ނިއުމާއަކީ ދިވެހި ފިލްމް އިންޑަސްޓްރީއަށް ބީރައްޓެހި ނަމެއް ނޫނެވެ. ނިއުމާގެ އިތުރަށް ދިވެހި ފިލްމް “ނިއުމާ” އެއް ވެސް މިހާރު ވަނީ ތައާރަފްވެފަ އެވެ. އެހެން ފިލްމު ތަކުގެ ޕްރޮޑިއުސަރުންނެކޭ އެއްފަދައިން ނިއުމާގެ ވެސް ޕްރޮޑިއުސަރު މުހައްމަދު އަބުދުﷲ (މުހޮންމާ) ބުނަމުން ދިޔައީ މިފިލްމަކީ ތަފާތު އަދި މޮޅު ފިލްމެއް ކަމަށެވެ. ދިގު އިންތިޒާރަކަށް ފަހު ނިއުމާގެ މެގަ ހިޓް ޝޯ ގެ ތެރެއިން ފިލްމް ބަލައިލުމުގެ ފުރުސަތު ލިބުނެވެ.
ދަރުބާރުގޭގައި ލައިވް މިއުޒިކާއި އެކު ރޭ ބޭއްވި ޝޯގައި ފިލްމް އެޅުވުމުގެ ކުރިން ވެސް އެ ފިލްމުގައި ވާނެގޮތް ނުވަތަ ފިލްމުގެ ކޮންސެޕްޓް އޮތީ އެނގިފަ އެވެ. އެއީ އަނިޔާވެރި މުޑުދާރު ބައްޕަ އެއްގެ އަމަލުތަކުން ވީރާނާވަމުން ދިޔަ އަންހެން ކުއްޖެއްގެ ހަޔާތެވެ. ދިވެހިންގެ އިޖްތިމާއީ ފޭރާމުގައި ޖެހިފައިވާ ލައްގަނޑެއްގެ ވާހަކައެވެ. ފިލްމު އިޝްތިހާރު ކުރަމުން ވެސް ދިޔައީ މުޖުތަމައު ހޭލުންތެރި ކުރުމުގެ ނަމުގައި އުފައްދާފައިވާ ފިލްމެއްގެ ގޮތުގައެވެ.
ފިލްމުގެ މައިގަނޑު ތަރި، ޑައިރެކްޓަރު ނިއުމާ ފިލްމީ ދުނިޔެއަށް އަލްވަދާއު ކިޔަން ޖެހިދާނެތީ ގިނަ ބަޔަކު ތިބީ މާޔޫސް ވެފައެވެ. ފިލްމް އޮލިންޕަހުގައި އެޅުވުމުގެ ކުރިން މޮހޮންމާ ދެ ޗޮއިސް އެއް ބެލުން ތެރިންނަށް ދިނެވެ. އެއީ ފިލްމް ކާމިޔާބުވުން ނޫނީ ދެ ތަރިންގެ ފިލްމީ ދުނިޔެ "ކަފުން" ކުރުމެވެ.
އެހެން ފިލްމުތަކާއި ހިލާފަށް ނިއުމާގެ ވާހަކަ އަކީ އިޝްގީ ވާހަކައެއް ނޫނެވެ. ފިލްމުގެ މުޅި ސްޓޯރީ ލައިން ބިނާވެފައި ވަނީ ހިތްދަތި ދިރިއުޅުމެއްގެ މައްޗަށެވެ.
ނިއުމާގެ ހަޔާތް އޭނާގެ ބައްޕަގެ އަނިޔާވެރި ވަކި ތަކުން ވީދައިލި އެވެ. ނުފޮޅޭ މަލެއް ގަދަކަމުން ފޮޅުވައިލި އެވެ. އެކަމުގައި ނިއުމާގެ ބޭބެ ނިޒާމް (މަނިކު) ވެސް ގެންދިޔައީ ބައިވެރި ވަމުންނެވެ. އެއްވެސް ރަހުމެއް ނެތި ނިއުމާގެ ބަރަހަނާ ފޮޓޯތަށް ނަގައި އޭގެ ބޭނުން ގެންދިޔައީ ރަހުމު ކުޑަ އެ އިންސާނާ ހިފަމުންނެވެ. ފުރާވަރުގެ އުފާތަކުން އެ ނިއުމާ ދިޔައީ މަހުރޫމް ވަމުންނެވެ.
މުޅި ފިލްމުގެ ހާލަތު ބަދަލު ކޮށްދެނީ ނިއުމާގެ ބޭބެ ނިހާން (ޔޫއްޕެ) އޭނާގެ ލޯބިވެރިޔާ އާއި ކައިވެނި ކުރާ ހިސާބުންނެވެ. އައިންތު އާއި ނިހާންގެ ކައިވެނީގެ ސަބަބުން އެ އާއިލާގެ ތެރޭގައިވާ ބޮޑު ސިއްރު ތޮށިގަނޑު ފަޅާލާފައި ނިކުމެއެވެ. މުޅި ވާހަކައިގެ މިސްރާބު ފުރޮޅޭ ހިސާބަކީ އެއީ އެވެ. ނިއުމާގެ ހައްގުގައި ފަހަރި އައިންތު (ޝީލާ) މަސައްކަތްދެ އެވެ.
ނިއުމާއިން ފާހަގަ ކުރެވުނު ސަޅި ކަމަކީ ވާހަކައިގެ ހާލަތު ފުށުން ޖަހާލައި ރިދަމް ގެންގުޅެފައިވާ ގޮތެވެ.
ފިލްމުގެ ސްޓޯރީ ލައިން ދިވެހިންގެ ވެއްޓާއި ދިރިއުޅުމާއި ގުޅުން ހުއްޓަސް ބައެއް ކަންކަން އަތްދަށުން ދޫވެގެން ގޮސްފައި އެބަހުއްޓެވެ. ފިލްމުގެ ޑައިލޮގް ތަކުން އެނގޭ ގޮތުގައި އެ ރަށަކީ ވަރަށް ކުޑަ، މީހުން މަދު ރަށެކެވެ. އަދި ނިހާން އާއި އައިންތު ބައްދަލުކޮށް އުޅެނީ ނިހާންގެ ބައްޕަ ނިޒާރަށް ސިއްރުން ނެވެ. އެހެނަސް އެމީހުން ކައިވެނީގެ ވާހަކަ ދައްކާ ފުރަތަމަ މަންޒަރުގައި އެ ދެމީހުން ތިބެނީ ދުވާލުގެ މެންދުރުގެ ވަގުތެއްގައި ހޮޅުއައްޓެއްގައި ކަން އެގެއެވެ. ހާއްސަ ގޮތެއްގައި އަތޮޅުތަކުގައި ރޯމާ ދުވާލު މެންދުރު އަދި ހޮޅުއަށްޓެއްގައި އެފަދަ މުއާމަލާތެއް ކުރުމަކީ ހަޖަމުކުރަން ފަސޭހަވި މަންޒަރެއް ނޫނެވެ.
ނަޒަރަކުން ބަލާނަމަ ދިވެހި އެހެން ފިލްމުތަކުގައި އާންމު ގޮތެއްގައި ނުފެންނަ ބަލިފައެއް ފާހަކަގުރެވުނެވެ. އެއީ ފިލްމުގެ ބައެއް މަންޒަރުތަކުގެ ކުލަ އެކްސްޕޯސް ވެފައި ހުރުމެވެ. ބޭރުގައި ނަގާފައިހުރި ބައެއް މަންޒަރު ތަކުގައި އަސްލު ކުލަ ނޫން އެހެން ކުލަތަކެއް ޖެހިފައި ހުއްޓެވެ. ހާއްސަކޮށް އައުޓްޑޯގައި ނަގާފައި ހުރި މަންޒަރުތައް ފާހަގަ ކޮށްލެވެއެވެ. އެހެންނަމަވެސް ޖުމްލަކޮށް ފިލްމުގެ ވާހަކަގައި ދިވެހިންގެ ތާސީރު ވަނީ ހިމަނައިދީފަ އެވެ.
ފިލްމުގައި ނިއުމާގެ އެކްޓިންގައި ޖަޒްބާތާއި އަސްލު އަސަރު ހިމެނިފައިވެއެވެ. ނިއުމާގެ އެކްޓިން އަކީ ދިވެހި ފިލްމެއްގައި ފެނުނު އެންމެ މޮޅު އެކްޓެވެ. ހާއްސަ ގޮތެއްގައި ނިއުމާގެ ބޯކޮށާލާ މަންޒަރަކީ "ވަން ޓަޗް" މަންޒަރެއް ނަމަވެސް އޭގައި ހަގީގީ އަސަރާއި ޖަޒުބާތު ވަނީ ވަރަށް ރަނގަޅަށް އެކުލެވެ އެވެ.
އައިންތު (ޝީލާ)ގެ އެކްޓިންގައި ވަގުތާ ހާލަތާ ގުޅޭ ޖަޒުބާތުތައް ވެސް ފުރިހަމަ އެވެ. ނިހާންގެ އެކްޓިން އާ ދޭތެރޭ ބުނާނެ އެއްޗެއް ނެތެވެ.
ފިލްމުގައި ފެނިގެންދާ ބައެއް މަންޒަރު ތަކުން ނެގެޓިވް ކެރެކްޓާ އާ ދިމާލަށް އޯޑިއަންސްގެ ސަމާލުކަން ލިބިފައިވާރުން ތަރިންގެ އެކްޓް ވަރަށް ރަނގަޅަށް ވެސް ހާމަވެގެން ދެއެވެ.
މޭކަޕް ވަރަށް ފުރިހަމަ ދައުރެއް މި ފިލްމްގައި ވަނީ އަދާކޮށްފައެވެ.
މި ފިލްމުގައި މޭކަޕް ވަރަށް ފުރިހަމަ ދައުރެއް އަދާކޮށްދީފައި ވެއެވެ. އަސްލު އިހުސާސާއި ވަންތަކަން ގެނެސް ދިނުމުގައި މަނިކުގެ މޭކަޕަށް ތައުރީފު ހައްގެވެ. އަދި ނިއުމާގެ ދިރިއުޅުމުގެ އެކަނިވެރިކަމާއި ވޭންތައް ފާޅުވަނީ މޭކަޕްގެ ސަބަބުންނެވެ.
ފިލްމުގެ ލަވަތައް ރީއްޗެވެ. ކަމުދެ އެވެ. މައްސަލައަކީ އެހެން ދިވެހި ފިލްމް ތަކެކޭ ވެސް އެއްގޮތަށް އެ ފިލްމުގައި ވެސް ލަވަތަށް މަންޒަރުތަކާއި އެއްވެސް ގުޅުމެއް ނެތް ގޮތުގައި ތަރުތީބު ކޮށްފައިވުމެވެ. ފުރަތަމަ ލަވަ އާއި ދެވަނަ ލަވަ ގެނެސްފައި ވަނީ މަންޒަރާއި މާބޮޑު ގުޅުމެއް ނެތް ގޮތެއްގަ އެވެ. އެއިން އޯޑިއަންސް ހިސާބަކަށް އާފުރޭނެ ވަގުތުކޮޅެއް ލިބުނުހެން ހީވެއެވެ. އެކަމަކު ތިންވަނަ ލަވައާއި ހަތަރު ވަނަ ލަވަ އަދި ތީމް ސޯންގު ގެނެސްފައިވާ ގޮތް ފުރިހަމައެވެ.
ބެކް މިއުޒިކް އެހެން ފިލްމްތަކާ ޚިލާފަށް ނިއުމާގައި މާބޮޑުތަން ވެސް ރަނގަޅެވެ. ވަގުތާއި ހާލަތަށް ބަލައި ބެކް މިއުޒިކުން ފިލްމަށް ރޫހު ގެނެސް ދީފައި ވެއެވެ.
ނިއުމާއަކީ އިބުރަތްތަކެއް ހާސިލް ކޮށްދޭ ފިލްމެކެވެ. ދިވެހި އޯޑިއަންސުގެ ހިތްދަމައިގަންނަ ކަންތައްތަކެއް އެކުލެވޭ ގޮތަށް ގެނެސްދީފައިވާ ފިލްމެކެވެ. ދިވެހިންގެ ސިނަމާތަކާއި އެހާ ރައްޓެހި ކޮންސެޕްޓަކަށް އެ ފިލްމް ނުވިނަމަވެސް މުހަންމާ އާއި ނިއުމާގެ މަސައްކަތުން އެ ފިލްމް ވަނީ ދިވެހިން ބަލައިގެންފަ އެވެ.
-----------------------------------------
ޕްރޮޑިއުސާ: މުހަންމަދު އަބްދުﷲ (މޮހޮންމާ) / ދެކެދެކެވެސް ޕްރޮޑަކްޝަންޝް
ޑައިރެކްޓާ: ނިއުމާ މުހަންމަދު
އެޑިޓިން: އަބުދުﷲ މުއާޒު (މުއާ)
ރޭޓިން: 05/2.5
މުހިންމު ތަރިން: ނިއުމާ މުހައްމަދު – ނިއުމާ / ޔޫސުފް ޝަފީއު – ނިހާން / އަހުމަދު ނިމާލް – ނިޒާރު / އައިމިނަތު (ޔާރާ) ރަޝީދާ – ވަފިއްޔާ / ޝީލާ ނަޖީބު – އައިންތު / މުހައްމަދު މަނިކް – ނިޒާމް / އަބްދުﷲ މުއާޒް – ޝިޔާޒު.