އިންތިހާބަށް އެއްބާރުލުން ނުދިން ކަމަށް ބުނެ، ފުލުހަކާ ދެކޮޅަށް ޖިނާއީ ދައުވާއެއް ނުކުރެވޭނެ: ސީޕީ ރިޔާޒް

ހުސްވި އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ރާއްޖޭގައި ބާއްވަން އުޅުނު ރިޔާސީ އިންތިޚާބަށް ފުލުހުން އެއްބާރުލުން ނުދިނުމާ ގުޅިގެން ފުލުހަކާ ދެކޮޅަށް ޖިނާޢީ ދަޢުވާއެއް ނުކުރެވޭނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ގއ. މާމެންދޫ ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ ދިމާވާ ކޮންމެ ހާދިސާއެއްގައި ފުލުހެއްގެ ފުރާނަ ދުއްވާލަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ފަދައިން އިލެކްޝަންސްގެ ކަންތައްތައް އެންމެ ފުރިހަމައަށް ގެންދިއުމަށް ޓަކައި އެންމެ ރަނގަޅަށް މަސައްކަތްކޮށްދިން އަދި އެހީތެރިވެދިން މުއައްސަސާ އަކީ ޕޮލިސް ސަވިސް ކަމަށެވެ.

ރިޔާޒް ވިދާޅުވީ އިންތިޚާބުގެ ކަންކަން ފުރިހަމަކޮށް ގެންދިއުމުގައި މަސައްކަތް ކުރަމުންދިޔަ އިރު އިލެކްޝަންސް ކޮމިޝަން އާއި ފުލުހުންނާ މުޢާމަލާތް ކުރެވުނީ ރަނގަޅަށް ކަން ޕީއައިސީގެ ރިޕޯޓުން ހާމަވާ ކަމަށެވެ.

"އިންތިޚާބުގެ ކަންކަން ފުރިހަމަކޮށް ގެންދިއުމުގައި އެމަސައްކަތް ކުރަމުންދިޔަ އިރު ދެފަރާތުން މުޢާމަލާތް ކުރެވި ލިޔެކިޔުންތަކުން އެކަންކަން ރަނގަޅަށް އެނގެން ހުރިކަން ޕީއައިސީގެ ރިޕޯޓުން ހާމަވޭ،" ރިޔާޒް ވިދާޅުވި އެވެ.

ހަމައެއާ އެކު ރިޔާޒް ވިދާޅުވީ އިންތިހާބުގައި ކޮށްދޭން ނުޖެހޭ އެތައް ކަމެއް ވެސް ގައުމުގެ މަސްލަހަތަށް ޓަކައި ކޮށްދީފައިވާނޭ ކަމަށާއި އެކަންކަން އެފަދައިން ކުރީ ގައުމުގައި އަމަންއަމާން ކަމާއި ސުލްހަ މަސްލަހަތު ދެމެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ.

"އިންތިޚާބުގެ ކަންކަން ފުރިހަމަ ކުރުމަށް ޓަކައި ފުލުހުން ކޮންމެހެން ކޮށްދޭން ނުޖެހޭ ކަންތައްތައް ވެސް ކޮށްދީފައި ހުންނާނެ،" ރިޔާޒް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު