ޖީއެމްއާރުން ތަސްމީނާއި ޝާހިދަށް ދިން ކަމަށް ބުނާ ޓިކެޓުގެ މައްސަލަ އޭސީސީއަށް އުމަރު ހުށަހަޅައިފި

ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ނަންފުޅުގައި ޖީއެމްއާރުން ސްރީ ލަންކަން އެއާލައިންސްގެ ޓިކެޓް ނަގާފައިވާ ކަމަށް ތުހުމަތުކުރައްވައި އެ މައްސަލަ ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އުމަރު ނަސީރު ހުށަހަޅުއްވައިފި އެވެ.


އޮކްޓޯބަރު 30، 2010 ގައި ކޮލޮމްބޯ މަގުން ދިއްލީއިން މާލެ ވަޑައިގަތުމަށް އެފްސީއެމް ޓްރެވެލް ސޮލިއުޝަނުން ޝާހިދާއި ތަސްމީނުގެ ނަންފުޅުގައި ދޫކޮށްފައިވާ ދެ ޓިކެޓުގެ މައްސަލަ، ޑީއާރުޕީން ވަކިކުރަން އެ ޕާޓީގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވާ، އުމަރު ނަސީރު އޭސީސީއަށް ހުށަހަޅުއްވާފައި މިވަނީ، ޖީއެމްއާރުގެ އިތުރުން ތަސްމީނާއި ޝާހިދު ވެސް ތަކުރާރުކޮށް އެއީ އެ ބޭފުޅުންނަށް އެނގޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.


އޭސީސީ އަށް ފޮނުއްވި ސިޓީގައި އުމަރު ވިދާޅުވަނީ "..މަޖިލީހުގެ އެންމެ އިސް، އަދި ހަމަ ޔަޤީނުން ވެސް އެންމެ ނުފޫޒުގަދަ، ދެ މެންބަރުން ޖީއެމްއާރްގެ ޚަރަދުގައި ކުޑަ ހިނދުކޮޅަކަށް އިންޑިއާއަށް ދަތުރުކުރުވައި ޢާއްމު ދިވެހި ރައްޔިތުގެ ނަޒަރުން ބޭރުގައި ބައްދަލުވުމެއް ބޭއްވުމުގެ ފަހަތުގައި ވަނީ ކޮން ސިއްރުތަކެއްތޯ ހޯދުމަކީ މުޅި ދިވެހި ދައުލަތަށް މަޞްލަހަތު ބޮޑު ކަމެއް،" ކަމަށެވެ.


އެ ދެ ޓިކެޓަކީ ސައްހަ ދެ ޓިކެޓް ކަމަށް ކަށަވަރުކޮށްދެއްވައި، ސްރީލަންކަން އެއާލައިންސް އިން ލަންކާއާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މެނޭޖާ ދައްމިކަ ކުލަތުންގޭ އުމަރަށް ދެއްވާފައިވާފައިވާ ސިޓީ ވެސް އުމަރު ވަނީ އޭސީސީ އަށް ހުށަހަޅުއްވައިފަ އެވެ. އުމަރު ވިދާޅުވަނީ، އެ ސިޓީއަކީ ޖީއެމްއާރުން ތަސްމީނާއި ޝާހިދަށް ރިޝަވަތު ދެއްވަން އުޅުނު ކަމުގެ ހެއްކެއް ކަމަށެވެ.


ނަމަވެސް، މިއަދު ސަން އޮންލައިންނަށް ކޮލޮމްބޯގައި ހުންނަވައި މައުލޫމާތު ދެއްވަމުން ދައްމިކަ ކުލަތުންގޭ ވިދާޅުވީ، ޓިކެޓަކީ ސައްހަ ޓިކެޓުތަކެއް ކަމަށް ކަށަވަރުކޮށްދިން ނަމަވެސް، އެއީ ޖީއެމްއާރުން ގަނެފައިވާ ޓިކެޓުތެކެއް ކަމެއް ނޭނގޭ ކަމަށެވެ.  


އަދި ސްރީލަންކަންގެ ޑޭޓާބޭސް އިން ދައްކާ ގޮތުގައި، އެ ދެ ޓިކެޓަކީ ހައިދުރަބާދުގައި ހުންނަ ސްރީ ލަންކަންގެ އޮތޮރައިޒްޑް އޭޖެންޓެއް ކަމަށްވާ އެފްސީއެމް ޓްރެވެލް ސޮލިއުޝަނުން "ޕްރަޝާންތު" ނަމަކަށް ކިޔާ މީހަކު މާސްޓާ ކާޑު ބޭނުން ކޮށްގެން ގަނެފައިވާ ޓިކެޓުތަކެއް ކަމަށެވެ.


ރާއްޖޭގައި ލީލުވެގެން އުޅޭ އީ ޓިކެޓުގެ ކޮޕީ އޭނާ އަށް ވެސް ފެނިވަޑައިގެންނެވި ކަމަށާއި އެ ޓިކެޓުގައި، އެފްސީއެމް ނަމާ ޖެހިގެން "ޖީއެމްއާރް" ޖަހާފައިވީ ނަމަވެސް، ސްރީ ލަންކަންގެ ޑޭޓަބޭސް އިން ފެންނަ ޓިކެޓުގެ އެއްވެސް ތަނެއްގައި ޖީއެމްއާރު ޖަހާފައި ނެތް ކަމަށް ދައްމިކަ ވިދާޅުވި އެވެ. އަދި އެހެން ބަޔެއްގެ ނަމުގައި ކޮންމެ މީހަކަށް ވެސް ޓިކެޓު ނެގިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.


އެ ދެ ޓިކެޓްގައި، ކޮންޓެކްޓް ނަމާއި ނަމްބަރެއްގެ ގޮތުގައި ޖަހާފައިވާ "ޕްރަޝާންތު"ގެ އިންޑިއާގެ ފޯން ނަންބަރަށް މިއަދު މެންދުރު ސަން އޮންލައިނުން ގުޅާލުމުން ޖަވާބު ދިން ފިރިހެން މީހާ ބުނީ، އެއީ ޕްރަޝާންތު ކަމަށެވެ. ނަމަވެސް، އޭނައާ ޖީއެމްއާރާ އެއްވެސް ގުޅުމެއްވޭތޯ ސުވާލުކުރުމުން ވަނީ ފޯނު ކަނޑާލައިފަ އެވެ. ފަހުން އެތައް ފަހަރެއްގެ މަތިން، އެކި ނަންބަރުތަކުން ސަން އޮންލައިނުން ގުޅުމުން ވެސް އޭނާ ފޯނަށް ޖަވާބެއް ނުދެ އެވެ.


އަދި ޓިކެޓު ދޫކުރި އޮފީހަށް ގުޅޭ ގޮތް ނުވުމުން، އެ ޓިކެޓުތަކާ ގުޅޭ މައުލޫމާތު ސާފުކުރުމަށް އިއްޔެ ސަން އޮންލައިނުން ފޮނުވި އީމެއިލް އަށް ވެސް އެތަނުން އަދި ޖަވާބު ދީފަ އެއް ނުވެއެވެ. އެހެންކަމުން ދިއްލީއިން މާލެ ވަޑައިގަތުމަށް ޝާހިދާއި ތަސްމީނުގެ ނަންފުޅުގައި ދެ ޓިކެޓް ނަގާފައި ވަނީ ޖީއެމްއާރުންތޯ އަދި ވަނީ ކަށަވަރުކުރެވޭ ގޮތް ނުވެފަ އެވެ.


ނަމަވެސް، އެ ދެބޭފުޅުން ނަންފުޅުގައި ޕްރަޝާންތު ނަގާފައިވާ ޓިކެޓުތަކަކީ ސައްހަ ޓިކެޓުތަކެއް ކަމާއި އެ ޓިކެޓުތަކުގައި ދަތުރުކޮށްފައިނުވާ ކަން މިހާރު ވަނީ އެނގިފަ އެވެ. އަދި އެ ޓިކެޓުގައި ތަސްމީނާއި ޝާހިދު ފުރާވަޑައި ނުގަންނަވާ ކަމާއި ދެ ޓިކެޓް ވެސް ރީފަންޑުކޮށްފައިވާކަން ސްރީލަންކަން އިން ކަށަވަރުކޮށްދީފައިވެ އެވެ.


އަދި އުމަރު ވެސް ވަނީ އެދެބޭފުޅުން ދިއްލީއަށް ވަޑައިނުގަންނަވާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. ނަމަވެސް އެއީ، ޑީއާރްޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ އަންގަވައިގެން ކަމަށާއި އޭރު އެ ދެބޭފުޅުން ތިއްބެވީ ދިއްލީއަށް ވަޑައިގަތުމަށް ކޮލޮމްބޯގައި ކަމަށް އުމަރު ތުހުމަތުކުރައްވަ އެވެ.


ޖީއެމްއާރުން ދިން ކަމަށް ބުނާ ޓިކެޓުގެ މައްސަލާގައި އުމަރާ އަދި ޑީއާރްޕީގެ ލީޑާޝިޕާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ދަނީ އިތުރަށް ބޮޑުވަމުން ނެވެ. އަދި އުމަރަށް ސަޕޯޓުކުރާ އެ ޕާޓީގެ އިސް ބޭފުޅުންނާއި އެނޫން ބޭފުޅުންނާ ދެމެދު ދަނީ ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރަމުން ނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު