ޑިމޮކްރެޓިކް އުސޫލުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކަށް މަޖިލީހުގެ އެމްޑީޕީ މެންބަރުން ދަނީ ހުރަސް އަޅަމުން: ތަސްމީން

14:30


ޑިމޮކްރަސީގެ އުސޫލުން ރައްޔިތުންގެ މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކަށް، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް، އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަދި އެޕާޓީގެ ޕާލަމްނެޓްރީ ގްރޫޕުގެ ރައީސް ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.


ޑީއާރުޕީގެ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ތަސްމީން ރޭ ވިދާޅުވީ، މަޖިލީހުގައި ނަގާ ވޯޓު އެމްޑީޕީއަށް ނާކާމިޔާބު ވާހެން ހީވެއްޖެއްޔާ އެކިކަހަލަ އުނދަގޫތައްކޮށް މަސައްކަތް ހުއްޓުވުމަށް އެ ފަރާތްތަކުން މަސައްކަތްކުރާ ކަމަށެވެ. އަދި އެމްޑީޕީ މެންބަރުން މަޖިލީހުގައި ކުރިމަތިކުރާ ކޮންމެ ގޮންޖެހުމަކަށް ޑީއާރުޕީ އޮތީ ތައްޔާރަށް ކަމަށްވެސް ތަސްމީން ވިދާޅުވި އެވެ. މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދާ، އޮޑިޓަރ ޖެނެރަލްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ތަސްމީން ވިދާޅުވީ، އެ މައްސަލައަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނަގަންޖެހޭނެ ކަމަށެވެ.


ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ތަސްމީން ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ދޯދިޔާކަމުން ރާއްޖޭގައި އިންވެސްޓުކުރަން ބޭނުން ފަރާތްތަކަށް އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކުގެ އިންވެސްޓް ކޮންފިޑެންސް ގެއްލިފައިވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.


މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ، ކޮންމެ ގޮތަކަށް ނަތީޖާ ދެއްކި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިހާރު އޮތް އޮޑިޓަރ ޖެނެރަލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވޯޓާ ހިސާބަށް ގެންދާނެ ކަމަށެވެ. އަދި އަންނަ ހަފްތާގައި އޮޑިޓަރ ޖެނެރަލް އެމަގާމުން ފެނިގެން ނުދާނެ ކަމަށާއި، އެ ވޯޓު ނުނަގައި މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި މި މައްސަލައިގައި މަގާމުން ވަކި ކުރުމުގެކުރިން އޮޑިޓަރ ޖެނެރަލްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް އޭނާ އިބްރާހިމް ނައީމަށް ގޮވާލެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު