ދީނީ މިނިވަންކަން ނުދޭތީ ރާއްޖެ އަށް އިނާޔަތް ދޭން އީޔޫ އިން އެއްބަހެއް ނުވި: އިކޮނޮމިކް މިނިސްޓަރު

ރާއްޖޭގައި ދިނީ މިނިވަންކަން ނޯންނާތީ ޖެނެރަލައިޒްޑް ސިސްޓަމް އޮފް ޕްރިފަރެންސަސް ޕްލަސް (ޖީއެސްޕީ ޕްލަސް)ގެ އިނާޔަތް އިން ދިނުމަށް އެއްބަސް ނުވާ ކަމަށް އީޔޫ އަންގައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ރާއްޖެ ސޮއިކޮށްފައިވާ ބައެއް މުއާ ހަދާތަކުގައި އޮންނަ ދީނީ މިނިވަންކަން ދިނުމުގެ މާއްދާގައި ރާއްޖޭން ރިޒަވޭޝަން ހަދާފައި ވާތީ ޖީއެސްޕީ ޕްލަސް ސްކީމްގައި ރާއްޖެ ބައިވެރި ކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ދެކޮޅު ހަދާފައިވާ ކަމަށެވެ.

ވެލާނާގޭ ޕްރެސް ރޫމްގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއުއާ އެކު މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި އަހުމަދު މުހައްމަދު ވިދާޅުވީ ޖީއެސްޕީ ޕްލަސްގެ އިނާޔަތްތައް އަހަރު ދުވަހަށް ރާއްޖެ އަށް ދިނުމަށް އީޔޫގެ 22 ގައުމަކުން ދެކޮޅު ހަދާފައިވާ ކަމަށެވެ.

"... މިމައްސަކަތަކީ ވަރަށް ޓެކްނިކަލް ވަރަށް ގިނަ ގިނަ މަސައްކަތްތަކެއް ހިމެނޭ ކަމެއް، އޭގެ ތެރޭގައި ، މައިގަނޑު ގޮތެއްގައި ދުނިޔޭގެ ގައުމުތަކުން ބަލައިގަނެ ސޮއިކޮށް ތަސްދީގުކޮށް އަމަލުކުރަމުންދާ 27 މުއާހަދާއެއްގެ އަމަލީ މަސައްކަތްތައް ގައުމުތަކުގައި ހިނގާ މިންވަރާ، އެގައުމުތަކުގައި އެކަންކަން ތަންފީޒުކުރަމުންދާ މިންވަރު ، ޖީއެސްޕީ ޕްލަސް ސްކީމަށް އެލިޖިބްލް ވުމުގައި އެންމެ ބޮޑަށް ބަލާ އެއް ކަމަކީ، މިދެންނެވި 27 މުއާހަދާއަކީ ރާއްޖޭން ތަސްދީގުކޮށްފައި ހުރި 27 މުއާހަދާ،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމުއާހަދާތައް ރާއްޖޭން ތަސްދީގުކޮށްގައިވީ ނަމަވެސް ރާއްޖެއަކީ އިސްލާމީ ގައުމަކަށް ވާތީ ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތަށް ބައެއް ރިޒަވޭޝަންތައް ހަދާފައިވާ ކަމަށެވެ.

"ރާއްޖޭން ހުށައަޅާފައި އޮތް ރިޒަވޭޝަންގައި މައިގަނޑު ގޮތެއްގައި މިހެމެނެނީ މުސްލިމަކަށް ނޫނީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ވާހަކަޔާ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަން ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ވާހަކަ. އެއީ ރާއްޖޭން ރިޒަވޭޝަނެއްގެ ގޮތުގައި މިމުއާހަދާތަކަށް ކަނޑައަޅާފައި އޮތް އެއްޗަކީ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ މައްސަލައެއް ކަމުގައި ދެކިގެން ޖީއެސްޕީ ޕްލަސްގައި ރާއްޖެ ބައިވެރި ވުމަށް ހުށައެޅި އެޕްލިކޭޝަން ބަލައި ނުގަންނަން ގަސްދުކުރާ ކަމަށް މިހާރު އީޔޫ އިން އަންގާފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް މިދަންނަވާލަން ޖެހެނީ މިސަބަބާ ހުރެ، ދީނީ މިނިވަންކަން (ނެތުން) އެއީ މައްސަލައެއް ކަމުގައި ދެކިގެން ޖީއެސްޕީ ޕްލަސް ސްކީމް ރާއްޖެ އަށް ނުލިބުމަކީ ހަމަ ވަރަށް ގާތްކަމެއް، ގާތް ގަނޑަކަށް ދެން ނުލިބޭނޭ ދެންނެވުމަކީ ވެސް ދޮގަކަށް ނުވާނެ. އެގޮތަށް މިހާރު އޮތީ އަޅުގަނޑުމެންނަށް ޔޫރަޕްގެ އިއްތިހާދުން ލިއުމެއް ވެސް ފޮނުވާފައި، ޖީއެސްޕީ ޕްލަސް ސްކީމަށް ރާއްޖޭން ހުށައެޅި އެޕްލިކޭޝަން ރިޖެކްޓް ކުރުމަށް ގަސްދުކުރަމޭ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭން ހުށައެޅި އެޕްލިކޭޝަންގައި އެހެން ހުރިހާ ކަމެއް ރަނގަޅުކަން އީޔޫއިން ކުރިން ގަބޫލުކޮށްފައިވާ ކަމަށެވެ.

ޔޫރަޕްގެ އިއްތިހާދަށް ޑިއުޓީ ފްރީކޮށް މަސް އެކްސްޕޯޓް ނުކުރެވުމުގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓަރުންނަށް ބައެއް ފަހަރު ގެއްލުމާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އާ ބާޒާރުތައް ހޯދުމަށް ސަރުކާރާއި އެކްސްޕޯޓަރުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން މިދިޔަ އަހަރު އެމެރިކާއާއި ޗައިނާގެ މާކެޓަށް ރާއްޖޭން މަސް އެކްސްޕޯޓް ކުރަން ފަށާފައިވާ ކަމަށާއި ރަޝިއާގެ މާކެޓަށް ވަނުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފައި ވުމުން ޑިއުޓީ ނުނަގައި ޔޫރަޕަށް ތަކެތި އެކްސްޕޯޓް ކުރުމުގެ ދޮރު މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ބަންދުވާނެ އެވެ. އެކަން އެހެން ހަމަޖެހުމުން އިތުރަށް ލިބެނީ ޖީއެސްޕީ ޕްލަސްގެ އިނާޔަތް އެކަންޏެވެ. އެ އިނާޔަތް ވެސް ލިބޭނީ އެއް އަހަރު ދުވަހަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު