ޑީއާރުޕީގެ ނައިބު ލީޑަރު އުމަރު ނަސީރު ޕާޓީން ވަކިކުރުމަށް ފާސްކޮށްފި

ޑީއާރުޕީ ނައިބު ލީޑަރު އުމަރު ނަސީރު ޕާޓީން ވަކިކުރުމަށް ފާސްކޮށްފި އެވެ. މިއަދު ބޭއްވި ޕާޓީގެ ޑިސިޕްލިނަރީ ކޮމެޓީގެ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ވޯޓް ދިނީ އުމަރު ޕާޓީން ވަކި ކުރުމަށެވެ.


ނަމަވެސް ޕާޓީގެ އަސާސީ ގަވައިދުގެ 83،84 ވަނަ މާއްދާއާ ހަވާލާދީ އުމަރު ވިދާޅުވީ ނައިބު ލީޑަރަކު ޕާޓީން ވަކިކުރެވޭނީ ކޮންގަރެސްއަކުން ކަމަށެވެ.


ޑީއާރުޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި އުމަރު ޕާޓީން ވަކިކުރި ފަސް ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޕާޓީ ބައިބައި ކުރުމަށް އުމަރު މަސައްކަތް ކުރުމުގެ ތުހުމަތާއި ސަރުކާރު ޒިންމާދާރު ކުރުމަށް ޕާޓީން ކުރާ މަސައްކަތުގައި ޕާޓީ ބަލިކަށިވުމަށް އުމަރުގެ އަމަލުތައް ހުންނަ ގޮތުން މަގުފަހިވާ ކަމަށް ބުނެފައިވެ އެވެ.


އަދި އެ ނޫސްބަޔާނުގައި ބުނެފައި ވަނީ، ޕާޓީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މާލީ ގޮތުންނާއި ނަފުސާނީ ގޮތުން ބިރުދައްކައި ޕާޓީން ދުރަށް ގެންދިއުމަށް މަސައްކަތް ކުރާ ދަނޑިވަޅެއްގައި ޕާޓީގެ ޒައާމަތުގައި ތިއްބަވާ ބޭފުޅުންގެ އަމަލުތައް އެ ގޮތަށް ހުރުމުން ޕާޓީގެ މެންބަރުންގެ މަސައްކަތާއި ހިއްވަރަށް ހީނަރުކަން އަންނަ ކަމަށެވެ.


ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވާ ދަނޑިވަޅެއްގައި ޕާޓީ އަށް ލިބެން އޮތް ކާމިޔާބަށް ހުރަސްއެޅޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.


ފަހު ނުކުތާއެއްގެ ގޮތުގައި އެ ބަޔާނުގައި ފާހަގަކޮށްފައި ވަނީ މައްސަލަ ހައްލުކުރުމަށް އުމަރު މަސައްކަތް ކުރެއްވުމުގެ ބަދަލުގައި ޕާޓީގެ ޒައާމަތަށް ގޮންޖެއްސެވުމަށް މަސައްކަތްކުރައްވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު