ރުހުން ލިބިފައި ނުވާ ވަޒީރުންގެ ފޮޓޯފުޅުތަކާއި ނަންފުޅުތައް ރައީސް އޮފީހުގެ ސައިޓުން ނަގައިފި

ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުނު ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިތާ 24 ގަޑއިރު ވެސް ނުވަނީސް ރައީސުލްޖުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން އެ ވަޒީރުންގެ ފޮޓޯ ފުޅުތަކާއި ނަންފުޅުތައް ނަގައިފި އެވެ.


ރައީސް އޮފީހުގެ ވެބްސައިޓުގައި މިނިސްޓަރުންގެ ގޮތުގައި މިހާރު ފެންނަން ހުރީ ރައްޔިތުން މަޖުލީހުން ރުހުންދެއްވި ފަސް ބޭފުޅުންގެ ފޮޓޯ ފުޅާއި އެ ބޭފުޅުންގެ ނަންފުޅުތަކުގެ އިތުރަށް، ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ރައީސް އައްޔަން ކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަރިޔަމް ޒުލްފާ އާއި އަދި ޓުރާންސްޕޯޓް މިނިސްޓަރު ކަމަށް އައްޔަންކުރަށްވައި ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މުހައްމަދު އާދިލު ސަލީމުގެ ނަންފުޅާއި ފޮޓޯފުޅެވެ.


މިއަދުގެ ރޭޑިޔޯ ހިތާބުގައި ރައީސް ވިދާޅުވީ ރޭ ސުޕްރީމް ކޯޓުން ނިންމެވި ހުކުމަށް ތަބާވުމަކީ އެ މަނިކުފާނުގެ މައްޗަށް ވާޖިބުކަމެއް ކަމަށާ އެ ހުކުމައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.


ރައީސް އޮފީހުގެ ޕުރެސް ސެކްރެޓަރީ މުހައަމަދު ޒުހައިރު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަށް ބަލާއިރުގައި ރުހުން ނުލިބުނު މިހާރުގެ ޑިފެކްޓޯ މުވައްޒަފުންގެ (އިދާރީ މުވައްޒަފުން) ބަދަލުގައި އާ ވަޒީރުން އައްޔަނު ކުރަންދެން ރުހުންނެތް ވަޒީރުންނަށް އެ މަގާމުގައި ދެމިތިބުމުގެ ފުރުސަތު އޮތް ނަމަވެސް ވަޒީރަކަށް ލިބޭ އެއްވެސް އިނާޔަތެއް މިއަދުން ފެށިގެން ރުހުންނެތް އެއްވެސް ވަޒީރަކު ބޭނުން ކުރައްވަމުން ނުގެންދަވާނެ ކަމަށެވެ.


ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ވަޒީރުންނަކީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެކޮނަމިކް މިނިސްޓަރު މަހުމޫދު ރާޒީ އާއި ހެލްތު މިނިސްޓަރު އާމިނަތު ޖަމީލާއި އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދާއި ޔޫތު މިނިސްޓަރު ހަސަން ލަތީފެވެ.


ރުހުން ލިބިފައި ނުވާ ވަޒީރުންނަކީ ބަންޑާރަ ނާއިބު ޑރ. އަހުމަދު އަލީ ސަވާދާއި ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ހޯމް މިނިސްޓަރު މުހައްމަދު ޝިހާބާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އާއި ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ އާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި ފައިނޭންސް މިނިސްޓަރު އަލީ ހާޝިމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު