ބީއެމްއެލްގެ ސީއީއޯ އަކަށް އައިރިޝް ނެޝަނަލް ބޭންކުގެ ކުރީގެ ސީއީއޯ ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އެގްޒެކްޓިވް އޮފިސަރަކަށް އަޔަލެންޑްގެ އައިރިޝް ނޭޝަނަލް ބޭންކް (އައިއެންބީ)ގެ ކުރީގެ ސީއީއޯ ހަމަޖައްސައިފި އެވެ.

އެ ގައުމުގެ އިންޑިޕެންޑެންޓް ނޫހުގައި ބުނެފައި ވަނީ އެ އައިއެންބީގެ ކުރީގެ ސީއީއޯ އެންޑްރޫ ހީލީ ބީއެމްއެލްގެ ސީއީއޯގެ މަސްއޫލިއްޔަތުތަކާ ވަރަށް އަވަހަށް ހަވާލުވާނެ ކަމަށެވެ.

އެ ނޫހުގައި ބުނެފައި ވަނީ ރާއްޖޭގެ ގައުމީ ބޭންކާ ހަވާލުވާ 47 އަހަރުގެ ހީލީ އަކީ އައިއެންބީ އަށް ދިމާވި އިތުބާރު ގެއްލުމުގެ ތަފާތު އެކިއެކި މައްސަލަތައް ހައްލުކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އޮފްޝޯ އެކައުންޓްތަކަކަށް އިތުރަށް ޗާޖުކުރި މައްސަލަތަކެއް ފަޅާއެރުމާ ގުޅިގެން އެ ބޭންކަކީ އަޔަލެންޑްގެ އެންމެ އިތުބާރު ކުޑަ ބޭންކު ކަމަށް ވެސް އިންޑިޕެންޑެންޓް ނޫހުގައި ބުނެފައިވެ އެވެ.

އެ ނޫހުގައި ބުނެފައި ވަނީ އަޔަލެންޑްގެ އެންމެ ޒުވާން ސީއީއޯގެ ގޮތުގައި އެ ބޭންކާ ހީލީ ހަވާލުވުމަށް ފަހު އައިއެންބީ ހަމަމަގަށް އެޅުވުމަށް ވަރުގަދަ ގަވައިދުތަކެއް ހަދައި އެ ބޭންކުގެ އިތުބާރު އަލުން ހޯދައިދީފައިވާ ކަމަށެވެ. އަދި އޭނާ ފާހަގަކުރެވިފައި ވަނީ އަޔަލެންޑްގެ އެންމެ ވަރުގަދަ އެއް ބޭންކާގެ ގޮތުގައި ކަމަށް ވެސް އިންޑިޕެންޑެންޓް ނޫހުގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ މެއި މަހު މަގާމުން އިސްތިއުފާ ދެއްވި ހީލީ މި މަހުގެ ތެރޭގައި ބީއެމްއެލްގެ ސީއީއޯގެ މަސްއޫލިއްޔަތުތަކާ ހަވާލުވާނެ ކަމަށް އެނގިފައިވެ އެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމަށް 2011 ވަނަ އަހަރު ހަމަޖެއްސި ޕީޓާ ހޯޓަން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.

ޕީޓާ ސީއީއޯ ކަމާ ހަވާލުވި އިރު އެ ބޭންކަށް ފައިދާއެއް ނުވި ނަމަވެސް މިދިޔަ އަހަރު ބޭންކުގެ ފައިދާ 500 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ގޮސް ގިނަ އަހަރުތަކަކަށް ފަހު ހިއްސާދާރުންނަށް ވަނީ ފައިދާ ބަހައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު