އިންޑިއާ އިން ތެޔޮ ގެނަން ފެށުމުން ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދުކުރައްވާ އެސްޓީއޯ އިން ބުނެފި އެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ތެޔޮ އެތެރެކޮށް ވިއްކާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ރާއްޖެ އަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތްތަކެއް ހޯދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން އިސް ނަންގަވައިގެން އިންޑިއާ ސަރުކާރާ ވާހަކަ ދައްކައިގެން އެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީނަކީ ތެލުގެ ވިޔަފާރީގެ ކަންތައްތައް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއް. އެހެންވެ އެ ބޭފުޅާއަށް އެނގިވަޑައިގަންނަވާނެ ރާއްޖެ އަށް އެންމެ ހެޔޮ އަގެއްގައި އަދި އެންމެ އަވަހަށް ގެނެވޭނެ ގޮތްތައް. ރާއްޖެއަށް ބޭނުންވާ ތެޔޮ ފަސޭހައިން ލިބޭނެ ގޮތްތަކެއް ހޯއްދެވުމަށް ރައީސް މަސައްކަތްތަކެއް އެބަކުރައްވާ،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެސްޓީއޯ އަށް ބޭނުންވާ ތެޔޮ ސަޕްލައިކުރުމަށް ކްރެޑިޓް ފެސިލީޓީ ހޯދުމަށް ސަރުކާރުގައި އެދެން ނިންމާފައިވާ ކަމަށެވެ. އަދި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ދެކެވުނު ވާހަކަތަކަށް ފަހު އެސްޓީއޯ އިން މަޝްވަރާކުރާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
"އިންޑިއާ އިން ތެޔޮ ގެނެވޭ ގޮތް ވެއްޖެ ނަމަ އަޅުގަނޑުމެންނަށް ވަރަށް ފަސޭހަވާނެ ތެޔޮ ގެންނަން. އަދި ތެލުގެ ސެކިއުރިޓީ ވެސް ބޮޑުވާނެ. ހުރިހާ ގޮތަކުން ބަލާއިރު އިންޑިއާއިން ތެޔޮ ގެނެވޭ ގޮތް ވެއްޖެ ނަމަ ރާއްޖެއަށް މާ ފައިދާވާނެ،" އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ބާރަތު ޕެޓްރޯލިއަމް މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ތެޔޮ ގެންނަން ރާއްޖެ އިން ވަނީ ހުށަހަޅައިފަ އެވެ. ރައީސް ޔާމީން މިދިޔަ ހަފުތާގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރާ އެކު ބޭއްވި ރަސްމީ ވާހަކަތަކުގައި އެކަން ހުށަހެޅުއްވި އެވެ.