ރާއްޖޭގައި ގާނޫނީ ހުކުމް ހިނގި ކަމަށް ގަބޫލުކުރާނީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގަށް ނަގައިގެން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ހިންގި ޖަރީމާއަށް އަދަބު ދިނުމުން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ ކެމްޕޭން ދަތުރެއްގައި ރޭ ހއ. ކެލައަށް ވަޑައިގަތް އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޖަމީލު ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޖީއެމްއާރަށް މާލޭގެ ބައިނަލްއަގްވާމީ އެއާޕޯޓު ވިއްކާލައި ވެރިކަމުގައި ހުންނަވައިގެން ކުރެއްވި ކޮރަޕްޝަންގެ އަމަލުތަކަށް އަދަބު ދެވޭނެ ކަމަށެވެ. އަދި އެ މައްސަލަތައް ވަރަށް އަވަހަށް ކޯޓުތަކުން ބަލަންފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ރާއްޖޭގައި ގާނޫނުގެ ހުކުން ހިނގި ކަމަށް ގަބޫލުކުރާނީ ރާއްޖޭގެ ކޯޓުން ކެނެރީގޭ ނަޝީދު، އަބްދުﷲ ގާޒީ ވަގަށް ނަގައިގެން ކޮށްފައިވާ ޖަރީމާއަށް އަދަބު ކަނޑައެޅިގެންދާ ވަގުތު. އެ ވަގުތު އަންނާނެ ކަމާ މެދު އެއްވެސް މީހަކު ޝައްކުކޮށްގެން ނުވާނެ. އޭގެ އިތުރުން ޖީއެމްއާރަށް މާލޭގެ އެއާޕޯޓު ވަގަށް ވިއްކާލައި އެކުރި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކާއި ވެރިކަމުގައި ހުންނަވައިގެން ވަގަށް ނެގި ފަސް ބިލިއަން ރުފިޔާގެ ކަރަޕްޝަނާ މި ކޮންމެ އަމަލަކީ މިކަން ބަލައި ނިންމި މިކަމުގެ އަދަބު ދެވެންވާނެ [ކަންކަން]،" ޖަމީލު ވިދާޅުވި އެވެ.
މީގެ އިތުރުން ފުލުހުންނާއި ސިފައިންގެ ގައިގައި ތަޅައި އެމީހުންގެ އަނބިންނަށް އަނިޔާކުރުމަށް ގޮވާލައި ކޯޓުތަކާއި ފުލުހުންގެ މަރުކަޒުތަކުގައި ހުޅުޖެހި މައްސަލަތައް ވެސް ވަރަށް އަވަހަށް ކޯޓުތަކުން ބަލައި އެކަންކަމަށް ގޮވާލާ މީހުންނަށް ޓެރަރިޒަމްގެ ދައުވާކޮށް ދިގު މުއްދަތަކަށް ޖަލަށް ލެވިގެންދާނެ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.
ޑރ. އަފްރާޝީމް އަލީ ރަހުމުކުޑަ ގޮތަކަށް މަރާލީ އެމްޑީޕީން ކަމަށް ފާހަގަކުރައްވައި ޖަމީލު ވިދާޅުވީ އެ ހާދިސާގެ ތަހުގީގުގައި ރައްޔިތުން މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރި އަބްދުﷲ ޖާވިދުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވުން އެއީ ދިވެހި ރައްޔިތުން ވިސްނަންވީ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންތައްތަކުގެ ސަބަބުން ދެން އެމްޑީޕީގެ ސަރުކާރަކަށް މިރާއްޖޭގެ ވެރިކަމަކަށް ނާދެވޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.