ޔޫތު ޗެމްޕިއަންޝިޕް: ބީޖީގެ ޓާގެޓަކީ މުބާރާތުގެ ތަށި ހޯދުން: ޑަކޭ

އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒު ކޮށްގެން މިމަހު 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ޔޫތު ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ބީޖީ ސްޕޯޓްސް ކުލަބުގެ ޓާގެޓަކީ މުބާރާތުގެ ތަށި ހޯދުން ކަމަށް އެޓީމުގެ ހެޑް ކޯޗް ހަސަން ހަމީދު (ޑަކޭ) ބުނެފި އެވެ.

މުބާރާތައް ތައްޔާރުވުމުގެ ގޮތުން އިއްޔެ ޓާފް ދަނޑުގައި އޮތް ބީޖީގެ ޕްރެކްޓިސް ނިންމާލުމަށްފަހު ސަންއާ ވާހަކަ ދައްކަމުން ޑަކޭ ބުނީ، މުބާރާތައް ތައްޔާރު ވުމުގެ މަސައްކަތް 30 ކުޅުންތެރިންގެ ސްކޮޑަކާއެކު ފަށާފައިވާއިރު ގިނަ ކުޅުންތެރިންނަކީ އަލަށް ޓީމާ ގުޅުނު ޒުވާން ކުޅުންތެރިން ކަމަށެވެ. އަދި އެކުޅުންތެރިން ޕްރެކްޓިސްގައި ދައްކަމުން އަންނަ ކުޅުމާމެދު ހިތް ހަމަ ޖެހޭ ކަމަށް ޑަކޭ ބުންޏެވެ.

"ޓީމުގައި މިވަގުތު ތިބި ކުޅުންތެރިންނާ މެދު ހިތް ހަމަޖެހޭ. ސްކޮޑަށް އަދި ބަދަލުތަކެއް އަންނާނެ. މިދިޔަ އަހަރުވެސް ޓީމުގައި ތިބި ބައެއް ކުޅުން ތެރިންނާއި ނެޝަނަލް ޓީމަށް ކުޅޭ ބައެއް ކުޅުންތެރިން ވެސް ޓީމުގައި އެބަތިބި" ޑަކޭ ބުންޏެވެ.

އޭނާ ބުނީ، މިދިޔަ އަހަރުގެ ފައިނަލް މެޗުގައި ވެލެންސިއާ އަތުން 2-0 ލަނޑުން ބަލިވުމުން މިފަހަރުގެ މުބާރާތައް ނިކުންނާނީ އެކަން އަލުން ތަކުރާރު ނުކޮށް، ރަނގަޅު މޮޅު ކުޅުމަކާއެކު މުބާރާތުގެ ތަށި އުފުލައިލުމުގެ އަމާޒުގައި ކަމަށެވެ.

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާ ބާއްވަމުން އަންނަ މުބާރާތެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު