އުމަރު ޑީއާރްޕީން ވަކިކުރަން އުޅޭ ކަމަށް ބުނެ އުމަރުގެ ސަޕޯޓަރުން ޑީއާރްޕީ އޮފީސްތެރޭގައި އަޑުގަދަކޮށްފި

ޑީއާރުޕީގެ ނާއިބު ލީޑަރު އުމަރު ނަސީރު، ޕާޓީން ވަކި ކުރުމަށް އެޕާޓީގެ ޑިސިޕްލިނަރީ ކޮމިޓީން މަސައްކަތްކުރާ ކަމަށް ބުނެ ޑީއާރުޕީ އޮފީސްތެރެއަށް އުމަރުގެ ސަޕޯޓަރުންތަކެއް ވަދެ ޑިސިޕްލިނަރީ ކޮމެޓީގެ ބައްދަލުވުމަށް ހުރަސް އަޅަން މިއަދު މަސައްކަތް ކޮށްފި އެވެ.


މިއަދު ހެނދުނު 9:00 ގައި ޑިސިޕްލިނަރީ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ލިބިގެން، މެގަފޯނު ހިފައިގެން ޑީއާރުޕީ އޮފީސްތެރެއަށް ވަދެ އަޑުގަދަކުރި އުމަރުގެ ސަޕޯޓަރުންގެ ތެރެއިން މީހަކު، ސަން އޮންލައިން އަށް މައުލޫމާތުދެމުން ބުނީ ޕާޓީގެ އިސް ބައެއް ފަރާތްތަކުން ރާވައިގެން، އުމަރު ޕާޓީން ކަނޑައިލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޕާޓީގެ ޑިސިޕްލިނަރީ ކޮމިޓީއަށް އުމަރުގެ މައްސަލަ ފޮނުވާފައި ވަނީ ވެސް އެ ބޭނުމުގައި ކަމަށެވެ.


އުމަރުގެ ސަޕޯޓަރަކު ބުނީ ކޮމިޓީގެ މެންބަރުންނަކީ މަގާމުގެ ގޮތުން ބަލާއިރު އުމަރަށްވުރެ ދަށް މަގާމެއްގައި ތިބޭ ބަޔަކަށް ވުމުން އެ ކޮމިޓީއަށް އުމަރާދެކޮޅަށް ފިޔަވަޅު އެޅޭނެކަމަށް ގަބޫލު ނުކުރާ ކަމަށެވެ.


ކޮމިޓީގެ ބައްދަލުވުމަށް މިއަދު މެންބަރުން ވަޑައިގެންނެވި ނަމަވެސް ކޮމިޓީގެ ރައީސް މުހައްމަދު ލަތީފް ވަޑައިނުގެންނެވުމުގެ ސަބަބުން، އުމަރާމެދު ފިޔަވަޅު އެޅުމުގެ މައްސަލަ އެޖެންޑާކޮށްފައި އޮތް ބައްދަލުވުން ވަނީ ކެންސަލްވެފަ އެވެ.


ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން އެ ކޮމިޓީގެ މެންބަރަކު ވިދާޅުވީ، ކޮމިޓީގެ ބައްދަލުވުމެއް ދެން ބޭއްވޭނެ އިރެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.


އުމަރު ނަސީރުގެ މައްސަލަ ޑިސިޕްލިނަރީ ކޮމިޓީއަށް ހުށަހަޅާފައިވަނީ، އޭނާ އިސްވެ ހުންނަވައިގެން ސަރުކާރާ އިދިކޮޅަށް ރޭއްވެވި މުޒާހަރާއެއް ކުރިއަށް ނުގެންދެވުމަށް، ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އަންގަވާފައި ވަނިކޮށް އެ މުޒާހަރާ ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުމުން، ޕާޓީން މަނާކުރިކަމެއް ކުރުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތުގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު