ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ތާއީދުކުރަން އުމަރު ނަސީރު ނިންމަވައިފި އެވެ.
ޕީޕީއެމުގެ ނައިބް ރައީސް ކަންވެސް ކުރެއްވި އުމަރު މިރޭ "ސަން" އަށް ވިދާޅުވީ ޔާމީނާ ދޭތެރޭ އޮތް ސިޔާސީ ވާދަވެރި ކަމަށް ވުރެ ގައުމާއި ދީން އެމަނިކުފާނަށް މުހިއްމު ކަމަށާއި އެހެންކަމުން ޔާމީން ވެރިކަމަށް ގެނައުމަށް ޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް އޭނާގެ ޓީމުން ކުރައްވާނެ ކަމަށެވެ.
"އަޅުނގަޑުމެންނަށް ހަގީގީ ދުޝްމަން މީހާ، އިސްލާމް ދީނުގެ ދުޝްމަން މީހާ، ގައުމުގެ ދުޝްމަން މީހާ ނޯޅޭ. އެހެންވީމާ ސިޔާސީ ހިޔާލުތަފާތުވުންތައް އެއްކާރި އަށް ޖައްސާލައި ޕީޕީއެމުގެ ޔާމީން ވެރިކަމަށް ގެނައުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން،" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ޔާމީނާއި ވާދަކުރެއްވި އުމަރު އިތުރަށް ވިދާޅުވީ އެބޭފުޅާގެ ޓީމާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި އެގޮތަށް ނިންމެވީ އެއްވެސް ޝަރުތަކާއި ނުލައި ކަމަށެވެ. އަދި މިހާތަނަށް ޕީޕީއެމާ އެކު އެފަދަ މަޝްވަރާތަކެއް ކުރެވިފައި ނުވި ނަމަވެސް އެބޭފުޅުންނާ އެކަން ހިއްސާކުރައްވައި އެޕާޓީގެ ކެމްޕޭން ޖަލްސާތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރު ޕީޕީއެމަށް ތާއީދުކުރަން ނިންމާފައިވާ އިރު ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީ އާއި އެކު ކޯލިޝަން ހެދި އަދާލަތު ޕާޓީން ވެސް ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމުގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދުކުރަން ނިންމަވާފަ އެވެ.
އެގޮތުން އެ ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވީ، އެޕާޓީގެ މި ނިންމުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް އަދާލަތުގެ ކައުންސިލް މެންބަރުންގެ އިއްތިފާގުން ނިންމި ނިންމުމެއް ކަމަށެވެ.