގެ ރާއްޖޭގެ އޮފީހުން ނެވެ. މީގެ 15 އަހަރު ކުރިން 1999 އިން ފަށައިގެން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އެމްޓީ ހޯގާޑަކީ ރާއްޖޭގައި މިފަދަ މަޝްރޫއެއް ހިންގާއިރު ދިމާވާނެ ގޮންޖެހުންތައް އެންމެ ގާތުން ދަންނާނެ އެއް ކުންފުންޏެވެ. ރާއްޖޭގެ ގިނަ ރަށްތަކުގެ ބަނދަރުގެ މަޝްރޫއުތައް ހޯގާޑުން ހިންގާފައިވާއިރު، އެކުންފުނިން ވަނީ ރިޒޯޓްތަކުގައިވެސް ތަފާތު މަޝްރޫއުތައް ހިންގާފަ އެވެ. މީގެ ތެރޭގައި ކޮންރެޑް ރަންގަލި އައިލެންޑް ރިޒޯޓާއި ކައިރީގައި އޮތް ފަޅު ރަށް 780 މީޓަރުގެ ދިގު ބުރިޖަކުން ގުޅާލުމުގެ މަސައްކަތް ހިމެނެ އެވެ.

މަބޭ ބުރިޖު ލިމިޓެޑް އަދި ލަގާން ކޮންސްޓްރަކްޝަން (އިނގިރޭސިވިލާތް)

މަބޭ ބްރިޖް ލިމިޓެޑަކީ އިނގިރޭސިވިލާތުގެ ކުންފުންޏެކެވެ. ލަގާން ކޮންސްޓްރަކްޝަން އަކީ އަޔަލެންޑުގެ ކުންފުންޏެކެވެ. މަބޭ ބުރިޖުން އިނގިރޭސިވިލާތުގައި މަގު ހެދުމުގެ މަސައްކަތްތަކެއް ކޮށްފައިވާއިރު، ބޭރުގެ ބައެއް ގައުމުތަކުގައި ވެސް އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތައް ހިންގާފައިވެ އެވެ. މިގޮތުން ޕާކިސްތާން، އަފްގާނިސްތާން، އިންޑޮނޭޝިއާ އަދި އޮސްޓްރޭލިޔާގައި މަގު ހެދުމުގެ މަޝްރޫއުތައް ހިންގާފައިވެ އެވެ.

މަތީގައިވާ ކުންފުނިތަކުގެ އިތުރުން ޗައިނާގެ ރިނިއުއެބަލް އޯޝަން އެނާޖީ ރިސޯސަސް ލިމިޓެޑާއި، ތުރުކީގެ ބޯރާ ކޮންސްޓްރަކްޝަނާއި، ހޮންގްކޮންގެ މެކްސްބޭސް ޓްރޭޑް ލިމިޓެޑާއި، ޗައިނާގެ މެރިންފޯމް އޭއެސް އެންޑް ޝަންހާއި ޒެންހުއާ ހެވީ އިންޑަސްޓްރީސް ކޮމްޕެނީ ލިމިޓެޑާއި، އޮސްޓްރޭލިޔާގެ ގުލޯބަލް ކެޕިޓަލް ގުރޫޕް އަދި ޗައިނާގެ މެގަ ޑެވެލޮޕްމަންޓް ގުރޫޕުން ވަނީ މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް