ފުލުހުންގެ އެއްވެސް މަސައްކަތަކަށް ނުފޫޒު ނުފޯރުއްވާނެ ކަމަށާއި ފުލުހުންގެ މުއައްސަސާ މިނިވަންކަމާއެކު ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވަވާނެ ކަމަށް ހޯމް މިނިސްޓަރަކަށް މިއަދު އައްޔަން ކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު އެހެން ވިދާޅުވީ މިއަދު ހަވީރު ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ވަޑައިގެން ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް ގާތުން ތަޖުރިބާ ކުރައްވައި ފުލުހުންގެ މަސައްކަތްތަކުގެ ހާލަތު ދެނެގަތުމަށް ފުލުހުންގެ މަރުކަޒުތަކަށް އަވަސް މުސްތަގުބަލެއްގެ ތެރޭގައި ޒިޔާރަތް ކުރައްވާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ ދިވެހި ފުލުހުން ސަރުކާރަށާއި ހޯމް މިނިސްޓަރަށް ފުރިހަމަ އެއްބާރުލުންދީ ގައުމުގައި ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ޤާއިމް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި ދެމިތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ހޯމް މިނިސްޓަރަށް އަރުވާފަ އެވެ.
މިއަދު ބޭއްވި މި ބައްދަލުވުމުގައި ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާއި އެބޭފުޅެއްގެ މަސައްކަތުގެ ދާއިރާގެ ތައާރަފެއް ޑެޕިއުޓީ ކޮމިޝަނާ ވަނީ އުމަރު ނަސީރަށް އަރުވާފަ އެވެ.