އިންތިޚާބެއް ބާއްވައިގެން ވެރިއަކު ހޮވަން އިލެކްޝަނުން ބޭނުމެއް ނުވޭ: ގާސިމް

އިންތިޚާބެއް ބާއްވައިގެން ރައީސަކު ހޮވަން އިލެކްޝަންސް ކޮމިޝަނުން ބޭނުންނުވާ ކަން އެ ކޮމިޝަނުގެ މެންބަރުންގެ އަމަލުތަކުން އެނގޭކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މާފަންނު ކުނޫޒުގައި މިއަދު ހަވީރު ނޫސްވެރީންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަފުޅުގައި ގާސިމް ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ އަމަލުތައް ހުރިގޮތުން އެބޭފުޅުން މަސައްކަތް ކުރައްވަނީ ވަކި މީހަކު ރައީސް ކަމަށް ގެނައުމަށް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިލެކްޝަންސް ކޮމިޝަނުގެ ފުއާދު ތައުފީގާއި އޭނާގެ ބައިވެރިން. އާދެ އެ ކޮމިޝަނުގެ ނައިބު ރައީސާއި ދެން ތިއްބެވި ބޭފުޅުންގެ އަމަލުތައް ހުރި ގޮތުން ހަމަ އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވޭ އިންސާފްވެރި އިލެކްޝަނެއް ބާއްވައިގެން އިލެކްޝަނަކުން ރާއްޖޭގެ ރައީސަކު ގެންނަ އުޅޭ ކަމަކަށް. އަޅުގަނޑުމެން މި ބާއްވަން އުޅޭ އިންތިހާބުގައި އެ ބޭފުޅުން [ އިލެކްޝަންސް ކޮމިޝަނުގެ މެންބަރު] ވަކި މީހަކު ސެލެކްޓް ކުރަން، މި ވެނި މީހެކޭ ރައީސަކަށް ހުންވާނީ ބުނާ ގޮތަކަށް މި މީހުންގެ ބިހޭވިއަ ދާކަމަށް މި ގަބޫލު ކުރެވެނީ. މީ ވަރަށް ބޮޑު ހިތާމަ ހުރި ކަމެއް،" ގާސިމް ވިދާޅުވި އެވެ.

ރީ ރަޖިސްޓްރޭޝަނަށް ފޯމް ހުށަހެޅިއިރު "ދެލިގަނޑެއްހެން" ފިންގާޕްރިންޓް ޖަހާފައިހުރި ފޯމްތައް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާ ކަމަށް ވިދާޅުވެ ގާސިމް ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

ރީ ރަޖިސްޓްރޭޝަންގެ ފޯމްތަކާމެދު އަމަލުކުރާނެ އުސޫލުތައް އެކުލަވާލައި އާންމުކޮށްފައިވަނީ ރީ ރަޖިސްޓްރޭޝަނަށް ފޯމްތައް ހުށަހެޅުމުގެ މުއްދަތު ހަމަވިފަހުން ކަމަށާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އަމަލުކުރަމުންދަނީ އެމްޑީޕީން ބޭނުންވާ ގޮތަށް ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެމްޑީޕީން ވެސް ބޭނުމެއް ނުވޭ އިލެކްޝަންސް ކޮމިޝަނުންވެސް ބޭނުމެއް ނުވޭ ވޯޓުލާކަށްވެސް. އިލެކްޝަންސް ކޮމިޝަނުން ކަންތައް ކުރައްވަމުން ގެންދަވަނީ އަޅުގަނޑު ތުހުމަތުކުރާ ގޮތުގައި އެމްޑީޕީން ބުނާގޮތަށް. ކެނެރީގެ މުހައްމަދު ނަޝީދު ވިދާޅުވާ ގޮތަކަށް ކަންތައްކުރާވާ ކަމަށް އަޅުގަނޑަށް އަޑުއިވެނީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓަކީ ރަނގަޅަށް އެކުލަވާލެވިފައިވާ ލިސްޓެއްކަމަށް ވާނަމަ އެ ލިސްޓްގައި ސޮއި ކުރެއްވުމަށް އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރޫހު މިހާރު ހުރީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ވެރިކަން ހަވާލުކުރުމަށްފަހު އިންތިޚާބު ބާއްވަން ކަމަށް ގާސިމް ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު