ސިޔާސީ މަގްސަދަކަށްޓަކައި އެއްވެސް މީހަކު ދޫކޮށް ނުލާނެ: ސުއޫދު

14:30


މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގައި، ސިޔާސީ މަގްސަދަކަށްޓަކައި އެއްވެސް މީހަކު ދޫކޮށްނުލާނެ ކަމަށް އެޓާނީ ޖެނެރަލް އަދި ކްލެމެންސީ ބޯޑުގެ ރައީސް އަލްއުސްތާޒު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.


ކުށްވެރިންނަށް މަޢާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކްލެމެންސީ ބޯޑާ ބެހޭގޮތުން ފަންސަވީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހުސްނުއްސުއޫދު މިއަދު ވިދާޅުވީ، ތަފާތު ކުށްކުށުގައި ދެ ހާހެއްހާ މީހުން ހުކުމް ތަންފީޒު ކުރަމުންދާއިރު އޭގެ ތެރޭގައި ޣައިރު ހާޒިރުގައި ހުކުމްކޮށްފައި ތިބި މީހުންނާއި ފިލައިގެން އުޅޭ މީހުން ވެސް އުޅެމުންދާ ކަމަށެވެ. ސުއުދޫ ވިދާޅުވީ މައާފް ދިނުމާއި އަދަބު ލުއިކޮށްދޭނީ ކްލެމެންސީ ބޯޑުގައި ހިމެނިވަޑައިގެންނަވާ 11 މެމްބަރުންގެ ތެރެއިން އެމީހަކަށް ލިބޭ ޕޮއިންޓަކަށް ބެލުމަށް ފަހުގައި ކަމަށެވެ. އަދި އެ ކަންކަން ކުރައްވަމުން ގެންދަވާނީ ސިޔާސީ ކަންތައްތަކުން އެއްކިބާވެގެން ކަމަށް ވެސް ސުއުދޫ ވިދާޅުވި އެވެ.


ސުއޫދު އިތުރަށް ވިދާޅުވީ މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގައި ބަލާނީ މައިގަނޑު ދެ ކަމަކަށް ކަމަށާއި އެއީ އެއްވެސް އިލްތިމާސްއެއް ނެތް ފަރާތަކަށް ވާންޖެހޭނެ ކަމަށާއި އަދި ހުކުމުގެ ތިންބައިކޮށްފައި އެއްބައި ފުރިހަމަކޮށްފައިވާ މީހަކަށް ވެސް ވާންޖެހޭނެ ކަމަށެވެ. އަދި އެމީހުން މުޖްތަމައަށް މަޢާފް ލިބިގެން ދޫކޮށްލި ނަމަވެސް ދޫކޮށްލާނީ ވަކި ޚާއްސަ ޝަރުތުތަކެއް ކަނޑައިއެޅިގެން ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.


މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގައި މަޢާފް ނުދެވޭނެ ބައެއް ކުށްކުށް ހުންނާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެހެން ނަމަވެސް އެފަދަ ކުށްތަކަށް މަޢާފް ނުދިން ނަމަވެސް ގާނޫގައިވާ ގޮތުގެ މަތިން އެކުށްކުށުގެ އަދަބު ލުއިކޮށްދެވިދާނެ ކަމަށް ވެސް ސުއޫދް ވިދާޅުވި އެވެ. އަދި ކްލެމެންސީ ބޯޑުން ވަކި ފަރާތަކަށް މަޢާފް ދިނުމަށް ނިންމި، ނަމަވެސް މަޢާފް ދެވި ދޫކޮށްލާ ފަރާތުގެ ފަރާތުން އަނިޔާ ލިބިފައި ހުރި މީހެއްވާނަމަ އެފަރާތަކަށް އެމީހެއް މުޖްތަމަޢަށް ދޫކޮށްލުމުން ގެއްލުމެއް ލިބިދާނެ ކަމުގެ ބިރުވެރިކަމެއް ވާނަމަ އަނިޔާ ލިބުނު ފަރާތުން އެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބިގެންވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.


މަޢާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ރަޢީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސް ހުށަހެޅުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. 

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު