ކާށިދޫ ދާއިރާގެ ޓިކެޓް އަލުން ޖާބިރަށްދޭން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޕްރައިމަރީއަކާ ނުލައި އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަބްދުﷲ ޖާބިރަށް އަލުން ދިނުމަށް އެ ޕާޓީގެ އިސްތިއުނާފު ކޮމެޓީން ނިންމައިފި އެވެ.

އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި އަލުން އަނބުރައި ޖާބިރަށް ދިނުމަށް ރޭ އެ ޕާޓީގެ އިސްތިއުނާފު މަޖިލީހުން ނިންމީ، ޖާބިރު ވިދާޅުވި ގޮތުގައި، އޭނާގެ އަތުން ޓިކެޓް އަތުލާފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް އެ ޕާޓީގެ އިސްތިއުނާފު މަޖިލީހުން ރޭ ނިންމުމަށް ފަހު އެވެ.

ކާށިދޫ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީ އަށް އެންމެ ފުރަތަމަ ހުޅުވާލި ފުރުސަތުގައި ޖާބިރު ފިޔަވައި އެހެން ފަރާތަކުން ކުރިމަތިލާފައި ނުވުމުން އޭނާ އަށް އެ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ކަށަވަރުވެފައި ވަނިކޮށް އެ ޓިކެޓް ބާތިލުކޮށްފައި ވަނީ އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިން މައްސަލާގައި އެ ޕާޓީގެ ވިޕްލައިނާ ހިލާފަށް ޖާބިރު ވޯޓު ދެއްވުމާ ގުޅިގެންނެވެ.

ކާށިދޫ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީ އަށް ދެވަނަ ފަހަރަށް ހުޅުވާލުމުން ދެ ފަރާތަކުން ކުރިމަތިލާފައިވާ އިރު އެ ދާއިރާގެ ޕްރައިމަރީ ބާއްވަން ހަމަޖައްސާފައި އޮތީ މިއަދު ހަވީރު އެވެ.

ކާށިދޫ ދާއިރާގެ ޕްރައިމަރީ އަށް ކުރިމަތިލައްވާފައި ވަނީ ޖާބިރުގެ އިތުރުން ގ. ދުވާފަރުގެ އައިޝަތު މަމްދޫހާ އެވެ.

ކާށިދޫ ދާއިރާ އެމްޑީޕީ ޓިކެޓް ބާތިލުކޮށް އަލުން ޕްރައިމަރީއަކަށް ހުޅުވާލުމަށް އެ ޕާޓީގެ އިސްތިއުނާފު ކޮމެޓީން ނިންމުމާ ގުޅިގެން އޭނާ އިސްތިއުނާފު މަޖިލީހަށް ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ، ޖާބިރު ވިދާޅުވި ގޮތުގައި، ހުދުމުހުތާރު ގޮތެއްގައި އަޅާފައިވާ އިންސާފުން ބޭރު ފިޔަވަޅެއް ކަމަށެވެ.

ކާށިދޫ ދާއިރާގެ ޕްރައިމަރީ ކެންސަލް ކުރިކަން ރަސްމީކޮށް އަދި އެމްޑީޕީން އިއުލާންކޮށްފައިއެއްނުވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު