ތ. ފުނައްޑޫގައި ހިންގި މަސްފެކްޓްރީއާއި އެ ރަށާއި މަސްވެރިކަމުގެ ޒޯން3 އަދި 4 އަކަށް ދީފައިވާ މަސް ގަތުމުގެ ހުއްދަ ގަންނަން ޝައުގުވެރިވާ ބަޔަކު ހޯދަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.
އެ ބޭންކުން ފުނައްޑޫ ވިއްކާލަން ފުރަތަމަ އިއުލާންކުރީ މިދިޔަ އަހަރުގެ މެއި 23 ވަނަ ދުވަހު އެވެ. އެ ފަހަރު ކުރި އިއުލާނުގެ މުއްދަތު ހަމަވިއިރު އެކަށީގެންވާ އަދަދަށް ބަޔަކު ކުރިމަތިލާފައި ނެތުމުން މުއްދަތު އިތުރުކޮށްފައިވެ އެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރު ބަޔަކު ޝައުގުވެރިކަން ފާޅުކުރި ކަމެއް ބީއެމްއެލްއަކުން ނުބުނެ އެވެ.
ފުނައްޑޫއަށް ޝައުގުވެރިވާ ބަޔަކު ހޯދަން ބޭންކުން އިއުލާންކުރީ، ފުނައްޑޫ އިންވެސްޓްމަންޓުން ނެގި ލޯނު، ކޯޓުން ކުރި ހުކުމާ އެއްގޮތަށް ނުދައްކައިގެން ރަހުނުކުރި ތަކެތި ބޭންކާ ހަވާލުކުރުމުންނެވެ.
ބޭންކުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ނެރުނު އިއުލާނުގައި ބުނެފައި ވަނީ ފުނައްޑޫ މަސް ފެކްޓްރީއާއި ކުއްޔަށްދީފައިވާ އެ ރަށާއި މަސްވެރިކަމުގެ ޒޯން 3 އަދި 4އަށް ދީފައިވާ މަސްގަތުމުގެ ލައިސަންސް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ބޭންކުން ބުނީ ފުނައްޑޫ ގަތުމަށް ހުށަހަޅާއިރު ގަންނާނެ އަގަކާއި ފުރަތަމަ ދައްކާނެ އަދަދަކާއި އޭގެ ފަހުން ބާކީ ބައި ދައްކާނެ ގޮތް ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި އެ އިއުލާނުގައި ވަނީ މާކްސް ދިނުމަށް ހަމަޖެހިފައި ވަނީ ގަންނަން ހުށަހަޅާ އަގަށާއި ފުރަތަމަ ދައްކާނެ އަދަދަށް 95 ޕަސެންޓް މާކްސް ކަމަށެވެ. އަދި ރާއްޖޭގެ ކުންފުންޏެއް ނަމަ ފަސް ޕަސެންޓް މާކްސް ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ބީއެމްއެލް އިން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އެކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި މިހާރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮތް ފުނައްޑޫއަށް ބީއެމްއެލް އިން ނެގި ލޯނު ދައްކާފައި ނުވާތީ ރަހުނުގެ ގޮތުގައި ހުށަހެޅި ރީތި ބީޗް ރިސޯޓް (ބ. ފޮނިމަގޫދޫ ) އާއި ގއ. މަހައްދޫ ތ. ފުނައްޑޫގެ ވެރިފަރާތް ބީއެމްއެލް އިން އުފެއްދި ދެ ކުންފުންޏަކަށް ވަނީ ބަދަލުކޮށްދީފަ އެވެ.
ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބޭންކުން ލޯނު ނަގާފައި ވަނީ ތ. ފުނައްޑޫގައިވާ ހުރިހާ އިމާރާތަކާއި އިންވެސްޓްމަންޓާއި ކަނބާލިފަރު އިންވެސްޓްމަންޓްސްގެ "މަޑިވަރު 3" ޔޮޓާއި ރީތި ބީޗް ރިސޯޓާއި ރިސޯޓުގެ އެންމެހާ މުދަލާއި ރިސޯޓާ ގުޅުން ހުރި އެ ތަނުގައި ބޭނުންކުރާ އެންމެހާ ތަކެއްޗާއި ލިބެން ޖެހޭ ފައިސާ ވެސް ރަހުނުކުރުމަށް ފަހު އެވެ. އެ ލޯނުތަކަށް ފައިސާ ދައްކަމުން ނުދާތީ އިންޓްރަސްޓާ އެކު ދައްކަން ޖެހޭ އަދަދު 206 މިލިއަން ރުފިޔާ އަށް އަރައިފައިވެ އެވެ.