ލ. ގަމުގައި ބައްޕައަކު އޭނާގެ އެއް އަހަރުގެ ދަރިފުޅުގެ މޫނުމަތީގައި ޖަހައި، ނޭފަތުން ލޭ އަރުވާލި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން އެ ކުއްޖާގެ ބައްޕަ ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ގަމު މުކުރިމަގު މަންމަ އާކައި އެ އަތޮޅު ފޮނަދޫ ބައްޕަ އަކަށް ލިބިފައި ހުރި ހަމައެކަނި ދަރިފުޅުގެ މޫނު މަތީގައި އުމުރުން 35 އަހަރުގެ ބައްޕަ ޖެހިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރީ އިއްޔެ ހަވީރު 3:00 ޖެހި އިރު ކަމަށެވެ.
އެ ކުއްޖާ އަށް އަނިޔާވީ އާއިލީ ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށާއި ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ނަމަވެސް ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ އަށް އަނިޔާވީ އެ ދެމަފިރިންގެ ދެމެދުގައި ހިނގި ޒުވާބެއް ހޫނުވެ، އެ ފިރިމީހާ އޭނާގެ އަނބިމީހާގެ ގައިގައި ޖަހަން އުޅުމުގެ ތެރޭގަ އެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލް އަހްމަދު ޝާކިރު މިއަދު ވިދާޅުވީ، އެއް އަހަރާއި ތިން މަހުގެ އަންހެން ކުއްޖާ އަށް އަނިޔާވެގެން އެ ކުއްޖާގެ އާއިލާއިން ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ 3:15 ހާކަންހާއިރު ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ކުއްޖާގެ ކަނާތު ލޯމަތި ވަނީ ވަރަށް ބޮޑަށް ދުޅަވެ، ނޫފައިގެންފައިވާ ކަމަށާއި އަދި ނޭފަތުން ލޭފައިބަމުން ދިޔަ ކަމަށް ޝާކިރު ވިދާޅުވި އެވެ. އަދި އެ ކުއްޖާގެ އަނގަމަތި ވެސް ފަޅައިގެން ގޮސް، ވަރަށް ބޮޑަށް ދުޅަވެފައި ހުރި ކަމަށާއި ކަނާތް ފަރާތު ކޮނޑު މަތިން ވެސް ވަރަށް ބޮޑަށް ނޫފައިގެން ހުރި ތަނެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އަނިޔާތައް ލިބިފައިވަނީ، ކުއްޖާ ގައިގައި މީހަކު ވަރަށް ބާރަށް ޖެހުމުން ނުވަތަ މީހެއްގެ އަތުން ވަރަށް ބާރަށް ޖެހިފައި ހުރުމުން ކަމަށް ޝާކިރު މައުލޫމާތު ދެއްވި އެވެ. ނަމަވެސް، ކުއްޖާގެ އެތެރެ ހައްޓަށް އެއްވެސް ގެއްލުމެއް ވެފައިނުވާ ކަމަށް ބެލެވޭ ކަމަށް އެކުއްޖާ ބެއްލެވި ޑޮކްޓަރުންނާ ހަވާލާދެއްވައި ޝާކިރު ވިދާޅުވި އެވެ.
އިއްޔެ ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު އެ ކުއްޖާގެ މަންމަގެ އާއިލާ ބޭނުންވެގެން ވަނީ ކުއްޖާ ވަނީ ރޭގެ ވަގުތެއްގައި މާލެ ގެނެސްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗް އިން ބުނީ، ހޮސްޕިޓަލުގައި އެ ކުއްޖާ އަށް ފަރުވާ ދެމުންދާ ކަމަށާއި ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.