ޖީއެމްއާރާ މަޝްވަރާ ކުރާނީ ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާގެ އަދަދާމެދު: ރައީސް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގުމަށް އިންޑިއާގެ ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން އުވާލުމާއެކު ޖީއެމްއާރަށް ބަދަލުގެ ގޮތުގައިދޭން ޖެހޭ ފައިސާ ދިނުމާ މެދު އެ ކުންފުންޏާ އެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
~
އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ ޖީއެމްއާރުގެ މައްސަލަ ހައްލުކުރުމަށް ކުރަން ޖެހޭ މަޝްވަރާތައް ކުރުމަށް ޖީއެމްއާރުގެ އިސް ބޭފުޅުން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޖީއެމްއާރަށް ދިވެހި ސަރުކާރަށް ހަމައެކަނި ދެވޭނެ ބަދަލަކީ ފައިސާގެ ބަދަލު ކަމަށާއި މަޝްވަރާ ކުރާނީ ބަދަލުގައި ދިވެހި ސަރުކާރުން ދައްކަން ޖެހޭ ފައިސާ އަދަދަކާ މެދު ކަމަށެވެ.

"އެއްގޮތަކަށް ވެސް މި ދައްކަނީ އެއާޕޯޓު ހިންގުން ޖީއެމްއާރަށް ހަވާލުކުރާ ވާހަކައެއް ނޫން. އެ ނޫން ކަންތައްތައް ހައްލުތަކުގެ ތެރޭގައި ހުށަހަޅުއްވަން އަޅުގަނޑުދެންނެވިން،" ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޖީއެމްއާރާ އެކު ކުރެވޭ މަޝްވަރާތަކަށް ފަހު ބަދަލުގައި ދައްކަން ޖެހޭ ފައިސާއަކީ ދިވެހި ސަރުކާރަށް ދެއްކޭނެ ވަރުގެ އަދަދަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ދެ ފަރާތުން މަޝްވަރާ ކޮށްގެން އެއްބަސްވުމަކަށް އަންނަން ޖެހޭ. މީގައި އޮންނަނީ ކިހާ އަދަދެއް ދައްކަން ޖެހޭތޯއާއި ބަހާލައިގެން ދެއްކޭތޯ ބެލުން. ބަދަލުދޭން ޖެހޭނެ ކަން ހަމަ ޔަގީން. އާބިޓްރޭޝަނުން ނިންމިޔަސް ބަދަލުދޭން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޯޓުން ބޭރުން މަޝްވަރާކުރެވިގެން ބަދަލު ދިނުމުގެ ކަންތައް އަވަހަށް ހަމަ ޖެހިގެން ދިއުމަށް ބޭނުންވާ ކަމަށާއި ޖީއެމްއާރުގެ މައްސަލައަށް ސުލްހަވެރި ހައްލެއް އައުމަށް އިންޑިޔާ ސަރުކާރުން އެދުނު ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު