މި ގައުމަށް ޓަކައި އަޅުގަނޑުގެ މިލްކިއްޔާތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ތައްޔާރު: ގާސިމް

ދިވެހި ގައުމުގެ ސަލާމަތާއި އިސްލާމީ އުސޫލުތައް ދެމެހެއްޓުމަށް ޓަކައި އަދި އިގުތިސާދު ވަރުގަދަކަކޮށް، އާރާސްތުކުރުމަށް "އަޅުގަނޑުގެ މިލްކިއްޔާތާއި މުދަލުން ކުރެވެން ހުރި ހުރިހާ ކަމެއް މިގައުމަށް ޓަކައި މިދީނަށްޓަކައި" ތައްޔާރަށް ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވި އެވެ.

އެފޮތުން ރާއްޖޭގެ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފި ނަމަ، "ފާހަނާ ސާފުކުރުން ކަމުގައި ވިޔަސް" ތައްޔާރަށް ހުންނެވި ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވުމާ ގުޅިގެން ޕީޕީއެމް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ކޯލިޝަންގެ އެއް ޕާޓްނަރު ކަމަށްވާ ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވީ އިންތިހާބަށް ފަހު ޔާމީން ގިނިކަންޏާ ދޫކޮށްނުލައްވާނެ ކަމަށެވެ.

އަދި ގާސިމްގެ ގާބިލްކަން ހުރި މިންވަރަކުންނާއި މުދަލުން ހޭދަކޮށްގެން ވެސް ދިވެހި ގައުމަށް ޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ގާސިމް ވިދާޅުވި އެވެ.

"މިއުއްމަތުގެ ސަލާމަތަށް ޓަކައި މިދިވެހި ލޮބުވެތި ވަތަންގައި އިސްލާމީ އުސޫލުތައް ދެމެހެއްޓުމަށް ޓަކައި އަޅުގަނޑުމެންގެ ގާނޫނީ ހަމަތަކާއި ލަމަތައް ނަގަހައްޓާ އަޅުގަނޑުމެންގެ އިގުތިސާދު ވަރުގަދަކޮށް، އަޅުގަނޑުމެންގެ ހަލާކުވެފައިވާ އިޖުތިމާއީ ފޭރާން ރަނގަޅުކޮށް، އާބާދުކޮށް، އާރާސްތުކުރުމަށް މަނިކުފާނު (ޔާމީން) ވިދާޅުވި ކޮންމެ ކަމެއް، އަޅުގަނޑުގެ ލަޔާގަތާއި ގާބިލިއްޔަތު ހުރި ވަރަކުން، އަދި އަޅުގަނޑުގެ މިލްކިއްޔާތާއި މުދަލުން ކުރެވެން ހުރި ހުރިހާ ކަމެއް މިގައުމަށްޓަކައި މިދީނަށްޓަކައި ކުރަން މިހުރީ ތައްޔާރަށް." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ފާހަނާ ސާފުކުރަން ޖެހިއްޖެ ނަމަ، އެކަން ވެސް ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"އިސްލާމީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނު އަސާސީ އަށް ބޯލަނބައިގެން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް އަޅުގަނޑު މިހުރީ ތައްޔާރަށޭ. އެއީ މަނިކުފާނު އަޅުގަނޑާ ހަވާލުކުރަނީ ފާހަނާ ސާފުކުރުން ކަމުގައި ވިޔަސް ނުވަތަ ކޮންމެ ކަމެއް ކަމަށް ވިޔަސް އަޅުގަނޑު މިހުރީ ތައްޔާރަށޭ." ގާސިމް ވިދާޅުވި އެވެ.

މިރޭގެ ޕްރެސް ކޮންފަރަންސްގައި ޔާމީން ވިދާޅުވީ ގާސިމަކީ ވަރަށް އިހްލާސްތެރި ބޭފުޅެއް ކަމަށާއި "އެވަރުގެ އިހްލާސްތެރި ބޭފުޅަކަށް ފާހަނާ ސާފުކުރަން ޖައްސާކަން ނުވާނެ" ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު