ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި "އަމިއްލަ ހައިސިއްޔަތުން" ތާއިދު ކުރައްވާނެ ރިޔާސީ ކެންޑިޑޭޓެއް ފަހު ވަގުތު ވިދާޅުވުމުގެ ޕޮޒިބިލިޓީ ނޫނީ ފުރުސަތު އޮތް ކަމަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވެވަޑައިގެންނެވި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އެހެން ވިދާޅުވީ އެމަނިކުފާނުގެ ތާއިދު އެމްޑީޕީއަށް ހޯއްދެވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ އެކު މިރޭ މ. މާފަންނުވިލާގައި ބޭއްވި ބައްދަލުވުމަށް ފަހު، ނޫސްވެރިނާ ވާހަކަފުޅު ދައްކަވަމުންނެވެ.
~
ގާސިމް ވިދާޅުވީ އެއްވެސް މީހަކާ ދުޝްމަނު ކަމެއް ނެތް ކަމަށާއި ހުރިހާ ބޭފުޅުންނަކީ ވެސް ރައްޓެހި ރަހުމަތްތެރިން ކަމަށެވެ. ވަކި ރިޔާސީ ކެންޑިޑޭޓަކަށް ފަހު ވަގުތު ތާއިދު ކުރައްވާފާނެތޯ "ސަން"އިން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ ފަހު ވަގުތު އެދޭ ގޮތް ވިދާޅުވުމުގެ "ޕޮޒިބިލިޓީޒް" އޮތް ކަމަށެވެ.
"ގައުމާ މެދުގައި ވިސްނާފައި އެންމެ ރަނގަޅަށް އެޅެން އޮތް ފިޔަވަޅެއް، އަޅަން ވިސްނުމަކީ އޭގެ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ގަބޫލު ކުރާނެ. ޕާސަނަލީ އަޅުގަނޑުގެ އަމިއްލަ ނަފްސުން ވަކި އެއްޗެއް މި ވަގުތު ނުދެންނެވި ކަމުގައި ވިޔަސް ވެސް، ޕޮޒިބިލިޓީޒް އެބައޮތޭ، އަޅުގަނޑު އެދޭ ގޮތެއް، އަޅުގަނޑަށް ވިސްނޭ އެއްޗެއް، ފަހުން ދެންނެވުން ވެސް، ދެއްތޯ؟ އަޅުގަނޑުމެންގެ ދުޝްމަންކަމެއް ނެތޭ. ރައްޓެހި ރަހުމަތްތެރިކަން އެބައޮތޭ، ހުރިހާ ބޭފުޅުންނަކާ ވެސް،" ޝާހިދާއި އިބޫގެ އަރިހުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ފައިނަލް ބުރުގައި ކުޅޭއިރު ބަލިވާ ޓީމެއްގައި ހުރި ރަނގަޅު ކުޅުންތެރިޔާ އަށް ދެން ކުޅެވެން އޮތް ގޮތް ބެލުމަކީ އޮތް ކަމެއް ކަމަށެވެ. އަދި އެ ކުޅުންތެރިޔާ އަށް ރަނގަޅު ޓީމުގައި ކުޅުމުގެ ފުރުސަތު ދޭން ވެސް ޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ އެމަނިކުފާނު ވިދާޅުވި އެވެ.
"ފައިނަލް ބުރުގައި ކުޅޭ އިރު، އަބަދުވެސް ކުޅުންތެރިން ބަލާނެ، ފެއިލްވެގެންދާ ކްލަބެއްގައި ވެސް ހުރެދާނެއެއް ނޫންތޯ ރަނގަޅު ކުޅުންތެރިޔަކު، އެ ކުޅުންތެރިޔާ އަށް ދެން ކުޅެވެން އޮތް ގޮތެއް އޮތްތޯ ބަލަން ވެސް ޖެހޭ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ދެވަނަ ބުރުގައި އެއްވެސް ރިޔާސީ ކެންޑިޑޭޓަކަށް ތާއިދު ނުކުރުމަށް ޖުމްހޫރީ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން ނިންމާފައިވާ ކަމަށާއި އެ ނިންމުމަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ޕާޓީގެ ނިންމުމަށް ބަދަލު އަންނާނެ ކަމަށް ވިދާޅުވުމަކީ އެ ނިންމުމަށް ބަދަލު ގެނަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
ގާސިމް ވިދާޅުވީ މިއަދު މޫސުން ގޯސްވުމުގެ ސަބަބުން ބޭރަށް ނުކުމެވަޑައިނުގެން ގެކޮޅުގައި އޮންނަވަނިކޮށް "ފަހަރަކު ބޭފަޅު، ފަހަރަކު ބޭފުޅަކު" މާފަންނުވިލާ އަށް ވަޑައިގެން އެމަނިކުފާނުގެ ތާއިދު ހޯއްދެވުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ އިގްތިސާދީ އެޖެންޑާ އާއި އެމްޑީޕީގެ އިގްތިސާދީ އެޖެންޑާއާ އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށް ގާސިމް މިރޭ ފާހަގަ ކުރެއްވި އެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ އިގްތިދާސީ ސިޔާސަތުތަކަށް ކުރިން ތައުރީފު ކުރައްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ "އަޅުގަނޑަކީ ބޮޑު ޕޮލެޓީޝަނަކަށް ވުރެ ބޮޑަށް އިސްލާހީ މަސައްކަތަށް ބޭނުންވެގެން މަސައްކަތް ކުރި މީހެއް" ކަމަށާއި ސިޔާސީ މީހެކޭ ބުނީމައި "ބުރުބުރުގައި ފަހަތަށް ދަނީ އެހެންވީމައި،" ކަމަށެވެ.
"އެއީ 1984 ވަނަ އަހަރުން ފެށިގެން. ސިޔާސީ މީހެކޭ ބުނީމާ އަޅުގަނޑަށް އުނދަގޫ ވެސްވޭ. ސިޔަސީ މީހުންގެ ވިސްނުން ހުންނަ ގޮތަކަށް ނޫން ކަންނޭނގޭ އަޅުގަނޑުގެ ވިސްނުން ހުންނަނީކީ. އެއީ ކަން ނޭނގޭ އަޅުގަނޑު ފަހަތަށް ދާކަމަކީ ބުރުބުރުގައި،" ގާސިމް ވިދާޅުވި އެވެ.
މާފަންނުވިލާ އިން ނުކުމެވަޑައިގެން ގާސިމްގެ އަރިހުގައި ހުންނަވައި އިބޫ ވިދާޅުވީ އިސްލާހީ މަސައްކަތް ކުރި ގޮތަށް ގާސިމްއާ އެކު އެމްޑީޕީ އަށް ދެން މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަށް އެބަ އޮތް ކަމަށެވެ. އަދި މުސްތަގުބަލުގައި ގާސިމްއާ އެކު މަސައްކަތް ކުރެވޭނެކަން މިރޭގެ ބައްދަލުވުން ކަށަވަރުވެފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.
"މިރޭގެ ވާހަކަފުޅުން ވެސް އަޅުގަނޑަށް އެނގިގެން ދިޔައީ، އަޅުގަނޑުމެންނާ ގާސިމްއާ އެކީގައި ކުރީގައި އެ މަސައްކަތް ކުރި ގޮތަށް [އިސްލާހީ މަސައްކަތް ކުރި ގޮތަށް] މަސައްކަތް ކުރެވޭނެ. އެ ޔަގީންކަން ދެ ފަރާތުގައި ވެސް އެބަ އޮތް. އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރާއި ގާސިމްގެ ވިސްނުމާއި ފިކުރާއި ރާއްޖެ ތަރައްގީ ކުރުމުގައި ތަފާތެއް ނެތް. އެހެންވީމާ މުސްތަގުބަލުގައި މަސައްކަތް ނުކުރެވޭ ގޮތަކަށް ނޫން ތިބީކީ. އެކަން އަޅުގަނޑަށް ކަށަވަރު." އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބޫ ވިދާޅުވި އެވެ.