މާލޭ ސިޓީ ކައުންސިލުން ކުރާކަމަކީ އެމްޑީޕީއާ އިދިކޮޅު ފަރާތްތަކަށް ޖެއްސުންކޮށް ގޯނާ ކުރުން: މައުމޫން

މިހާރު އޮތް މާލޭ ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ އެމްޑީޕީއާ އިދިކޮޅު ފަރާތްތަކަށް ޖެއްސުންކޮށް ގޯނާ ކުރުމަށް ކަމަށާއި ޕީޕީއެމަށް މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބިއްޖެނަމަ އެފަދަ ކަމެއް ފެނިގެން ނުދާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމްގެ ޓިކެޓުގައި މެދުހެންވޭރު ދާއިރާގެ ސިޓީ ކައުންސިލް މެމްބަރުކަމަށް ވާދަކުރައްވާ ޒައިދުލް އަމީންގެ ކެންޕޭން އޮފީސް ހުޅުއްވައިދެއްވުމަށް ފަހު ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މައުމޫން ވިދާޅުވީ މިހާރު އޮތް މާލޭ ސިޓީ ކައުންސިލުން އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ މއ. ކިނބިގަސްދޮށުގެ ދައުލަތަށް ނެގުމަށް ފާސްކުރި ކަމަށާއި އެއީ އެމަނިކުނާފަށް ގޯނާ ކުރުމުގެ ގޮތުން ގާނޫނީ އިމުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލުން އެގޮތަށް ކަންތައް ކުރި ނަމަވެސް ޕީޕީއެމަށް ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބިއްޖެނަމަ އެފަދަ "ވިޔާނުދާ" ކަމެއް ނުކުރާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"މާލޭ ސިޓީ ކައުންސިލް އިންތިޚާބު އަޅުގަނޑުމެން ޕްރޮގުރެސިވް ކޯލިޝަނަށް ކާމިޔާބު ކުރެވުނުނަމަވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކާމިޔާބު ކުރާނަން. ކާމިޔާބު ކުރިނަމަވެސް އަޅުގަނޑުމެން މާލޭ ސިޓީ ކައުންސިލްގެ ޖަލްސާ އެއް މާލޭގެ މަގުމަތޫގައި ބާއްވައި އެ ޖަލްސާގައި ގ. ކެނެރީގޭ ސަރުކާރަށް ނުނަގާން. އަޅުގަނޑުމެން އެކަހަލަ ވިޔާނުދާ ޖެއްސުން ކުރުމުގެ އަމަލެއް ނުކުރާނަން،" މައުމޫން ވުދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކައުންސިލްތައް މަސައްކަތް ކުރަންޖެހޭނީ ވަކި މީހަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ފައިދާވާގޮތަށް ނޫން ކަމަށާއި ކައުންސިލްތައް މަސައްކަތްކުރަން ޖެހޭނީ އެއިރެއްގައި އޮންނަ ސަރުކާރަކާއި ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު