ފޭދޫ ދާއިރާގެ ނަތީޖާ ބާތިލު ނުކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ނަތީޖާ ބާތިލު ނުކުރަން އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މެމްބަރު އަލީ ނިޔާޒު މިއަދު ސަން އަށް ވިދާޅުވީ އެ ދާއިރާގެ ޕްރައިމަރީޒްގެ ނަތީޖާ ބާތިލު ނުކުރުމަށް ނިންމީ އެ ދާއިރާގެ ޕްރައިމަރީގައި ވާދަކުރެއްވި ކެންޑިޑޭޓް އަދި މިހާރު ވެސް ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ހުށަހަޅުއްވާފައިވާ މައްސަލަ އެ ކޮމިޓީން ބެލުމަށް ފަހު ކަމަށެވެ. އަދި ކޮމިޓީން ބެލިބެލުމުން ވޯޓްގެ ނަތީޖާ އަށް ބަދަލު އަންނާނެ ވަރުގެ ކަމެއް ހިނގާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އައަލްހާން ހުށަހަޅުއްވާފައި ވަނީ ޕްރައިމަރީގައި ޕީޕީއެމަށް ނިސްބަތްވާ ބަޔަކު ވެސް ވޯޓްލިޔޭ ވިދާޅުވެ، އެގޮތުން 200 އެއްހާ މީހުން އިތުރަށް ވޯޓްލާފައިވާ ކަމަށް ވިދާޅުވެފައިވޭ. ނަމަވެސް ކޮމިޓީން ވޯޓްލި ލިސްޓް ބެލިއިރު އެ ލިސްޓާއި މިހާރު އޮތް ލިސްޓުގައި ތަފާތަކީ 60 މީހުންގެ ތަފާތު، އެހެންވެ އެއީ އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނާނެ ވަރުގެ ތަފާތެއް ކަމަކަށް ނުބެލެވޭތީ، އިންތިހާބު ބާތިލު ނުކުރުމަށް ކޮމިޓީން ނިންމީ،" ނިޔާޒު ވިދާޅުވި އެވެ.

ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، އަލްހާން ވަނީ އެމްޑީޕީ އަށް މައްސަލަ ހުށަހަޅުއްވައިފަ އެވެ. އަދި އެ ދާއިރާގެ އިންތިހާބް ކުރިއަށް ދިޔައިރު ބައެއް ކެންޑިޑޭޓުން ހަމަނުޖެހުން އުފައްދައި ބިރު ދެއްކި ކަމަށާއި ވޯޓުލުން ކުރިއަށް ދިޔައީ މަޖްބޫރީ ހާލަތެއްގައި ކަމަށް ވިދާޅުވެ އައްޑޫ ސިޓީ، ފޭދޫ ދާއިރާގެ ރައީސް އަބްދުﷲ ސައީދު ވަނީ އިންތިހާބު ހިނގާދިޔަ ގޮތާ ބެހޭ ގޮތުން ނެރުއްވާފައިވާ ރިޕޯޓްގައި ވިދާޅުވެފައިވެ އެވެ.

ފޭދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފައި ވަނީ ސ. ފޭދޫ، ސިވިލްޒޭޝަން ހައުސް، މުހައްމަދު ނިހާދު އެވެ. ނިހާދު އަށް އެ ދާއިރާ އިން ލިބިވަޑައިގެންފައި ވަނީ 316 ވޯޓެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި އަހުމަދު މިރުޖާދު އަށް ލިބިވަޑައިގަތީ 186 ވޯޓެވެ. އަދި މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަލްހާނަށް ލިބިވަޑައިގަތީ 154 ވޯޓެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު