ވެލިދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ގޭހަށް ޖެހިފައި

ނ. ވެލިދޫ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ގޭސް ސަޕްލައި ނުކުރެވޭތީ އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް އެ ކަމުގެ އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ދެ ހާސް އެއް ވަނަ އަހަރުއް ސުރެ ވެލިދޫގައި އެސްޓީއޯ ސަބްސިޑިއަރީ ކުންފުނި، އެސްޓީއޯ ގޭހުގެ ޚިދުމަތް ދެމުން އަންނަ އޭޖެންޓް ކަމަށްވާ، ސާއްބަ ބްރަދާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑައިރެކްޓަރު ޢަބްދުﷲ އައްބާސް މިއަދު "ސަން" އަށް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ގޭސް ފޯރުކޮށް ނުދެވެނީ އެސްޓީއޯ އިން އެ ވަރަށް ގޭސް ނުލިބޭތީ ކަމަށެވެ.

"މި ރަށުގައި 425 ގޭގައި 2500 އެއްހާ މީހުން އެބަ ދިރިއުޅޭ. އަޅުގަނޑުމެންނަށް ލިބިފައި މި ހުންނަނީ އެންމެ 250 ފުޅި. މި އަދަދު އިތުރުކޮށްދިނުމަށް އެސްޓީއޯގައި އެދެމުން އަންނަތާ މިހާރު ތިން އަހަރު ވެއްޖެ. އަބަދުވެސް މި ވިދާޅުވަނީ ފުޅީގެ ޝޯޓޭޖް އުޅޭތީ ނުވެގެން އުޅެނީ ކަމަށް،" އަބްދުﷲ އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެލިދޫގެ ރައްޔިތުންގެ ތެރެއިން ވިއްސަކަށް ޕަސެންޓު މީހުން މިއަދު ވެސް ތިބީ ގޭސް ބޭނުންވެ ނުލިބިފައި އެވެ. އެ މީހުން ކައްކައި ހަދަނީ އަވައްޓެރިންގެ އެހީގަ އާއި ކަރަންޓު އުނދުން ބޭނުންކޮށްގެނެވެ. އެކަށީގެންވާ ފެންވަރެއްގައި ރައްޔިތުންނަށް ދަތި ނުވާނޭ ގޮތެއްގެ މަތީން ގޭސް ފޯރުކޮށް ދެވޭނީ އިތުރު 300 ފުޅި ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގޭހުގައި މިވާ ގޮތަކީ ގިނަ އަދަދެއްގެ ފުޅި ހުރެގެން ނޫނީ އެކަށީގެންވާ ގޮތެއްގައި ޚިދުމަތެއް ނުދެވޭނެ. އެއީ ހުސްފުޅި އަބަދުވެސް އެބަ ޖެހޭ މާލެ އަށް ފޮނުވަން. އެހެން ކަމުން ހުސްފުޅީގެ ގޮތުގައި ދައުރުވާ ބައިވެސް މީގައި ގުނަން އެބަ ޖެހޭ،" އަބްދުﷲ ވިދާޅުވި އެވެ.

އަބްދުﷲ އިތުރަށް ވިދާޅުވީ ސާއްބަ ކުންފުނީގެ ފަރާތުން ގޭހުގެ ޚިދުމަތް މެދުނުކެނޑި ދެމުން އަންނަތާ 12 އަހަރު ވެފައި ވަނިކޮށް، އަދި ފުޅީގެ އަދަދު އިތުރުކޮށް ދިނުމަށް އެދޭތާ ތިން އަހަރުވެފައި ވަނިކޮށް އެކަމަށް އިޖާބަ ނުދީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރީން 20 ފުޅީގެ ސްޓޮކަކާ އެކު އިތުރު ކުންފުންޏަކަށް ވެލިދޫ އަށް ގޭސް ސަޕްލައި ކުރުމުގެ ހުއްދަ ވެސް ދީފައިވާ ކަމަށެވެ.

މި މައްސަލައިގައި އެސްޓީއޯ ގޭސް ކުންފުނީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު