އަމިއްލަ އަށް ހަލާކު ނުވާ ގޮތަކަށް ކުރިއަށް ދިއުމަށް ޓަކައި ބަދަލުތަކެއް ބޭނުންވޭ: ރައީސް ވަހީދު

ރާއްޖެ އަމިއްލަ އަށް ހަލާކުވެ ނުދިއުމަށް ޓަކައި ސިޔާސީ ނިޒާމަށް ބަދަލުތަކެއް ބޭނުންބާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 48 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ-މޯލްޑިވްސް (ފެއިމް) އިން ރޭ ޓްރޭޑާސް ހޮޓަލުގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ ބައިބައި ވުމުގެ ސަބަބުން ރާއްޖޭގެ އިޖުތިމާއީ ފޭރާމަށް މިހާރު ވެސް މާ ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވަނީ ވަރަށް ހަމަނުޖެހުން ބޮޑު ފަސް އަހަރު ދެކެފައި، 2008 ވަނަ އަހަރު އަޅުގަނޑުމެން ލިބިގަތް ގާނޫނު އަސާސީ މައިގަނޑު ގޮތެއްގައި މުރާޖައާ ކުރަން ވަނީ ބޭނުން ވެފައި، އަޅުގަނޑުމެން ތައާރަފްކޮށްފައި މިވާ ސިޔާސީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ޖެހިފައި، އެއީ އަމިއްލަ އަށް ހަލާކުވުމާ ދިމާއަށް ނުދިއުމަށް ޓަކައި، " ރައީސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރާއްޖެ އަށް މިހާރު އަނެއްކާ ވެސް އާދެވިފައި މިވަނީ ވަރަށް ނާޒުކު ހާލަތަކަށް ކަމަށާއި އެކަމުގައި ކެތްތެރިވުން އެދިވަޑައިގަންނަވާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް އާދެވިފައި މިވަނީ އަނެއްކާ ވެސް ވަރަށް ނާޒުކު ވަގުތަކަށް. އަޅުގަނޑުމެންގެ ހިތްވަރު ހުރިވަރު އިމްތިހާނު ކުރެވިގެންދާނެ ވަގުތަކަށް. ތިޔަބޭފުޅުން ކެތްތެރިވެވަޑައިގެންނެވުމަށް އަޅުގަނޑު އެދެން،" ރައީސް ވަހީދު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު