ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމުން މުހައްމަދު ވަހީދުއްދީން (ޑީން) އިސްތިއުފާ ދެއްވައިފިއެވެ.
ޑީން އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން ވަނީ ސަން އަށް ކަށަވަރު ކޮށްދީފައެވެ.
ޑީން އަށް ރައީސުލް ޖުމްހޫރިއްޔާގެ ނާއިބުކަން ދެއްވީ މިދިޔަ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެން ސަރުކާރު އުފެއްދެވި އިރުގައެވެ.
ނައިބު ރައީސް ކަމުގެ މަގާމަށް ޑީން ހަމަ ޖެއްސެވީ ފެބްރުއަރީ 15 ވަނަ ދުވަހުއެވެ. އެމަގާމަށް ޑީން ހަމަޖައްސެވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވީ އެއަހަރުގެ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. މަގާމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަސް ވަރު ސަރުކާރުގެ ކަންކަމުގައި ރާއްޖޭން ބޭރަށް ވަޑައިގެން ، ސަރުކާރުގެ ކަންކަމުގައި ޑީން ވަރަށް ހަރަކާތްތެރިކޮށް އުޅުއްވިއެވެ.
ނަމަވެސް ފަހަކަށް އައިސް ސަރުކާރުގެ ކަންކަމުގައި އެމަނިކުފާނު އުޅުއްވާތަން ފެނުން ވަނީ މަދުވެފައެވެ.
ބަނޑޮސް އައިލެންޑް ރިޒޯޓް ވެސް ހިންގަވާ ޑީން އަކީ ވަރަށް މަޑުމައިތިރި ދިރިއުޅުއްވުމަކަށް ލޯބިކުރައްވާ ބޭފުޅެކެވެ. ރައިސް ވަހީދުގެ ރިޔާސީ ދައުރު ނިމެން މަދު ވަގުތު ކޮޅަކަށް ވެފައި ވަނިކޮށެވެ. ދައުރު ހަމަވި ނަމަވެސް އާ ރައީސަކު އިންތިހާބު ވަންދެން ވަހީދު ރައީސްކަމުގައި ހުންނެވުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.