ފޭދޫ ޕްރައިމަރީ އަލުން ބޭއްވީ ބާތިލް ކުރި ވޯޓާސް ލިސްޓް އަސްލަކަށް ބަލައިގެން: ދާއިރާގެ އެމްޑީޕީ ރައީސް

ރައްޔިތުންގެ މަޖިލިސް ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ބައެއް ކެނޑިޑޭޓުން ހަމަނުޖެހުން އުފައްދައި ބިރު ދެއްކި ކަމަށާއި ވޯޓުލުން ކުރިއަށް ދިޔައީ މަޖްބޫރީ ހާލަތެއްގައި ކަމަށް ބުނެ، އައްޑޫ ސިޓީ، ފޭދޫ ދާއިރާގެ ރައީސް އަބްދުﷲ ސައީދު ރިޕޯޓެއް ނެރުއްވައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ދާއިރާގެ ވޯޓުލުން ކުރިއަށް ދިޔަ ގޮތުގެ މައްޗަށް އެ ދާއިރާގެ ރައީސް ނެރުއްވި ރިޕޯޓުގައި ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދެވިފައި ވަނީ މަޖްބޫރީ ހާލަތެއްގައި ކަމަށެވެ. އެގޮތުން އެ ދުވަހުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ބާތިލްކުރެވިފައިވާ ލިސްޓެއް އަސްލަކަށް ބަލައިގެން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

"އިސްލާހް ކުރެވުނު ލިސްޓުގައި މަދުވެފައިވާ ނަންތައް ވެސް ވޯޓާސް ލިސްޓަށް އިތުރުކުރަންޖެހޭނެ ކަމަށް ބުނެ ބައެއް ކެނޑިޑޭޓުންނާއި އެ ފަރާތްތަކުގެ ސަޕޯޓަރުން ދިޔައީ މެދުނުކެނޑި އިންތިހާބަށް ހުރަސް އަޅަން މަސައްކަތް ކުރަމުން. އެންމެ ފަހުން މުދަލާއި ނަފްސަށް ލިބިދާނެ ގެއްލުމަށްޓަކައި މަޖުބޫރުވި ބާތިލް ކުރެވިފައިވާ ލިސްޓް އަސްލަކަށް ބަލައިގެން ވޯޓުލުމުގެ ކަންތައް ކުރިޔަށް ގެންދަން،" ފޭދޫ ދާއިރާ ރައީސް ސޮއިކުރައްވާ ނެރެފައިވާ އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ނަމަވެސް ވޯޓާސް ލިސްޓު ބަދަލުވެފައިވާ ކަން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީން އިންތިހާބު ބޭއްވި ދުވަހުގެ ހެނދުނު އެންގުމުން އެކަން ހުރިހާ ކެނޑިޑޭޓުންނަށް ވަގުތުން އެންގިފައިވާނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ ލިސްޓާ ގުޅިގެން އެ ދުވަހު އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން ވޯޓުލާން ފެށުނު ވަގުތު ދެ ގަޑިއިރެއްހާއިރަށް ލަސް ކުރަން ޖެހުނު ކަމަށެވެ. އަދި ވޯޓުލުން ނިންމާލަން ކަނޑައަޅުއްވާފައިވާ ވަގުތު ވެސް މަޖްބޫރު ކޮށްގެން އިތުރު ކުރުވި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

"ވޯޓުލުން ނިންމާލަން ކަނޑައަޅާފައިވާ ގަޑީގައި ނިންމާލަން ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީން އެންގި ނަމަވެސް އެ ގަޑީގައި ވޯޓުލުން ނިންމާލައިފިނަމަ ވޯޓު ފޮށި ހަލާކުކޮށް ހަމަނުޖެހުން އުފައްދާނެ ކަމުގެ ބިރު ކެނޑިޑޭޓުންގެ ފަރާތުން ދެއްކުމުން މަޖުބޫރީ ހާލަތެއްގައި ވޯޓުލާ ވަގުތު އެއް ގަޑިއިރަށް އިތުރު ކުރެވުނު،" ރިޕޯޓުގައި ބުނެފައިވެ އެވެ.

އިންތިހާބާ ގުޅޭ ގޮތުން އެ ދާއިރާއަށް ފާހަގަ ކުރެއްވުނު ކަންތައްތަކަށް އިޝާރާތް ކުރައްވައި ރިޕޯޓުގައި ބުނެފައި ވަނީ އެމްޑީޕީގެ ވޯޓުލުން ކުރިއަށް ގޮސްފައި ވަނީ އެމްޑީޕީ އާއި އިދިކޮޅު ޕާޓީ ތަކުގެ ނުފޫޒު ފޯރުވިދާނެ ގޮތަކަށް ކަމަށާއި އެގޮތުން ވޯޓު ލެވުނު ލިސްޓުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުން ހިމެނޭ ކަމަށެވެ.

ފޭދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީ ގަބޫލުނުކުރާ ކަމަށް ބައެއް ކެނޑިޑޭޓުން ހާމަކޮށްފައިވާ އިރު އެއްވެސް ކެނޑިޑޭޓަކު ވަގުތީ ނަތީޖާ ޝީޓުގައި މިހާތަނަށް ސޮއިކޮށްފައި ނުވާ ކަމަށް ވެސް އެ ދާއިރާގެ އެމްޑީޕީގެ ރައީސް ވިދާޅުވެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު