ﷲގެ މަގުން ރައްޔިތުން ދުރުކުރަން އުޅޭ ބަޔަކު ރާއްޖޭގައި އެބަ ތިބި: ޝައިޚް ޝަމީމް

ރައްޔިތުންގެ ހިތްތަކަށް ވަސްވާސްދީގެން ﷲ އަށް އުރެދުމަށް ރާއްޖޭގެ ރައްޔިތުންނަށް ބަޔަކު ވަސްވާސް ދެމުން ގެންދާ ކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޝައިހް އާދަމް ޝަމީމް ވިދާޅުވެއްޖެ އެވެ.

"ﷲ ގެ ހަޒްރަތަށް ރުޖޫއަ ވާށޭ" މިނަމުގައި ރޭ ދަރުބާރުގޭގައި ބޭއްވި ދަރުސުގައި ވާހަކަފުޅު ދައްކަވަމުން ޝައިހް ޝަމީމް ވިދާޅުވީ ތަހުޒީބީ ދުނިޔޭގެ ދަޅަތައް ދައްކައިގެން މީސްތަކުން ޣާފިލް ކުރުމަށްޓަކައި ރެ އާއި ދުވާލު ބަޔަކު މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ފަހަތުގައި ވަރަށް ނުބައި މީހަކު އަދި މީހުން އެބަ ތިބި. އަބަދާއި އަބަދު ރެޔާއި ދުވާލު މަގުފުރެއްދުމަށް ގޮވައިލައި. ރެ އާއި ދުވާލު ﷲގެ ހަޒްރަތުން ޣާފިލްކުރުމަށް މަސައްކަތް ކުރާ އަޅުގަނޑުމެން ނުބައި ދިމަދިމާލަށް ގެންދަން މަސައްކަތްކުރާ [ބަޔަކު އެބަތިބި]،" ޝައިހް އާދަމް ޝަމީމް ވިދާޅުވި އެވެ.

ޝައިހް ވިދާޅުވީ އެފަދަ މީހުން މަސައްކަތް ކުރަމުންދަނީ ޖާހާއި މަގާމާއި ފެންވަރު އަދި ދުނިޔެވީ ލައްޒަތު ދައްކައިގެން ކަމަށެވެ. އަދި ﷲގެ މަގުން ކައްސާލަފާނެ ކަމުގެ ބިރަށް އެފަދަ ފިތުނަވެރިންނަކީ ވެސް ތިބި ބައެއްގެ ގޮތުގައި ދެނެގަންނަން ޖެހޭ ކަމަށެވެ.

ރޭގެ ދަރުސްގައި ވާހަކަފުޅު ދައްކަވަމުން ޝައިހް ޝަމީމު ވިދާޅުވީ ރިބާ އާއި ނުލައި އިގްތިސާދު ނުހިފެހެއްޓޭނެ ކަމަށާއި ރަލާ ނުލައި ދިރި ނޫޅެވޭނެ ކަމަށް ބުނާ ބަޔަކު ވެސް މި މުޖުތަމައުގައި އުޅޭ ކަމަށެވެ.

"ރިބާ އާއި ނުލާ އަޅުގަނޑުމެންގެ އެކޮނަމީ ހިފެހެއްޓޭނެ ކަމަށް ޝައްކު ކުރާ ބަޔަކު އަޅުގަނޑުމެގެ ތެރޭގައި އެބަތިބި. ރަލާއި ނުލާ ދިރި ނޫޅެވޭނެ ކަމަށް ބުނާ ބަޔަކު އެބަ ތިބި،" ޝައިޚް ޝަމީމު ވިދާޅުވި އެވެ.

އެފަދަ މީހުން ހަލާލު އާއި ހަރާމްގެ ހުކުމެއް އަންނަ އިރު އުޒުރުވެރިވާ ކަމަށާއި އެފަދަ ހުކުމްތައް ތަންފީޒު ކުރުމުން ފަގީރުކަމާއި ކުރިމަތިވާނެ ކަމަށް ސުވާލު އުފުލާ ކަމަށް ބުނެފައިވެ އެވެ.

ޝައިހް ވިދާޅުވީ އެ ކަންކަމާ ނުލައި ދުނިޔެ އާރާސްތު ނުކުރެވޭނެ ކަމަށް އެބައި މީހުން ބުނާ އިރު ﷲ ފިޔަވައި އެހެން އިލާހަކު ނުވާ ކަމާ މެދު ވެސް އެބައި މީހުން ދައުވާ ކުރާ ކަމަށެވެ. ނަމަވެސް ރިޒުގު ދެއްވަނީ ﷲ ކަމަށާއި އެކަލާންގެ ހުކުމް ތަންފީޒު ކުރާ ކަމަށްވާ ނަމަ ރިޒުގު ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމައެއާ އެކު ގުރުއާން ހިތުދަސް އިލްމުވެރިންނަށް ވުރެ ޖާހިލު ފިލްމްސްޓާރުން ދެކެ ލޯބިވާ މީހުން ވެސް މިއަދުގެ މުޖްތަމައުގައި އުޅޭ ކަމަށް ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު