އެމްޑީޕީން އަށް މިލިއަން ޑޮލަރު ހުށަހެޅުއްވި ކަމަށް ގާސިމް ހުވާ ކުރައްވައިފި

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޓޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވަން ނިންމަވައިފި ނަމަ 8،000،000 ޑޮލަރު (123،360،000ރ.) ދިނުމަށް އެމްޑީޕީން ހުށަހެޅި ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާޙިމް މިއަދު ވިދާޅުވެއްޖެ އެވެ.

މ. ކުނޫޒުގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ބަޔަކު އެމްޑީޕީއާ ގުޅުނީ "ކިހިނެއް ވެގެން ކޯއްޗެއް ދީގެން ކަން،" އެނގިވަޑައިގަންވާ ކަމަށާއި ކޭޝްގެ ގޮތުގައި 8،000،000 ޑޮލަރު ދިނުމަށް އެމްޑީޕީގެ ބޭފުޅަކު އެމަނިކުފާނަށް އިއްޔެ ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް އެ ފައިސާ ހުށަހެޅުއްވީ ކާކު ކަމެއް ގާސިމް ވިދާޅެއް ނުވި އެވެ.

"އަޅުގަނޑު އެމްޑީޕީ އަށް ތާއިދުކޮށްފި ނަމަ 8،000،000 ޑޮލަރު ދިނުމަށް އެމްޑީޕީގެ ބޭފުޅަކު އިއްޔެ އަޅުގަނޑަށް ހުށަހެޅުއްވި. އަޅުގަނޑު މި ދަންނަވަނީ މާތްﷲ ގަންދީ ހުވާކޮށްފައި ކޭޝްކޮށް ބްރީފްކޭހެއްގައި އިއްޔެ ހަވީރު މީހަކު އަޅުގަނޑަށް ރިޝްވަތު ދޭން އައޭ. އަޅުގަނޑު މިވަގުތަކު ނެތިން އެއީ ކޮންބައެއްކަން ދަންނަވާކަށް ހާމަކުރަން ޖެހޭ ވަގުތު އައީމާ އަޅުގަނޑު ހާމަކުރާނަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމް އިން ވެސް ޖުމްހޫރީ ޕާޓީ އަށް ދެ ހުށަހެޅުމެއް ހުށަހެޅި ކަމަށެވެ. އެގޮތުން ސަރުކާރުން ހިއްސާ ދިނުމަށާއި ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކުން ހިއްސާ ދިނުމަށް ނުވަތަ ވަކި ޕަސެންޓެއް ދިނުމަށް ދެ ޕާޓީން ވެސް ހުށަހެޅި ކަމަށެވެ. އެގޮތުން އެމްޑީޕީގެ ހުށަހެޅުމުގައި ސޮއިކުރައްވާފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކާއި އަދި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހިނަވަރު ދާއިރާގެ މެންބަރު އިންރާހީމް މުހައްމަދު ސޯލިޙް ކަމަށެވެ. އަދި ޕީޕީއެމް އިން ހުށަހެޅި ހުށަހެޅުމުގައި ސޮއި ކުރައްވާފައި ވަނީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔާމް އާއި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ކަމަށެވެ.

"އެމްޑީޕީން ހުށަހެޅި ޕްރޮޕޯސަލްގައި އެއްކޮޅުން ސޮއި ކުރައްވާފައި ވަނީ ޗެއާޕާސަން މޫސާ މަނިކު އެނެއް ކޮޅުން ޕާލިމެންޓްރީ ގުތޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިޙް. އަދި ޕީޕީއެމްގެ ޕްރޮޕޯސަލްގައި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެމްޑީޕީން ހުށަހެޅި ހުށަހެޅުމުގައި ސަރުކާރުން 35 ޕެސެންޓް އަދި ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކުން ވެސް ޖުމްހޫރީ ޕާޓީ އަށް އެ އަދަދަށް ހިއްސާ ދޭން ހުށަހަޅާފައިވާ ކަމަށެވެ. ހަމައެހެންމެ ޕީޕީއެމް އިން ވެސް އެފަދަ ގޮތަކަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކުގެ ހިއްސާ ދޭން ހުށަހަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމް ހުށަހަޅާފައި ވަނީ ކިހާވަރެއްގެ ހިއްސާއެއް ކަމެއް ގާސިމް ވިދާޅެއް ނުވެ އެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ޕީޕީއެމް އާ ގުޅެން ނިންމާފައި ވަނީ ދެ ޕާޓީން ހުށަހެޅި ދެ ހުށަހެޅުމުން ވެސް ޕާޓީގެ ކައުންސިލްގައި ވަރަށް ފުޅާދާއިރާއެއްގައި ބަހުސް ކުރުމަށް ފަހުގައި ކަމަށެވެ. އެގޮތުން އެ ޕާޓީގެ ކައުންސިލަށް ގައުމަށް އެންމެ ފައިދާ ހުރި ހުށަހެޅުމަކަށް ފެނުނީ ޕީޕީއެމްގެ ހުށަހެޅުން ކަމަށް ގާސިމް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވަނީ ޕީޕީއެމް ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަށް ވޯޓް ދިނުމަށް އެދި އާދޭސް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީ އާއި ކުރީގެ ރައީސް ނަޝީދަށް ވޯޓް ނުދިނުމަށް ތަކުރާރުކޮށް ގާސިމް ރައްޔިތުންގެ ކިބައިން އާދޭސް ދެންނެވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު