ގާސިމް އެމްޑީޕީ އަށް ތާއީދުކުރެއްވި ނަމަ އިންތިހާބު ނޯންނާނެ ކަމަށް ދެންނެވިން: ނަޝީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެމްޑީޕީ އަށް ތާއީދުކުރައްވައިފިއްޔާ ހޮނިހިރު ދުވަހު އިންތިހާބެއް ނޯންނާނެޔޭ ވިދާޅުވެފައި ވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާފަންނު ދެކުނު ދާއިރާގައި ހުންނަ އެމްޑީޕީގެ ޖަގަހައިގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީ އެމްޑީޕީއާ ގުޅުނު ނަމަ ޕީޕީއެމުން ލިސްޓްތަކުގައި ސޮއި ވެސް ނުކުރާނެ ކަމަށެވެ.

"... މިއިންތިހާބު ހޯދުމަށް ޓަކައި ވެސް މިރޭ މިވީ ވަރަށް ރަނގަޅު ކަމެއް. ޖުމްހޫރީ ޕާޓީ އަޅުގަނޑުމެންނާ ގުޅުނު ނަމަ ޕީޕީއެމެއް ގޮސް އެލިސްޓްގައި ސޮއިކުރާކަށް ނުތިބޭނެ. އަޅުގަނޑު އަބަދުވެސް ގާސިމަށް ދަންނަވަމުން ގެންދިޔައިން ގާސިމޭ، އަޅުގަނޑުމެނާ ތިޔަހާ ބާރަށް އައިސް ބައިވެރިވެލައްވައިފިއްޔާ މި އިންތިހާބެއް ނުބޭއްވޭނޭ،" ނަޝީދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ގާސިމް މަޑުމަޑުން ހުންނަވާފައި ދަންނަ ދެތިން ބޭފުކަށް ގުޅުއްވާފައި އެމްޑީޕީ އަށް ވޯޓެއް ދޭށޭ ވިދާޅުވުން ކަމަށް ވެސް ގާސިމު އަރިހު ވިދާޅުވިން ކަމަށެވެ. އެގޮތަށް އަދިވެސް ކަންތައް ވާނެ ކަމަށް ދެކެވަޑައި ގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް އެންމެ ރަނގަޅު ގޮތަކީ މަޑުމަޑުން ހުންނަވާފައި، ދެން ދަންނަ ދެތިން ބޭފުޅަށް ގުޅުއްވާލައްވާފައި އަޅުގަނޑުމެންނަށް ވޯޓެއް ދޭށޭ ބުނުއްވުމޭ މީގައި ބުއްދިވެރި ގޮތަކީ. އަޅުގަނޑު ދެކޭ ގޮތުގައި އަދި ވެސް ކަންތައް ވާނީ އެގޮތަށް،" ނަޝީދު ވިދާޅުވި އެވެ.

އެހެން ވިދާޅުވުމަށް ފަހު ޖުމްހޫރީ ޕާޓީގައި ތިއްބެވުމަށް ފަހު އެމްޑީޕީ އަށް ތާއީދުކުރައްވާނެ ކަން ހާމަކުރައްވާފައިވާ ބައެއް ބޭފުޅުންގެ ނަންފުޅުތައް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަ ދެއްކެވީ ގާސިމް ޕީޕީއެމް އަށް ތާއީދު ކުރައްވައި އެކަން ރޭ ހާމަކުރެއްވުމާ ގުޅިގެންނެވެ.

ޕީޕީއެމް އަށް ތާއީދު ކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީން ރައީސް ކަމަށް ފުރިހަމަ އަގުލަބިއްޔަތަކުން ހޮވައި ދެއްވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި އެކެމްޕެއިންގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ތައްޔާރަށް ހުރި ކަމަށް ގާސިމް ވިދާޅުވި އެވެ.

"ދެން ޕީޕީއެމްގެ ލީޑާޝިޕާ ވާހަކަ ދައްކާނަން، އިރާދަކުރެއްވިއްޔާ އެ މަސައްކަތުގައި މިހާރުން ފެށިގެން ވެސް އަޅުގަނޑު ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރުމަށް ވެސް އަޅުގަނޑު މިހިރީ ތައްޔާރަށް." ގާސިމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު