ނިއުމާ އޮލިމްޕަހުން ނެރެ ދަރުބާރު ގެއަށް ގެންދަނީ!

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދުގެ ވާހަކަ އެއްގެ މައްޗަށް ބިނާކޮށް މުހައްމަދު އަބުދުﷲ( މުހައްމާ) ޕްރޮޑިއުސްކޮށް ނިއުމާ މުހައްމަދު ޑައިރެކްޓް ކޮށްފައިވާ "ނިއުމާ"ގެ ހައުސް ފުލް ޝޯ ތަކެއް އޮލިމްޕަހުގައި ދެއްކުމަށް ފަހު ނިއުމާގެ ފަހު ޝޯ މިމަހުގެ 12 ވަނަ ދުވަހު ދަރުބާރު ގޭގައި އަޅުވުމުގެ މަސައްކަތް ފަށައިފި އެވެ.


އެތީނާގައި އެޅުވުމުގެ ބަދަލުގައި ގިނަ ބައެއްގެ އެދުމުގެ މަތީން ނިއުމާގެ ވަދާއީ ޝޯ ދަރުބާރުގޭގައި އަޅުވާ އިރު އެ ޝޯގެ ޓިކެޓެއްގެ އަގަކީ 100 ރުފިޔާ އެވެ. އަދި އެ ރޭ އަޅުވާ ޝޯ ބަލަން ގައުމުގެ އެންމެ އިސްވެރިޔާއިން ފެށިގެން އެންމެ އާދައިގެ މީހާ ވެސް ވަދެލުމަކީ ވަރަށް ބޮޑު އެދުމެއް ކަމުގައި މުހަންމާ ބުންޏެވެ.


"ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ތަހުގީގީ މަރުހަލާގައި މަސައްކަތް ކުރައްވާ ބޭފުޅުނާއި އަދި ރާއްޖޭގެ އެންމެ މަތީ ވެރި މީހާއިން ފެށިގެން އެންމެ އާދައިގެ ރައްޔިތު މީހާ، އެބޭފުޅުން މި ޝޯ އަށް ވަޑައިގަތްދެއްވުމަކީ އަޅުގަނޑުމެންގެ ހަމަ ވަރަށް ބޮޑު އެދުމެއް،" މުހަންމާ ބުންޏެވެ.


ހަ ލައްކަ ރުފިޔާ ޚަރަދު ކޮށްގެން ހަދާފައިވާ މި ފިލްމް އަންނަނީ މިހާރު ރާއްޖޭގެ ރަށްރަށުގެ އިތުރުން ރިސޯޓު ތަކުގައި ވެސް ދައްކަމުންނެވެ. މިއީ ދިވެހި ފިލްމެއް މި ގޮތަށް ރިސޯޓެއްގައި ދައްކާ ފުރަތަމަ ފަހަރެވެ.


މުހަންމާ ބުނީ އަމާޒަކީ ކިތަންމެ އާބާދީ ކުޑަ ރަށެއް ނަމަވެސް ގެއްލުމެއް ނުވާނަމަ ފިލްމް އެޅުވުން ކަމުގައެވެ. އަދި އެކަން ކުރާނެ ކަމަށް ވެސް މުހަންމާ ބުންޏެވެ. ނިއުމާގެ ހުރިހާ ޝޯ އެއް މިމަހުގެ ނިޔަލަށް ހުރިހާ ރަށެއްގައި އަޅުވާ ނިމޭނެ ކަމަށް މުހަންމާ ބުންޏެވެ. 


މިހާތަނަށް ދިވެހި ފިލަމަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެއް ނިއުމާ އަށް ލިބުނު ކަމަށް ޕްރޮޑިއުސަރު ބުންޏެވެ. އެގޮތުން މިހާތަނަށް ބައިލައްކަ މީހުން އެ ފިލްމް ބަލާފައިވާ ކަމަށް ވެސް ބުންޏެވެ.


ނިއުމާ އޮލިމްޕަހުން ނެރުނުއިރު 32 ޝޯ ވަނީ އޮލިމްޕަހުގައި ދައްކާފަ އެވެ.


މުހަންމާ ބުނީ ނިއުމާގެ ފަހު ޝޯ ދަރުބާރު ގޭގައި ބާއްވާނީ ވެސް ވަރަށް ކުލަގަދަކޮށް ކަމަށެވެ. އެގޮތުން އެއްގަޑިއިރު އިތުރު ހަރަކާތްތަކެއް ފެނިގެންދާނެ ކަމަށާއި އެ ޝޯގެ ތެރޭގައި ލައިވް މިއުޒިކްގެ އިތުރުން މަޝްހޫރު އެތަށް ފަންނާނުންގެ ހުނަރުތައް ފެނިގެންދާނެ ކަމަށެވެ.


ބ.ގޮއިދޫގައި ޝޫޓް ކޮށްފައިވާ ނިއުމާގެ ފިލްމުގެ ލީޑް ރޯލު ކުޅެފައިވަނީ ވެސް ނިއުމާ އެވެ. ބައްޕަ އެއްގެ ފަރާތުން އަންހެން ދަރިއަކަށް ލިބެމުންދާ ޖިންސީ ގޯނާ ތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ ކޮންމެ މީހަކު ވެސް ބަލާލުން މުހިންމު ފިލްމެއް ކަމަށް މުހަންމާ ބުންޏެވެ.


ދެކެދެކެވެސް ޕްރޮޑަކްޝަންގެ މި ފިލްމު އަޅުވާފައި ވަނީ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު