ޓޫރިޒަމް ދާއިރާ ތަރައްގީ ކުރުމަށް އެސްބީއައިގެ އެހީތެރިކަމަށް އެދެފި

ނިއުދިއްލީން: އަބްދުﷲ ޖަމީލު

ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްތައް ތަރައްގީކުރުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ އެހީތެރިކަމަށް ރާއްޖެއިން އެދެފި އެވެ.

ރައީސް އަބްދުﷲ ޔާމީން މިހާރު އިންޑިއާކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބޮޑުވަޒީރު މަންމޯހަން ސިންގްއާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ޓޫރިޒަމް ފުޅާކޮށް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ލިބޭނެ ގޮތްތައް ހަމަޖައްސަވައިދިނުމަށް ބޮޑުވަޒީރު އަރިހުން އެދިވަޑައިގެންފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މީދޫ ދާއިރާގެ މެމްބަރު އަދި ސަން ހޮޓެލްސް އެންޑް ރިސޯޓްސްގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ އެސްބީއައި އަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް އެހީތެރިކަމެއް ފޯރުކޮށްދޭ ބޭންކެއް ކަމަށެވެ.

"އަޅުގަނޑުމެން މިއަދުގެ ބައްދަލުވުމުގައި އެދުނިން އެސްބީއައި މެދުވެރިކޮށް ރާއްޖޭގެ ޓޫރިޒަމް ދާއިރާ ތަރައްގީކުރަން ފައިސާ ލިބޭނެ ގޮތް ހަމަޖައްސަވައިދިނުމަށް. އެ ބޭފުޅުން ތިއްބެވީ ވަރަށް ޕޮޒިޓިވްކޮށް،" ސިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއް ރިސޯޓް ހެދުމަށް ރަށްތަކެއް ދޫކޮށްފައިވާ ކަމަށާއި އެ ރަށްތައް ހެދުމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ އެސްބީއައިގެ އެހީ ހޯދުމަށް އެދިވަޑައިގެންނެވި މައިގަނޑު ބޭނުމަކީ މިހާރު ނުހެދި ރިސޯޓްތައް ހެދުމަށް ބޭނުންވާ ފައިސާ ލިބޭނެ ގޮތެއް ހަމަޖެއްސުމަށް ކަމަށެވެ.

"ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އެސްބީއައިގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދޭ. އެކަމަކު އަދިވެސް ނުހެދި ގިނަ ރިސޯޓްތަކެއް ހުރުމާއެކު އެކަން ކުރިޔަށް ގެންދަން އެސްބީއައިގެ އެހީތެރިކަމަށް އެދުނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ބޭރުގެ ބޭންކު، އެސްބީއައިގެ ތިން ބްރާންޗެއް ހުރެ އެވެ. އަދި އެ ބޭންކުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އަމިއްލަ ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު