ގަވަރުނަރު ކަމަށް ބީއެމްއެލްގެ އެސޯސިއޭޓް ޑިރެކްޓަރުގެ ނަން ފޮނުވަން ނިންމައިފި

މޯލްޑިވްސް މަނީޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ އެސޯސިއޭޓް ޑިރެކްޓަރު އިބްތިޝާމް އަހުމަދު ސައީދުގެ ނަން ރައީސް އަބްދުﷲ ޔާމީން ފޮނުއްވަން ނިންމައިވައިފި އެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމު ހުސްވީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަޒީލް ނަޖީބު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިއީ މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަގާމަށް އަންހެން ބޭފުޅަކު ހަމަޖައްސަވާ ފުރަތަމަ ފަހަރެވެ. ބީއެމްއެލްގައި ގާތްގަނޑަކަށް ދިހަ އަހަރު މަސައްކަތްކުރައްވާފައިވާ އިބްތިޝާމްގެ ނަން ރައީސް މަޖިލީހަށް ވަނީ ފޮނުއްވައިފަ އެވެ.

އިންޑިއާގެ ކެރެލާ ޔުނިވަސިޓީން ކޮމާސްގެ ދާއިރާ އިން ބެޗްލާޒް ޑިގްރީ އާއި ޔޫކޭގެ ވެސްޓްމިންސްޓާ ޔުނިވަސިޓީން މާކެޓިން އެންޑް ކޮމިޔުނިކޭޝަންއިން މާސްޓާޒް ހައްދަވާފައިވާ އިބްތިޝާމް ގައުމީ ބޭންކާ ގުޅިވަޑައިގެންނެވީ ޖުލައި 2003ގަ އެވެ. އޭނާ ބީއެމްއެލްގެ އެސޯސިއޭޓް ޑައިރެކްޓަރަކަށް ބަދަލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

ރޭ ޕްރޮގްރެސިވް ކޯލިޝަނުން ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގަވަރުނަރުކަމަށް ހަމަޖައްސަން ނިންމެވީ އަންހެން ބޭފުޅެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު