ތާޖުއްދީން ސްކޫލުގައި ބެހެއްޓި ހއ. އިހަވަންދޫ ދާއިރާގެ އަތޮޅު ކައުންސިލުގެ ވޯޓު ފޮށީގެ ނަތީޖާ ޝީޓު ގެއްލިގެން "ވޯޓު ފޮއްޓެއް އަލުން ކަނޑަން" ޖެހިއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަން ކައުންސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި އިހަވަންދޫ ދާއިރާގެ ވޯޓު ފޮށި އަލުން ކަނޑަން ޖެހުނީ އެ ފޮށީގެ ނަތީޖާ ޝީޓު، ލާންޖެހޭ ސިޓީ އުރަ ނޫން އެހެން ސިޓީ އުރައަކަށް ލެވުމުންނެވެ. ވޯޓު ފޮށީގެ ވެރިޔާއަށް "އޮޅިގެން" ނަތީޖާ ޝީޓު ލެވުނީ ވޯޓު ކަރުދާހާއެކު ބަންދުކޮށްފައިވާ ސިޓީ އުރަކަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ބިއުރޯގެ ޑިރެކްޓަރު ޖެނަރަލް މުހައްމަދު ޝަކީލް ވިދާޅުވީ ޥޯޓު ކަރުދާހާއެކު ބަންދުކޮށްފައިވާ ސިޓީ އުރަ ކެނޑޭނީ، އެ ދާއިރާއަށް ވާދަ ކުރެއްވި ކެންޑިޑޭޓުން، ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި ކަމަށެވެ. އަދި އެގޮތުން ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި މިރޭ 8:30 ގައި އިލެކްޝަން ކޮމިޝަންގައި އިހަވަންދޫ ދާއިރާގެ މާލޭ "ވޯޓު ފޮށި ކަނޑާނެ" ކަމަށް ޝަކީލް ވިދާޅުވި އެވެ.
"ނަތީޖާ ޝީޓް ނެތިގެން އަޅުގަނޑުމެން މި ގުޅީ ވޯޓު ފޮށީގެ ވެރިޔާއަށް. ގުޅުމުން ވިދާޅުވީ ހަ ނަމްބަރު ސިޓީ އުރައިގައި ނަތީޖާ ޝީޓު އޮންނާނެއޭ. ނަމަވެސް އެ ސިޓީ އުރައިގައި ނަތީޖާ ޝީޓެއް ނެތް. ދެން ވިދާޅުވީ ފަސް ވަނަ ނަމްބަރު ސިޓީ އުރައިގައި އޮންނާނެއޭ. ފަސް ނަމްބަރު ސިޓީ އުރައަކީ ވޯޓު ކަރުދާސް އަޅާފައި ހުރި ސިޓީ އުރަ. އެ ސީޓީ އުރަ ކެންޑޭނީ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި،" އިލެކްޝަންސް ކޮމިޝަންގެ ބިއުރޯގެ ޑިރެކްޓަރު ޖެނަރަލް ވިދާޅުވި އެވެ.