ފޮންސޭކާ ހައްޔަރުކޮށްފައިވަނީ ޣައިރު ޤާނޫނީ ހަމަތަކެއްގެ މަތިންކަމަށް ކަނޑައަޅާދިނުމަށް އެދި ހުށަހެޅި މައްސަލައެއް ބެލުމަށް ސުޕްރީމް ކޯޓުން ނިންމައިފި

19:00


ސްރީލަންކާގެ ކުރީގެ އަސްކަރީ ވެރިޔާ ޖެނެރަލް ސަރަތު ފޮންސޭކާ ހައްޔަރުކޮށްފައިވަނީ ޣައިރު ޤާނޫނީ ހަމަތަކެއްގެ މަތިންކަމަށް ކަނޑައަޅާދިނުމަށް އެދި ފޮންސޭކާގެ އަނބިކަނބަލުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައެއް ބެލުމަށް ސުޕްރީމް ކޯޓުން އިއްޔެ ނިންމައިފި އެވެ.


ފޮންސޭކާއަށް ބޭސްފަރުވާކުރެވޭނެ ގޮތްތައް ހަމަޖައްސާދިނުމަށާއި އޭނާއާ އާއިލާ މީހުންނަށް ބައްދަލުކުރެވޭނެ ގޮތެއްވެސް ހަމަޖައްސައިދިނުމަށް އެދި ފޮންސޭކާގެ އަނބިކަނބަލުން އަނޯމާ ފޮންސޭކާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި، މި މައްސަލަތައް އިތުރަށް ބެލުމަށް ސުޕްރީމް ކޯޓުން އެއްބަސްވިކަމީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ފޮންސޭކާގެ ޤާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.


މީގެ އިތުރުން ސަލާމަތީ ފިޔަވަޅުތައް މިހާރު ވަރުގަދަކޮށްފައިވާ ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ވަނީ، ފޮންސޭކާއަށް ބޭސްފަރުވާކުރެވޭނެ ގޮތް ހަމަޖައްސާދިނުމަށާއި އާއިލާގެ ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ ހުއްދަ ދިނުމަށް ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.


މި މައްސަލައިގެ ދެވަނަ އަޑުއެހުން ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 23 ވަނަ ދުވަހެވެ. 


ލަންކާގައި ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މަހިންދަ ރާޖަޕަކްސައާ އެންމެ ކައިރިން ވާދަކުރެއްވި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އަދި ކުރީގެ އަސްކަރީ ވެރިޔާ ޖެނެރަލް ސަރަތު ފޮންސޭކާ، އަސްކަރީ އިންގިލާބެއް ގެންނަވަން އުޅުއްވިކަމުގެ ތުހުމަތުގައި ސިފައިން ހައްޔަރުކުރެއްވުމާ ގުޅިގެން ލަންކާގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެ، ހަލަބޮލި ކަމެއްގެ ތެރެއަށް ގޮސްފަ އެވެ. ލަންކާގެ ވެރިރަށް ކޮލޮމްބޯގެ އިތުރުން އެކިއެކި ޕްރޮވިންސްތަކުގައި އިދިކޮޅު ފަރާތްތަކުން ފޮންސޭކާ މިނިވަންކުރެއްވުމަށް ގޮވާލާ މުޒާހަރާކުރަމުންދާއިރު، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ މަގުތަކަށް ނިކުމެ އިދިކޮޅު ފަރާތްތަކާ ދެމެދު ހަމަނުޖެހުންތައް ހިންގަމުންނެވެ. އަދި މި ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ނިކުންނަ ފުލުހުންނާ އާޢްމުންގެ ފަރާތްތަކާ ދެމެދު ސިލްސިލާ ކުރިމަތިލުންތަކެއްވެސް ހިނގަމުންދެ އެވެ.


ލަންކާ ސިފައިން ކުއްލިގޮތަކަށް ފޮންސޭކާ ހައްޔަރުކުރުމާ ގުޅިގެން ލަންކާގައި ފެންމަތިވެފައިވާ ހަމަނުޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކުރަމުންދާ އ.ދ އިންނާއި އަދި އެމެރިކާގެ އިތުރުން އެކިއެކި ގައުމުތަކުން ގެންދަނީ، ޤާނޫނާ ގަވާއިދާ އެއްގޮތަށް ފޮންސޭކާގެ މައްސަލައިގައި ކަންތައް ކުރުމަށް ލަންކާ ސަރުކާރަށް ބާރުއަޅަމުންނެވެ.


ރައީސް ރާޖަޕަކްސަ އިއްޔެ ވިދާޅުވީ، އެއްވެސް މީހަކު ޤާނޫނަށްވުރެ މައްޗެއް ނުވާނެކަމަށާއި ފޮންސޭކާ ހައްޔަރުކުރުމާ ގުޅިގެން ބަޔަކު އެހާ ބޮޑަށް ކަންބޮޑުވާންޖެހޭ ސަބަބައް ނެތް ކަމަށެވެ. ފޮންސޭކާ ހައްޔަރުކުރުމާ މިދިޔަ މަހުގެ 26 ގައި ބޭއްވި ލަންކާގެ ރިޔާސީ އިންތިހާބާ އެއްވެސް ގުޅުމެއް ނެތްކަން ފާހަގަކުރައްވަމުން ރައީސް މަހިންދަރާޖަޕަކްސަ ވަނީ ފޮންސޭކާގެ މައްސަލަ ގާނުނާއި ގަވާއިދާ އެއްގޮތަށް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން އިދިކޮޅު ލީޑަރު ރަނިލް ވިކްރަމަ ސިންހައަށް ދެއްވައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު