ރިޔާޒު ޖޭޕީއަށް ސޮއި ކުރެއްވުމުން، ކިނބިދޫ ދާއިރާގެ ޓިކެޓް ދީފި

ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) އަބްދުﷲ ރިޔާޒު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކިނބިދޫ ދާއިރާއަށް ސަރުކާރު ހިންގާ ކޯލިޝަނުން ފަރާތުން ވާދަ ކުރެއްވުމުގެ ޓިކެޓް ދީފި އެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒްގައި އެ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ކުރީގެ ސީޕީ ރިޔާޒު ވިދާޅުވީ ޖުމްހޫރީ ޕާޓީއާ ގުޅެން ވިސްނެވީ ސިޔާސީ ދާއިރާއިން ކެރިއަރެއް ބޭނުންވާތީ ކަމަށެވެ. އަދި މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއިން ކޮންމެ ޕާޓީއަކާ ވެސް ގުޅެވިދާނެ ކަމަށާއި، ޖޭޕީއަށް ވަޑައިގެންނެވީ ކިނބިދޫ ދާއިރާގެ ޓިކެޓް ކޯލިޝަންގެ ތެރެއިން ޖޭޕީއަށް ލިބުމުން ކަމަށެވެ.

"މިހާރު ސަރުކާރުން ހިންގާ ކޯލިޝަންގެ ތެރެއިން ކޮންމެ ޕާޓީއަކާ ވެސް ގުޅެވިދާނެ. ޖޭޕީއަށް އައުމަށް ވިސްނީ ޖޭޕީއަށް ކިނބިދޫ ދާއިރާގެ ކޯލިޝަން ޓިކެޓް ލިބުމުން. އަޅުގަނޑު ފުރަތަމަ ވިސްނީ ދާއިރާއަށް. ކިނބިދޫ ދާއިރާގެ ޓިކެޓް ލިބޭ ޕާޓީއަކާ ގުޅެން ވިސްނީ. އެއީ އެމްޑީއޭ ވިޔަސް، ޖޭޕީ ވިޔަސް، ޕީޕީއެމް ވިޔަސް،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ކިނބިދޫ ދާއިރާއަށް ކުރިމަތިލާން ނިންމީ އެމަނިކުފާނު އުފަން ދާއިރާ ކަމަށްވާ ތިމަރަފުށީ ދާއިރާއަކީ މިހާރު ވެސް ފުދޭ ވަރަކަށް ތަރައްގީ ދާއިރާއެއް ކަމުން، ތިމަރަފުށީގެ ކައިރިން އޮތް ތަރައްގީ ކުޑަ ރަށްތަކަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.

"ކިނބިދޫ ދާއިރާގެ ހުރިހާ ރަށްތަކަކީވެސް ތަރައްގީއަށް ބޭނުންވެފައިވާ ރަށްތަކެއް. އަޅުގަނޑަށް ގަބޫލުކުރަނީ މިދާއިރާގެ ރަށްތަކަށް އަޅުގަނޑަށް ރަނގަޅު ހިދުމަތްތަކެއް ކުރެވޭނެ ކަމަށް،" ރިޔާޒު ވިދާޅުވި އެވެ.

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަށް ޓިކެޓް ދޭން ނިންމި ގޮތާ މެދު ސުވާލުކުރުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ޖޭޕީގެ ހިންގާ ގަވާއިދުގެ ދަށުން ޕްރައިމަރީއަކާ ނުލައި، ނުވަތަ ޕްރައިމަރީއަކާ އެކުވެސް ޕާޓީގެ ޓިކެޓް ދިނުމުގެ ފުރިހަމަ އިހްތިޔާރާ ބާރު އެޕާޓީގެ ކައުންސިލަށް ލިބޭ ކަމަށެވެ.

"އެބާރު ޕާޓީގެ ހިންގާ ގަވާއިދުން ލިބޭ. ދެން އަޅުގަނޑުމެން އުފެއްދި ކޮމިޓީއެއްގެ ތެރޭގައި އަޅުގަނޑުމެން ބެލީ ކުރިމަތިލާން ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ކެންޑިޑޭޓުންނަކީ ކޮބައިތޯ... އެގޮތަށް ބަލައިގެން ނިންމީ [ރިޔާޒަށް ޓިކެޓް ދިނުމަށް]" ގާސިމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު