ހޯރަފުށީ ދާއިރާގެ މެންބަރު އެމްޑީޕީން ވަކިވުމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު އެމްޑީޕީން ވަކިވުމަށް ނިންމައިފި އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުގައި އަހްމަދު ރަޝީދު ވިދާޅުވީ އެމްޑީޕީއަކީ ފިކުރެއް ކަމަށާއި އެމްޑީޕީ މިހާރު ހިނގަމުންދަނީ އެ ފިކުރު އުފެއްދި މީހުންގެ އެއްޗެއްގެ ގޮތުގައި ކަމަށެވެ.

އޭނާ އެމްޑީޕީން ވަކި ވުމަށް ނިންމީ ވަކި ފިކުރަކަށް "ހުސްވެގެން ހުރެ" މިހާރު ސަރުކާރަށް އެއްބާރުލުން ނުދެވޭނެތީ ކަމަށް ވެސް އަހްމަދު ރަޝީދު ވިދާޅުވި އެވެ.

"އެމްޑީޕީ މީހުން ތާއިދުކޮށްގެންތިބީ ބަޔަކު އިސްވެ ތިބެ ނެރުނު ފިކުރަކަށް، ނަމަވެސް މިހާރު އެމްޑީޕީ ހިނގަމުން ދަނީ އެމްޑީޕީ ފިކުރުގެނައި މީހުންގެ އެއްޗެއްގެ ގޮތުގައި. އެމީހުން ބޭނުންވާ ގޮތަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕް ވެސް ހިނގަމުންދަނީ. އަޅުގަނޑު ބޭނުމެއް ނުވޭ ވަކި ފިކުރަކަށް ހުސްވެފައި ހުންނާކަށް،" އަހްމަދު ރަޝީދު ވިދާޅުވި އެވެ.

ސަރުކާރުންގެ ވަޒީރުނަށް ރުހުންދިނުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ތްރީ ލައިން ވިޕާ ޚިލާފަށް ވޯޓުދެއްވުމާ ގުޅިގެން އޭނާ އަށް ފާޑުކިޔަމުންދާ ފަރާތްކަށް އަހްމަދު ރަޝީދު ވަނީ ރައްދުދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ޕާޓީން ނެރޭ ތްރީލައިން ވިޕާ އެއްގޮތަށް ވޯޓުދޭން ޖެހޭނެ ކަމަށް ގާނޫނުގެ އެއްވެސް މާއްދާއެއްގައި ލިޔެފައި ނޯންނާނެ ކަމަށެވެ.

އަހްމަދު ރަޝީދު ވިދާޅުވީ މަޖިލީހުގެ އިތުރު ދައުރަކަށް ކުރިމަތިލެއްވުމާ މެދު އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ. އަދި އެމްޑީޕީން ވަކިވެ ގުޅިވަޑައިގަން ވާނީ ކޮން ޕާޓީއަކަށް ކަމެއް ވިދާޅެއްނުވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު