އާބިޓްރޭޝަން ސެންޓަރުގެ ބޯޑުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް މާދަމާ ހުޅުވާލަނީ

މޯލްޑިވިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް، އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ބުނެފި އެވެ.

އާބިޓްރޭޝަން ގާނޫނު ބުނާ ގޮތުން ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ އާބިޓްރޭޝަން ސެކްޓަރުގެ ބޯޑަށް މީހުން އަންޔަން ކުރާނީ އޭޖީގެ ހުށަހެޅުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އެ މެމްބަރުން ވަކިކުރާނީ ވެސް އޭޖީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

އާބިޓްރޭޝަން ސެންޓަރުގެ ބޯޑުގެ މެމްބަރުކަމުގެ ޝަރުތަކީ އުމުރުން 30 އަހަރުވެފައި ވުމާއި ހިޔާނާތާއި މަރަކަރާއި ހީލަތާއި ކޮރަޕްޝަންގެ ކުށް ތާސިބިތުވެފައި މީހަކު ކަމުގައިނުވުމެވެ. އަދި ޖިނާއީ ކުށެއް ސާބިތުވެފައިވާ ނަމަ އެ ކުށް ތަންފީޒުކޮށް ނިމުނުތާ ފަސް އަހަރުވާން ޖެހޭނެ ކަމަށާއި މާލީ މަސްލަހަތުގެ ހުރި ގޮތުން ބޯޑުގެ މެމްބަރު ކުރުމަށް ހުރަސް އެޅިގެން ނުވާނެ އެވެ.

ބޯޑުގެ މެމްބަރަކީ ގާނޫނީ ދާއިރާއިން ނުވަތަ މެނޭޖުމަންޓް ދާއިރާ ނުވަތަ ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާގެ ތެރެއިން ކޮންމެ ވެސް އެއް ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައި ވާންޖެހެ އެވެ. އަދި ގާނޫނީ ދާއިރާ އާއި މެނޭޖުމަންތް ދާއިރާގައި ނުވަތަ ވިޔަފާރި އާއި އިގްތިސާދީ ސިނާއަތުގައި މަދުވެގެން 10 އަހަރު މަސައްކަތުގެ ތަޖުރިބާ ލިބިފައިވާންޖެހޭނެ އެވެ.

ބޯޑުގެ މެމްބަރު ކަމުގެ އެ ޝަރުތުތަކަކީ އާބިޓްރޭޝަން ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތަކެވެ.

އޭޖީ އޮފީހުން ބުނީ އާބިޓްރޭޝަން ސެންޓަރުގެ ބޯޑުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މަދާމާ ހެނދުނު 8:00 ފެށިގެން މި މަހުގެ 29 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 3:00އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.

ބޯޑު މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ކުރިމަތިލުމަށް އެދޭ ފޯމާއި އެދޭ މީހާގެ އިގްރާރާއި ކުށުގެ ރިކޯޑު ފޯމާއެކު ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސް ދުވަހު ހެނދުނު 8:00 އިން މެންދުރުފަހު 3:00 އެކު ކުރިން އޭޖީ އޮފީހަށް ހުށަހެޅުމަށް އެ އޮފީހުން ވަނީ އިއުލާންކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު