ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ޕީޕީއެމް އަށް ސޮއިކުރައްވައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެންމެ ޕީޕީއެމް އަށް ސޮއިކުރައްވައިފި އެވެ.

ނަސަންދުރާ ޕެލަސް ހޮޓެލްގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޑރ. ވަހީދު ޕީޕީއެމް އަށް ސޮއި ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ހާޒިރުގަ އެވެ.

ރައީސް ވަހީދު މިއަދު ޕީޕީއެމް އަށް ސޮއިކުރެއްވީ އެ މަނިކުފާނު ލީޑަރަކަށް ހުންނެވި ގައުމީ އިއްތިހާދު ޕާޓީ މިއަދު ހެނދުނު އުވާލެއްވުމަށް ނިންމެވުމަށް ފަހު އެވެ.

ރައީސް ވަހީދާ އެކު މިއަދު ޕީޕީއެމް އަށް ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ގައުމީ އިއްތިހާދު ޕާޓީގެ ކައުންސިލް މެންބަރުން ހިމެނިވަޑައިގަންނަ އެވެ. އެ ބޭފުޅުންގެ ތެރޭގައި ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އަހުމަދު ތައުފީގާއި ރައީސް ވަހީދުގެ ސަރުކާރުގެ ކެބިނެޓް ސެކްރެޓަރީއަކަށް ހުންނެވި އަދި ފަހުން ޕީޕީއެމްގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖެއްސެވި ޑރ. އަބްދުﷲ ނަޒީރާއި ލަންކާގައި ހުންނަވާ ރާއްޖޭގެ ހައި ކޮމިޝަނަރު ހުސެއިން ޝިހާބާއި ރައީސް އޮފީހުގެ ކުރީގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދާއި އިލްޔާސް ހުސެއިން އިބްރާހީމާއި ޖައުފަރު އީސާ އާދަމް ހިމެނިވަޑައިގަންނަވަ އެވެ.

ގައުމީ އިއްތިހާދު ޕާޓީ އުވާލުމަށް ނިންމާފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއި އިގްތިސޯދު މިހާރު އޮތްގޮތަށް ބަލާއިރު ކުދި ޕާޓީތަކަށް ހަރަކާތްތެރިވެވޭނެ ގޮތްތަކެއް ނެތުމުން ކަމަށް އެ ޕާޓީން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު