ޖެނީވާގެ އެއްބަސްވުމަކީ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްޤު އީރާނަށް ލިބިދޭ އެއްބަސްވުމެއް: ރޫޙާނީ

ތެހެރާން (ނޮވެމްބަރު 25): އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލުކުރުމާބެހޭ ގޮތުން ޖެނީވާގައި ކުރިޔަށްގެން ދިޔަ ވާހަކަތަކުގައި ދުނިޔޭގެ ބޮޑު ހަ ބާރާއި އީރާން އެއްބަސްވި އެއްބަސްވުމަކީ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްޤު އީރާނަށް ލިބިދޭ އަދި މިހައްޤަށް ދުނިޔޭގެ ބޮޑެތި ބާރުތައް އިޢްތިރާފްވާ އެއްބަސްވުމެއް ކަމަށް އީރާނުން ސިފަކޮށްފި އެވެ.

ތެހެރާންގައި ބޭއްވި ރައްޔިތުންގެ އެއްވުމެއްގައި ތަގްރީރުކުރައްވަމުން އީރާނުގެ ރައީސް ޑރ. ޙަސަން ފަރީދޫން ރޫޙާނީ ވިދާޅުވީ އެ އެއްބަސްވުމަކީ އީރާނަށް ލިބުނު ކާމިޔާބީއެއްގެ އިތުރުން މިއީ މުޅިދުނިޔެއަށާއި ގަލްފުގެ ސަރަހައްދަށް އަމާންކަމާއި ސުލްޙަ ގެނަސްދޭނެ އެއްބަސްވުމެއް ކަމުގަ އެވެ. އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލުކުރުމުގެ ގޮތުން ދުނިޔޭގެ ބޮޑު ހަ ބާރު ކަމަށްވާ އެމެރިކާ، ރަޝިޔާ، ޗައިނާ، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތުގެ މަންދޫބުންނާއި އީރާނުގެ މަންދޫބުން ޖެނީވާގައި ކުރިޔަށްގެންދިޔަ ދެވަނަ ބުރުގެ ވާހަކަތަކުގައި ދެފަރާތުން އިއްޔެވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ.

މިއެއްބަސްވުން ބިނާވެފައި ވަނީ ފަސް ޕަސެންޓަށް ވުރެ މައްޗަށް ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް އީރާން ކުރިޔަށް ނުގެންދިޔުން ޝަރުތުކޮށް އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބައެއް ލުއިތައް ދިނުމުގެ މައްޗަށެވެ. ޖެނީވާގެ ވާހަކަތަކުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިމެނޭ ހުޅަނގުގެ ހަތަރު ބާރުން އީރާނަށް ފިއްތުންތައް ކުރިމަތިކުރަމުން ގެންދިޔައީ ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް މުޅިން ހުއްޓާލައި އީރާނަށް ބޭނުންވާ ޔޫރޭނިޔަމް ބޭރުން ލިބޭ ގޮތަށް އެއްބަސްވުމަކަށް އައުމަށެވެ. ނަމަވެސް ޔޫރޭނިޔަމް ފައްކާކުރުން ހުއްޓާލުމަކީ ހުރަސްނުކުރެވޭނެ ރަތްރޮނގެއް ކަމަށް ވަރަށް ފާޅުކަންބޮޑުގޮތެއްގައި އީރާން ކަނޑައެޅުމުން ހުޅަނގުގެ ބާރުތައް ވަނީ ފަސް ޕަސެންޓަށް ވުރެ ދަށު ފެންވަރަކަށް ޔޫރޭނިޔަމް ފައްކާކުރުމުގެ ފުރްސަތު އީރާނަށް ދޭ ގޮތަށް އެއްބަސްވުމަކަށް އައިސްފަ އެވެ.

މިކަމަށް އިޝާރާތް ކުރައްވަމުން އީރާނުގެ ރައީސް ވިދާޅުވީ މިއީ އީރާނުގެ ނިއުކްލިޔާ ހައްޤުތަކަށް ހުޅަނގުގެ ބާރުތަކުން ފުރަތަމަ ފަހަރަށް އިޢްތިރާފްވި އިޢްތިރާފްވުން ކަމަށާ މިއީ އީރާނަށް ލިބުނު ވަރަށްބޮޑު ކާމިޔާބީ އެއްކަމުގަ އެވެ. އީރާނަށް ބޭނުންވާ ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް އީރާނުގެ އަމިއްލަ ބިމުގައި އީރާނުގެ ސައެންސްވެރިންގެ ޢިލްމާއި ތަޖްރިބާއިން ދުނިޔޭގެ ރުހުމާ އެކު ކުރިޔަށް ގެންދިޔުމުގެ ފުރްސަތު މިއެއްބަސްވުމުގެ ދަށުން އީރާނަށް ލިބިގެން ހިނގައްޖެ ކަމަށްވެސް އީރާނުގެ ރައީސް ވިދާޅުވި އެވެ.

ނިއުކްލިޔާ މައްސަލާގައި އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް މިއެއްބަސްވުމުގެ ދަށުން ލިބިގެންދާނީ ކުޑަ ލުއެކެވެ. ނަމަވެސް ނިއުކްލިޔަރ މައްސަލާގައި ހުޅަނގުގެ އިތުރު ފިއްތުންތައް ކައިރި މުސްތަގްބަލެއްގައި ކުރިމަތިނުވާނެ ކަމުގެ ޔަގީންކަމުގެ އިތުރުން ޔޫރޭނިޔަމް ފައްކާކުރުމުގެ ފުރްސަތުވެސް މިއެއްބަސްވުމުގެ ދަށުން އީރާނަށް ލިބިގެންގޮސްފައި ވާތީ މިއީ އީރާނަށް ލިބުނު ކާމިޔާބީއެއް ކަމަށް މުޙައްލިލުން ދެކެ އެވެ.

އަނެއްކޮޅުން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވަނީ އީރާނުގެ ނިއުކްލިޔަރ މައްސަލާގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާން އެއްބަސްވި އެއްބަސްވުމަކީ މެދުއިރުމައްޗަށް އިތުރު އަމާންކަމާއި ސަލާމަތްކަން ލިބިގެންދާނެ އެއްބަސް ވުމެއް ކަމަށް ސިފަކުރައްވާފަ އެވެ. އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެމެރިކާއާއި އިސްރާއީލު ގެންގުޅެނީ އެއްވިސްނުމެއް ކަން ހާމަކުރައްވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެމެރިކާ އާއި އިސްރާއީލުގެ އަމާޒަކީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ އެއްވެސް ފުރްސަތު އީރާނަށް ނުދިނުމެވެ. ނަމަވެސް އިސްރާއީލުން ވަނީ މިއެއްބަސްވުމަށް ފާޑުކިޔައި ކަންބޮޑުވާކަން ހާމަކޮށްފައެވެ. އަދި ގަލްފުގެ ޢަރަބި ގައުމުތަކުން ވެސް މިއެއްބަސްވުމަށް މަރްޙަބާ ކިޔާފައި ވަނީ ވަރަށް ފިނިގޮތަކަށެވެ.
އީރާނުގެ ނިއުކްލިޔާ މައްސަލާގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާން އެއްބަސްވި އެއްބަސްވުމަކީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމުގެ ދާއިމީ އެއްބަސްވުމަކަށް މަގުފަހިވެގެންދާނެ ވަގުތީ އެއްބަސްވުމެކެވެ. މިއެއްބަސްވުމުގެ މުއްދަތަކީ ހަ މަސްދުވަހެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާން އެއްބަސްވި އެއްބަސްވުން ބިނާވެފައިވަނީ ފަސް ޕަސެންޓަށް ވުރެ މައްޗަށް ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް އީރާން ކުރިޔަށް ނުގެންދިޔުމުން އޭގެބަދަލުގައި އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބައެއް ލުއިތައް ދިނުމުގެ މައްޗަށެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު