ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގަތް ކަމުގައިވިއަސް ގޮތް ދޫކުރައްވައި ހަތިޔާރު ނުބަހައްޓަވާނެ ކަމަށް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނާ ވާހަކަ ދައްކަވަމުން އުމަރު ނަސީރު މިއަދު ވިދާޅުވީ މިދަނޑިވަޅުގައި ޕާޓީއަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ އޭނާ އާއި ޕާޓީގެ ލީޑަރާ ދެމެދު ހިޔާލުތަފާތުވުންތައް އޮތް ކަމަށް ގަބޫލުކޮށް، ހިޔާލު ތަފާތުވުންތަކާ އެކު ކުރިއަށް ދިއުންކަމަށާއި އޭނާ އާއި ތަސްމީނާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް މަޝްވަރާކޮށްގެން ހައްލެއް އަންނާނެ ކަމަށް އަމިއްލަފުޅަށް ގަބޫލުފުޅު ނުރަށްވާ ކަމަށެވެ.
"ދެފަރާތް (ތަސްމީނާއި އަޅުގަނޑު) ވާހަކަ ދައްކައިގެން އެއްބަސްވެވޭ ކަން ކަން އައިޑެންޓިފައި (ފާހަގަކޮށް) ކޮށްލައިގެން އެއްބަސްވެލައި އެއްބަސް ނުވެވޭ ކަންކަން އައިޑެންޓިފައިކޮށް، އެކަމަށް އެއްބަސް ނުވާން އެއްބަސްވެލައި ދެން އެ އެއްޗިހި ކުޑަކޮށް ހެމަރުއައުޓް ކޮށްލުމަށް އަޅުގަނޑު ދަންނަވާލީ،" އުމަރު ވިދާޅުވި އެވެ.
ތަސްމީނާ ބައްދަލުކުރެއް ވުމަށް އުމަރު ހުށަހެޅުއްވި ހުށަހެޅުން ގަބޫލުކުރެއްވުމަށް ތަސްމީނަށް ގޮވާލައްވަމުން އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގައި އިސްނެގުމާއި އެއް ފަރާތުން ގޮވާލާ ގޮވާލުންތަކަށް އިޖާބަ ދިނުމަކީ ލީޑަރެއްގެ ގައިގައި ހުންނަން ޖެހޭ ސިފައެއް ކަމަށެވެ.
"އެއްވެސް ބަޔަކު ބޭނުމެއް ނުވާނެ އެބަޔަކު ބަލިވީ ކަމަށް ގަބޫލުވާ ގޮތަކަށް ކަމެއް ނިމޭކަށް. އެކަންކަމާ ހުރެ މި ކަންކަން ލޮކުވެފައި [ތަޅުއެޅުވިފައި] މިހުންނަނީ. ލީޑަޝިޕަކީ މިކަންކަން އެކުލެވިގެން ވާކަމެއް. އަޅުގަނޑުމެން އެކުވެރިކަމުގައި އަތްދިއްކޮށްލަން ޖެހޭ ހާލަތްތަކުގައި އަތްދިއްކޮށްލަން ވާނެ. އަނެއް ފަރާތުން ދިއްކޮށްލާ އަތުގައި ހިފަން ވެސް ވާނެ،" އުމަރު ވިދާޅުވި އެވެ.
ސުލްހަވުމުގައި އިސްނަގާ ފަރާތަކީ ބަލިވާ ފަރާތްކަމަށް އެއްވެސް ފަރާތަކުން ސިފަ ނުކުރުމަށާއި ހަގީގަތަކީ ދެފަރާތުން ވެސް އެބަޔަކު ގަބޫލުކުރާ ގޮތްތަކެއްގައި ދެމިތިބުން ކަމަށް އުމަރު ވިދާޅުވި އެވެ.
"އިސްނަގާ ފަރާތަކީ އެއީ ބަލިވާ ފަރާތެއް ވެސް ނޫން. އަދި މޮޅުވާފަރާތެއް ވެސް ނޫން. މީގައި ހަގީގަތް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ." އުމަރު ވިދާޅުވި އެވެ.
އުމަރުގެ އެ އިސްނެންގެވުމަށް ތަސްމީނުގެ ފަރާތްޕުޅުން އަދި އެއްވެސް ޖަވާބެއް ލިބިވަޑައިގެންފައި ނުވާކަމަށް އުމަރު ވިދާޅުވި އެވެ.
ތަސްމީން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އުމަރު ނަސީރު ޕާޓީ ބައިބައި ކޮށްލަން އުޅޭކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު ޑީއާރުޕީގެ ޑިސިޕްލިނަރީ ކޮމެޓީގެ އަޣުލަބިއްޔަތުން އުމަރު ޕާޓީން ވަކިކުރުމަށް ވަނީ ފާސްކޮށްފަ އެވެ.
ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުން ގަބޫލުނުކުރަށްވާ ކަމަށާއި އުމަރު ނަސީރަކީ އަދި ވެސް ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ޒައީމް މައުމޫނު ވަނީ ވިދާޅުވެފަ އެވެ. އުމަރު ވެސް ވަނީ އޭނާ ޕާޓީން ވަކިކުރުމަށް ނިންމި ނިންމުން ގަބޫލުނުކުރަށްވާ ކަމަށް ވިދާޅުވެފަ އެވެ.
އުމަރު ވިދާޅުވީ ޕާޓީގެ އަސާސީ ގަވައިދުގެ 83 އަދި 84 ވަނަ މާއްދާ ބުނާ ގޮތުން އެފަދަ ކޮމެޓީ އަކަށް ޕާޓީގެ ނާއިބު ލީޑަރަކު ޕާޓީއަކުން ވަތްކެއް ނުކުރެވޭނެ ކަމަށެވެ.