އެސްޓީއޯގެ ހަރަދުތަކުން 50 މިލިއަން ރުފިޔާ ކުޑަކުރަން އަމާޒު ހިފައިފި

އެސްޓީއޯގެ ހިންގުމުގެ ހަރަދުތަކުން މި އަހަރު 50 މިލިއަން ރުފިޔާ ކުޑަކުރަން އަމާޒު ހިފައިފި އެވެ.

ސަން އާ ވާހަކަ ދައްކަވަމުން ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވީ އެ ކުންފުނީގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް މި އަހަރު ކަނޑައަޅާފައި ވަނީ މިދިޔަ އަހަރަށް ވުރެ ހިންގުމުގެ ހަރަދުން 50 މިލިއަން ރުފިޔާ ކުޑަކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހިންގުމުގެ ހަރަދު ކުޑަކުރަން އެބަޖޭ. އެކަންކުރުމުގެ ގޮތުން ކަނޑައަޅާފައިވާ ޕްލޭނެއް ވަރަށް އަވަހަށް އަޅުގަނޑުމެން ފަށާނަން. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ އޮޕަރޭޝަން ހަރަދުތައް ކުޑަކުރަން،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްޓީއޯގެ ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލަން ނިންމާފައިވާ ކަމަށެވެ. އެ ޕްލޭންގައި ކުންފުންޏަށް އެންމެ ފައިދާ ހުރި ވިޔަފާރިތައް ފުޅާކުރުމާއި ކުންފުންޏަށް އެންމެ ފައިދާ ހުރި ވިޔަފާރިތައް ހޯދުމަށް ވެސް ހިމަނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ ކުރިޔަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެ ޕްލާން އެކުލަވާލެތޯ. އެ ޕްލޭނާ އެއްގޮތަށް އޭގެ ފަހުން ކުންފުނި ހިންގަމުންގެންދާނީ،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ކުންފުނީގެ މުވައްޒަފުން މަދުނުކޮށް ވެސް ހިންގުމުގެ ހަރަދުކުޑަކުރެވިދާނެ ކަމަށެވެ.

އެސްޓީއޯ އަށް ސަރުކާރުން ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރުމުން އެ ކުންފުންޏަށް ވާނީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.

"އަޅުގަނޑުމެންނަށް މިހާރު ދިމާވެފައިވާ މާލީ މައްސަލަތައް ހައްލުކުރެވެން އޮތީ އަޅުގަނޑުމެންގެ ހަރަދުތައް ވެސް ކުޑަކޮށްގެން. އެހެންވެ އެކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނަން،" އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު