އިސްރާއީލުގެ ސްނައިޕަރަކު ފަލަސްޠީނުގެ 14 އަހަރުގެ ކުއްޖަކު ޝަހީދު ކޮށްލައިފި

އިސްރާއީލުގެ ސިފައިންގެ އަމާޒަށް ބަޑި ޖަހާ ސްނައިޕަރަކު ދިން ހަމަލާއެއްގައި ފަލަސްޠީނުގެ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.

އިސްރާއީލުން އަޅުވެތި ކޮށްފައިވާ ހުޅަނގު އައްސޭރީގެ ޖަލަޒޫން ރެފިއުޖީ ކޭންޕުގައި ހިނގި މި ހާދިސާގައި ޝަހީދު ކޮށްލި ކުއްޖާގެ ނަމަކީ ވަޖީހް ވަޖްދީ އައްރަމާޙީއެވެ.

މީގެ ފަސް ދުވަސް ކުރީން ހިނގި މި ހާދިސާގައި، އިސްރާއީލުގެ ސިފައިންގެ މީހާ އައްރަމާޙީއަށް ހަމަލަ ދީފައި ވަނީ ރެފިއުޖީ ކޭންޕުގައި ހުންނަ މަދަރުސާގެ މައިދޮރޯށި ދޮށުގައި އޭނާ ހުއްޓައި، ފުރަގަހުން ބަޑި ޖަހައިގެންނެވެ. ވަޒަން އަރައިފައި ވަނީ އޭނާގެ ބުރަކަށްޓަށެވެ.

ބަޑީގެ ހަމަލާގައި ޒަޚަމް ވުމުން، ރާމައްﷲ ގައި ހުންނަ ޕެލަސްޓައިން މެޑިކަލް ކޮމްޕްލެކްސަށް އޭނާ ގެންދެވުނު ނަމަވެސް، އޭނާގެ ފުރާނަ ސަލާމަތް ކުރުމުގައި ޑޮކްޓަރުންނަށް ކާމިޔާބެއް ނުލިބުނެވެ.

މި ހާދިސާއާ ގުޅިގެން އައްރަމާޙީގެ ބައްޕަ ވަޖްދީ އައްރަމާޙީ ރޮވިފައި ހުރެ ބުނެފައި ވަނީ "އިސްރާއީލުގެ ސިފައިންގެ މީހާ ދޫންޏެއް ޝިކާރަ ކުރާހެން އަހަރެންގެ ދަރިފުޅު ޝިކާރަ ކޮށްފި" ކަމަށެވެ. ވަޖްދީ އައްރަމާޙީ ބުނެފައި ވަނީ އެތަނުގައި އެއްވެސް ހަމަނުޖެހުމެއް ނުވަތަ މައްސަލައެއް ނުހިނގާ ކަމަށާއި، އިސްރާއީލުގެ ސިފައިންގެ މީހާ ހަމަ ހުރެފައި ބަޑި ޖެހީ ކަމަށެވެ.

އިސްރާއީލުގެ ޚަބަރުފަތުރާ ވަސީލަތްތަކުން މި ޚަބަރު ގެނެސްދީފައި ވާއިރު، ހާދިސާ ހިނގައިދިޔަ ގޮތް ރަނގަޅަށް އޮޅުން ނުފިލާ ކަމަށް ބުނެފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު