ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ވަކިނުކުރާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މަދަނީ އަބްދުﷲ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން ވަކިކޮށްފައިނުވާ ކަމަށާއި އެފަދަ ނިންމުމެއް ވެސް ނިންމަވައިފައިނުވާ ކަމަށެވެ.
ނަމަވެސް، ނަން ހާމަނުކުރާ ސަރުކާރުގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ މަދަނީ އަބްދުﷲ މަގާމުން ވަކިކުރުމަށް ފަހު، އެ ސިޓީ އަބްދުﷲ އަށް ރައްދުކުރުމަށް ހޯމް މިނިސްޓްރީ އަށް ފޮނުވި ކަމަށެވެ. ނަމަވެސް އެ ސިޓީ އޭނާ އަށް ރައްދު ކުރުމުގެ ކުރީން އެ ނިންމުން އަނބުރާ ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ މިއަދު ސަން އަށް ވިދާޅުވީ އޭނާ އަށް މިހާރު ވަނީ "ސިޔާސީ ގޮތުން ބޮޑެތި ޒަހަމުތަކެއް ލިބިފައި" ކަމަށެވެ.
"އަޅުގަނޑު މިހާރު މިހުރީ އެ ޒަހަމުތަކުގައި ޕްލާސްޓަރެއް އަޅައިގެން، ޕްލާސްޓަރު ނެގީމާ އެނގޭނެ ޒަހަމުތަކަށް ލިބިފައިވާ ފަރުވާ،" އޭނާ ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީގެ ފަރާތުން މަރުގެ ހުކުމުގެ އަދަބު ތަންފީޒު ކުރުމުގެ އަމުރު ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭނާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް ސަރުކާރު ހިންގާ ކޯލިޝަންގެ ޓިކެޓް ހޯއްދެވުމަށް އަބްދުﷲ ދަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. އޭނާ ޓިކެޓް ހޯއްދަވަން އުޅުއްވަނީ ނޮޅިވަރަމް ދާއިރާ އަށެވެ.