ޖުމްހޫރީ ޕާޓީއާ އެކު ބޭއްވި ބައްދަލުވުން ވަރަށް "ޕޮޒިޓިވް": މަހްލޫފް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ޖުމްހޫރީ ކޯލިޝަން ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އާއި އެއްކޮށް ރޭ މ. ކުނޫޒްގައި ކުރެއްވި ބައްދަލުވުން ވަރަށް "ޕޮޒިޓިވް" ކަމަށް ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރު ނަސަންދުރަ ޕެލެސް ހޮޓެލްގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މަހްލޫފް ވިދާޅުވީ އެބޭފުޅުން އެންމެ ބޭނުން އެންމެ ބެނުންވާ ހިސާބަށް މިއަދު ނުދެވުނުކަމުގައި ވިޔަސް ރަގަޅު ކުރިއެރުންތަކެއް މިއަދުވެސް ފެނިގެންދާނެ ކަމަށް އުންމީދު ކުރަމުންދާ ކަމަށެވެ.

"އެބެފުޅުންގެ ފަރާތުން އަޑުއިވިގެން ދިޔައީ އަދި ފެނިގެންވެސް ދިޔައީ ވަރަށް ޕޮޒިޓިވް މެސެޖްތަކައް. އެގޮތަށް ބަލާއިރު މިއަދުވެސް އަޅުގަނޑުމެން އެންމެ ބެނުންވާ ހިސާބަށް ނުދެވުނު ކަމުގައި ވިޔަސް ރަނގަޅު ކުރިއެރުންތަކެއް މިއަދުވެސް ފެނިގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަނީ،" މަހްލޫފް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަހްލޫފް ވިދާޅުވީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޮޓުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނުނުކުންނަ ކަމަށާއި ވޯޓުލާން ނުނުކުންނަނީ ޕީޕީއެމް ފިކުރުގެ މީހުން ކަމަށާއި އެއީ އެމްޑީޕީގެ ފިކިރާ އިދިކޮޅު ބަޔެއް ކަމަށެވެ.

"އިއްޔެގެ ނަތީޖާތަކަށް ބަލާލީމަ ވަރަށް ސާފުކޮށް ފެނިގެން އެބަދޭ ހަގީގަތުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނުނިކުންނަތަން. އެއީ އަޅުގަނޑުމެން ގަބޫލްކުރާ ގޮތުގައި އަޅުގަނޑުމެންގެ ވިސްނުމަށް ތިބި އެމްޑީޕީގެ ވިސްނުމާއި ދެކޮޅަށް ތިބި ބައެއް،" މަހްލޫފް ވިދާޅުވި އެވެ.

ހަމައެއާ އެކު މަހްލޫފް ވިދާޅުވީ އެމްޑީޕީއަށް ލިބެން ހުރި ހުރިހާ ވޯޓެއް އެޕާޓީން އިއްޔެ ބޭއްވި އިންތިހާބުގައި ހޯދައިފި ކަމަށެވެ. އަދި އިންތިހާބުގެ ދެވަނަ ބުރުގައި އެޕާޓީ އަށް "ފެލައިލައިގެން" ވެސް އިތުރު ވޯޓެއް ހޯދޭނެ ކަމަށް ގަބޫލް ނުކުރާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އިތުބާރު ނެތް ކަމަށާއި އެހެންނަމަވެސް އެކޮމިޝަންގައި ހުރި މައްސަލަތާކާއި އެކު ގޮސް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި އެމްޑީޕީގެ މައްޗަށް 5 ޕްސެންޓާއި 7 ޕްސެންޓާއި ދެމެދުގެ ތަފާތަކުން ޕީޕީއެމް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ. އަދި އެމްޑީޕީ އަށް އިންތިހާބު ކާމިޔާބު ވުމަށް ނުދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ކުރާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު