ސްޓޭޓް މިނިސްޓަރުގެ މަގާމުން މަދަނީ އަބްދުﷲ ވަކިކުރައްވައިފި

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ވަކިކުރައްވައިފި އެވެ.

ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ފެށިގެން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އެ މަގާމުން ވަކިކުރެއްވީ މިއަދު އެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި އަބްދުﷲ މަގާމުން ވަކިކުރި ކަމުގެ ސިޓީ ރައީސް އޮފީހުން ވަނީ އޭނާއަށް ފޮނުވާފަ އެވެ.

އެކަމާ ގުޅޭ ގޮތުން އަބްދުﷲ އަށް ގުޅާލުމުން ވިދާޅުވީ "އެކަހަލަ 'ވަހެއް' ދުވަން ފަށާފައިވާ" ކަމަށެވެ. ތަފްސީލެއް އަބްދުﷲ ނުދެއްވި އެވެ.

އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް ސަރުކާރު ހިންގާ ކޯލިޝަންގެ ޓިކެޓް ހޯއްދެވުމަށް އަބްދުﷲ ދަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. އޭނާ ވާދަ ކުރައްވަނީ ނޮޅިވަރަމް ދާއިރާއަށެވެ.

ސިޔާސީ މަގާމަކަށް ވަޑައިގަތުމުން ކުރިން އަބްދުﷲއަކީ މުޒާހަރާތަކުގެ މޮޑަރޭޓަކެވެ. އޭގެ ކުރިން އޭނާއަކީ އަރަބިއްޔާ ސްކޫލްގެ ދިވެހި ޓީޗަރެއްކެވެ.

ޅ. ކުރެންދޫ، ނޫރާނީގޭ، ޢަބްދުﷲ މުޙަންމަދު ސިޔާސީވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޓީޗާސް އެސޯސިއޭޝަންގެ މުޒާހަރާތަކުގަ އެވެ. އަރަބިއްޔާ ދަރިވަރުންގެ ދިފާއުގައި ކުރި މުޒާހަރާތަކުގައި އެމްޑީޕީގެ ސަރުކާރަށް ފާޅުގައި ފާޑުކިޔަން ފެށުމުން އޮޕޮޒިޝަން މީޑިއާތަކުގެ ފަލަ ސުރުހީތަކުން އަބްދުﷲ ޖާގަ ހޯދި އެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކޭ ގޮތަށް ރައީސް ނަޝީދުގެ ސަރުކާރުގައި އާންމު ކުރި ގަވާއިދަކާ ގުޅިގެން 100 ވުރެ ގިނަ މަދަނީ ޖަމިއްޔާތައް އިންތިހާދުވި ޖަމާއަތް، "މަދަނީ އިއްތިހާދު" ތަމްސީލު ކުރެއްވީ އަބްދުﷲ އެވެ. އޭގެ ފަހުން މަދަނީ އިއްތިހާދުގެ ނަމުގައި 23 ޑިސެމްބަރު، 2011، ގެ ބޮޑު މުޒާހަރާގަ އާއި ގައުމީ ހަރާކާރުތުގައި އަބްދުﷲ ހަރަކާތްތެރިވާން ފެށުމުން އޭނާގެ ނަމުގެ ކުރިއަށް "މަދަނީ" އިތުރުކޮށް، "މަދަނީ އަބްދުﷲ"އޭ ކިޔަން ފެށި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު