ބައިނަލްއަގުވާމީ މައިދާނުގައި އެކި ގޮތްގޮތުން އިންޑިޔާއަށް އެއްބާރުލުން ދީފައިވާނެ: ރައީސް

ނިއުދިއްލީން: އަބްދުﷲ ޖަމީލު

ބައިނަލްއަގުވާމީ މައިދާނުގައި އެކި ގޮތްގޮތުން އިންޑިޔާ އަށް ދެވެން އޮތް އެއްބާރުލުމަކާއި ތާއީދެއް ދިވެހިރާއްޖެއިން އިންޑިޔާއަށް ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި އިންޑިޔާގެ ރައީސް ޕްރަނާބު މުކަރުޖީ ރޭ ބޭއްވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖެ އާއި އިންޑިޔާއާ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރި ގުޅުމަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ހުރިހާ ހާލަތެއް އަދި ވަގުތެއްގައި ވެސް އެއް ގައުމު އަނެއް ގައުމަށް ވާގިވެރިވެ އެހީތެރިވުމުގައި ދައްކާފައިވާ ޝައުގުވެރިކަން ކަމަށެވެ.

އިންޑިޔާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާސްތުރަޕަތީ ބަވަންގައި ބޭއްވެވި މި ޖާފަތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ގުޅުމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން ދެ ގައުމުގެ ގުޅުން މިއަށްވުރެ ވަރުގަދަކުރުމަށް ޓަކައި އެކި ފަންތިތަކުގައި މަސައްކަތް ކުރުމަށް ދެ ގައުމުގެ ސަރުކާރުން ވެސް އެއްބަސްވެފައިވާކަން ފާހަގަކުރެއްވި އެވެ. އަދި މިކަން ހާސިލުވެއްޖެނަމަ ދެ ގައުމުން ކުރަމުން އައިސްފައިވާ ތަރައްގީގެ ތަސައްވުރުތައް ހަގީގަތަކަށް ހެދިދާނެ ކަމަށާއި މި ސަރަޙައްދުގެ އަމާން ކަމަށާއި ތަނަވަސް ކަމަށާއި ރައްކާތެރިކަމަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމަށް ދިމާވި ބޮޑެތި ކަންކަމުގައި އެންމެ ގާތުން އަދި އެންމެ ދީލަތި އެހީ ފޯރުވައިދީ ދިވެހި ރައްޔިތުންގެ ދިރިއުޅުން އާންމު ހާލަތަށް ރުޖޫއަ ކުރުމުގައި އިންޑިޔާގެ ފަރާތުން ލިބިފައިވާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމުގެ މައްޗަށް ބައްލަވާލެއްވި އެވެ. މިގޮތުން، 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލައިގައި ދިވެހި ގައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވުމަށް އިންޑިޔާ ސަރުކާރުން ކުރެއްވި މަސައްކަތްޕުޅު ތަކާއި ދެއްވި އެހީތެރިކަމާއި އަދި 2004 ވަނަ އަހަރުގެ އޭޝިއަން ސުނާމީގައި އިންޑިޔާ ސަރުކާރުން ވެދެއްވި އެހީތެރިކަން ހާއްސަ ގޮތެއްގައި ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ދެކުނު އޭޝިޔާގެ ގައުމުތަކުން އެޤައުމު ތަކަށް ލިބިފައިވާ އިންސާނީ، ގުދުރަތީ، މާލީ އަދި އިގުތިސާދީ ވަސީލަތްތަކުގެ ބޭނުން އިޖުމާލީ ގޮތެއްގައި ހިފައިގެން ގުޅިފައިވާ ވަރުގަދަ ޖަމާއަތެއްގެ ގޮތުގައި ކުރިއަށްދާން ޖެހިފައިވާ ކަމަށެވެ. އަދި ހަމަ އެއާ އެކު ސަރަޙައްދީ ހުރިހާ ގައުމުތައް އެކުގައި މަސައްކަތްކޮށްގެން، ބައިނަލްއަގުވާމީ މައިދާނުގައި މިއަށްވުރެ ބާރާއި ނުފޫޒު ބޮޑު، ބަސްކިޔޭ ޖަމާއަތަކަށް ދެކުނު އޭޝިޔާ އަށް ވެވިދާނެ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިޔާ ހިމެނޭ ސަރަޙައްދަކީ ގުދުރަތީ ވަސީލަތްތައް ތިޔާގި އަދި އުފެދިފައިވާ ގޮތުން އެތައް ފަސޭހަތަކާއި ފައިދާތަކެއް ފަހިވެފައިވާ ސަރަޙައްދެއް ކަމަށެވެ. މިހެން ކަން އޮތުމާ އެކު ގައުމީ، ސަރަޙައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ދެކުނު އޭޝިޔާ ބައްރުގެ އަމާންކަމާއި ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް ޓަކައި ކެނޑިނޭޅި މަސައްކަތްކުރުމަކީ މި ސަރަޙައްދުގެ ގައުމުތަކުގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަަމަށް ރައީސް ވިދާޅުވި އެވެ. އަދި ދެކުނު އޭޝިޔާ މިހާރަށްވުރެ ތަރައްގީކުރުމުގެ ހުވަފެން ހަގީގަތަތަކަށް ހަދަން ބޭނުންވާނަމަ ދޭދޭ ގައުމުތަކުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމެންޓް އިތުރުކޮށް ދެމެހެއްޓެނިވި ގޮތުގައި އުމްރާނީ ތަރައްގީ ގެނައުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޑިވެލޮޕްމެންޓް ފައިނޭންސް އިންސްޓިޓިއުޝަންތައް ގާއިމުކޮށް، ގައުމުގެ ކުރިއެރުމަށް ބޭނުންވާ ދާއިރާތަކަށް އިގުތިސާދީ ގޮތުން ދޭންޖެހޭ އެއްބާރުލުން ދިނުމަށް ވެސް ވަރަށް ބޮޑު އިސްކަންދޭން ޖެހޭ ކަމުގައި ރައީސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު